އެންޓިބަޔޮޓިކަކީ ބެކްޓީރިއާގެ ސަބަބުން ޖެހޭ ބަލިތަކަށް ފަރުވާކުރުމަށް، ބެކްޓީރިއާ ނައްތާލުމަށް ނުވަތަ އޭގެ އާލާވުން މަޑުޖައްސާލުމަށް ބޭނުންކުރާ ބޭހެކެވެ. މި ފަރުވާގެ އެންމެ އެދެވޭ ނަތީޖާ ހޯދުމަށްޓަކައި، ޑޮކްޓަރު އިރުޝާދު ދެއްވާފައިވާ މިންވަރަށް އަދި ކަނޑައެޅިފައިވާ ވަގުތުތަކުގައި ބޭސް ބޭނުންކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. ބޭސް ބޭނުންކުރަންޖެހޭ ވަގުތަށްވުރެ ލަސްވުމުން ނުވަތަ ބޭސް ފުރިހަމަނުކޮށް ހުއްޓާލުމުން، ހަށިގަނޑުގައި ހުންނަ ބައެއް ބެކްޓީރިއާ ނުމެރުމުގެ ފުރުސަތު އޮވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން އެ ބެކްޓީރިއާތައް އިތުރަށް އާލާވެ، "އެންޓިމައިކްރޯބިއަލް ރެސިސްޓަންސް" ނުވަތަ ބޭހަށް ނުގުޑާ ބެކްޓީރިއާ އުފެދުމަށް މަގުފަހިވެއެވެ. މީގެ ސަބަބުން، އާންމުކޮށް ޖެހޭ ބަލިތަކަށް ފަރުވާކުރުން ދަތިވެ، ބައެއް ހާލަތްތަކުގައި މިހާރު ހުރި އެންޓިބަޔޮޓިކްތަކުން ބަލި ފަސޭހަނުވުން އެކަށީގެންވެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ހާމަކުރައްވާފައިވާ ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭހަށް ނުގުޑާ ބެކްޓީރިއާ ދަނީ އިތުރުވަމުންނެވެ. މީގެ ސަބަބުން ޒަމާނީ ސިއްހީ ނިޒާމުގެ ތެރެއިން ދެވޭ މުހިންމު ފަރުވާތަކަށް ބޮޑެތި ގޮންޖެހުންތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. އެމެރިކާގެ ސީ.ޑީ.ސީ އިން ފާހަގަކުރާ ގޮތުގައި، ބޭހަށް ނުގުޑާ ބެކްޓީރިއާގެ ސަބަބުން ޖެހޭ ބަލިތަކަށް ފަރުވާކުރުމަށްޓަކައި ހޮސްޕިޓަލުގައި ގިނަ ދުވަހު އޮންނަންޖެހުމާއި، އުނދަގޫ އަދި އަގުބޮޑު ފަރުވާތައް ކުރަންޖެހެއެވެ. އަދި މިފަދަ ބަލިތަކަށް ބޭނުންކުރަންޖެހޭ ބައެއް ބޭސްތަކުގެ ސަބަބުން ހަށިގަނޑަށް ނޭދެވޭ އަސަރުތައް ކުރުމުގެ ފުރުސަތު ބޮޑުވުމުގެ އިތުރުން، ބަލި މީހާގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތުވެސް އޮވެއެވެ.
އެންޓިބަޔޮޓިކް ފަރުވާ އިރުޝާދާ އެއްގޮތަށް ފުރިހަމަނުކުރުމަކީ ހަމައެކަނި އެ ފަރުވާ ހޯދާ މީހާއަށް އޮތް ނުރައްކަލެއް ނޫނެވެ. މިއީ މުޅި މުޖުތަމައަށް އޮތް ބޮޑު ނުރައްކަލެކެވެ. ސަބަބަކީ ބޭހަށް ނުގުޑާ މިފަދަ ބެކްޓީރިއާތައް މުޖުތަމައުގެ ތެރޭގައި ފެތުރިގެން ދާތީއެވެ. އެހެންކަމުން، ކުރިމަގުގައިވެސް މި ފުރާނަ ސަލާމަތްކޮށްދޭ ބޭސްތަކުގެ ފައިދާ ލިބިގަތުމަށްޓަކައި، އެންޓިބަޔޮޓިކް ރަނގަޅު ގޮތުގައި ބޭނުންކުރުމަކީ މުހިންމު އިސްތިރާތީޖީއެއް ކަމުގައި ދުނިޔޭގެ ސިއްހީ އިދާރާތަކުން ބާރުއަޅައެވެ.
ރެފަރެންސް: ވޯލްޑް ހެލްތް އޯގަނައިޒޭށަން، 2025 އަދި ސެންޓާ ފޯ ޑިޒީސް ކޮންތރޯލް އެންޑް ޕްރިވެންށަން، 2024
