ދަގަނޑުގެ ބައި މަދުވުމަކީ މުޅި ދުނިޔޭގައިވެސް އެންމެ އާންމުކޮށް ފެންނަ ކާނާގެ މާއްދާއެއް އުނިވުމުގެ މައްސަލައެވެ. މިކަމުގެ އަސަރު އެންމެ ބޮޑަށް ކުރަނީ އަންހެނުންނަށެވެ.
ހާއްސަކޮށް ދަރިމައިވުމުގެ އުމުރުގެ އަންހެނުންނަށް މި މައްސަލަ ކުރިމަތިވުން އިތުރެވެ. މިކަން ދިމާވަނީ ހަށިގަނޑުގެ އެކި ބައިތަކަށް އޮކްސިޖަން ފޯރުކޮށްދޭ ލޭގެ ރަތް ސެލްތަކުގައި ހުންނަ "ހީމޯގްލޯބިން" ނަމަކަށް ކިޔާ ޕްރޮޓީން އުފެއްދުމަށް ބޭނުންވާ މިންވަރަށް ދަގަނޑުގެ ބައި ހަށިގަނޑުގައި ނެތުމުންނެވެ.
އަންހެނުންނަށް މި ނުރައްކާ ބޮޑީ ކޮންމެ މަހަކުވެސް އަންނަ މައްސަރު ކަންތަކުގައި ލޭ ބޭރުވުމުގެ ސަބަބުންނާއި، މާބަނޑު ދުވަސްވަރު ހަށިގަނޑަށް ދަގަނޑުގެ ބައި ބޭނުންވާ މިންވަރު އިތުރުވުމުގެ ސަބަބުންނެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އުމުރުން 12 އަހަރާއި 49 އަހަރާ ދެމެދުގެ އަންހެނުންގެ ތެރެއިން 12 އިންސައްތަ މީހުންނަށް ކުޑަކޮށް ލޭމަދުވުމުގެ މައްސަލަ ކުރިމަތިވެއެވެ. އަދި މާބަނޑު މީހުންގެ މެދުގައި މި ނިސްބަތް މިއަށްވުރެ މަތިވާއިރު، މީގެ މައިގަނޑު ސަބަބަކީ ދަގަނޑުގެ ބައި މަދުވުމެވެ.
ދަގަނޑުގެ ބައި މަދުވާ ފުރަތަމަ ކޮޅުގައި މާ ބޮޑު އަލާމާތްތަކެއް ފެންނަން ނުހުރެދާނެއެވެ. ނަމަވެސް، މި މައްސަލަ ބޮޑުވެ ލޭމަދުވުމާ ހަމައަށް ދާއިރު، މާބޮޑަށް ވަރުބަލިވުމާއި، ބާރުދެރަވުމާއި، ނޭވާ ކުރުވުމާއި، ހަންގަނޑު ފަނޑުވުމާއި، ބޯއެނބުރުމުގެ އިތުރުން ނިޔަފަތި ފަސޭހައިން ބިންދައިގެންދާ ގޮތް މެދުވެރިވެއެވެ. މާ ގިނައިން ލޭ ބޭރުވުމާއި ދަގަނޑުގެ ބައި ގިނަ ކާނާ އެކަށީގެންވާ ވަރަށް ނުކެއުމަކީ މި މައްސަލަ ކުރިމަތިވުމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކެވެ.
މިކަމަށް އޮތް ފަރުވާއަކީ ޑޮކްޓަރެއްގެ ލަފާގެ މަތިން ދަގަނޑުގެ ބައި އެކުލެވޭ ކާނާ އާއި ސަޕްލިމެންޓްތައް ބޭނުންކޮށްގެން ހަށިގަނޑުގައި ދަގަނޑުގެ މިންވަރު އިތުރުކުރުމެވެ. ދަގަނޑުގެ ބައި ގިނައިން އެކުލެވޭ ކާނާގެ ތެރޭގައި ސަރުބީ މަދު މަހާއި، މުގުގެ ބާވަތްތަކާއި، ގޮދަނުގެ ބައެއް ބާވަތްތަކާއި ފެހިކަން ގަދަ ފަތް ހިމެނެއެވެ. މީގެ އިތުރުން، އޮރެންޖު ފަދަ ވިޓަމިން ސީ ގިނަ ކާނާ ބޭނުންކުރުމުން ހަށިގަނޑަށް ދަގަނޑުގެ ބައި ދަމައިގަތުމަށް އިތުރު އެހީތެރިކަމެއް ލިބެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ހާމަކުރާ ގޮތުގައި، ދަގަނޑުގެ ބައި މަދުވުމުން ރައްކާތެރިވުމާއި އެކަމަށް ފަރުވާ ހޯދުމަކީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދީ، މާބަނޑު ދުވަސްވަރު ދިމާވާ ނުރައްކާތައް ކުޑަކޮށްދޭ ކަމެކެވެ. މީގެ ތެރޭގައި ދުވަސް ނުފުރާ ވިހެއުމާއި އުފަންވާއިރު ކުއްޖާގެ ބަރުދަން ލުއިވުން ފަދަ ކަންކަން ހިމެނެއެވެ. އެހެންކަމުން، ސިއްހީ މާހިރުން ލަފާދެއްވަނީ މިފަދަ އަލާމާތެއް ފެންނަ ނަމަ ނުވަތަ މިކަމުގެ ނުރައްކާ އޮތް ކަމަށް ބެލެވޭ ނަމަ، ދިގުމުއްދަތުގެ ސިއްހީ މައްސަލަތަކުން ސަލާމަތްވުމަށްޓަކައި ޓެސްޓުކޮށް ބަލި ދެނެގަތުމަށެވެ.
ރެފަރެންސް: ހާރްވާޑް ހެލްތް، 2023، ވޯލްޑް ހެލްތް އޯގަނައިޒޭށަން، 2023.
