ކުޑަކުއްޖަކު ރޯން ފެށުމުން ނުވަތަ ބޮޑާހާކަން ފެށުމުން، އެކަން ހުއްޓުވުމަށް އެންމެ ފަސޭހަ ހައްލަކަށް ގިނަ މައިންބަފައިންނަށް މިހާރު ފެންނަނީ އަތުގައި އޮންނަ ސްމާޓް ފޯނު ނުވަތަ ޓެބްލެޓް ދިއްކޮށްލުމެވެ. މިއީ ވަގުތީ ގޮތުން ކުއްޖާ މަައިތިރިވި ނަމަވެސް، ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި މިއީ ކުއްޖާގެ މުޅި އުމުރަށް ދެވޭ ވަރަށް ބޮޑު ނަފްސާނީ ގެއްލުމެކެވެ. ސައިންސްވެރިން އިންޒާރުދެނީ ކުދިން ރުއިން ހުއްޓުވުމަށް ސްކްރީން ބޭނުންކުރުމަކީ، ފުރާވަރުގައި އެ ކުދިންނަށް "އެންޒައިޓީ" ނުވަތަ ހާސްވުމުގެ ބަލި ޖެހުމަށް މަގުފަހިވާ މައިގަނޑު ސަބަބު ކަމަށެވެ.

ޖަމާ ޕީޑިއެޓްރިކްސްގައި ޝާއިއުކޮށްފައިވާ ފަހުގެ ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި، އުމުރުން 3 އަހަރާއި 5 އަހަރާ ދެމެދުގެ ކުދިން ރުޅިގަދަވުމުން، އެ ކުދިން ހަމަޔަކަށް އެޅުވުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރާނަމަ، އެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނުރަނގަޅު އަސަރުކުރެއެވެ. މި ދިރާސާއިން ދައްކާ ގޮތުގައި މިފަދަ ކުދިންނަށް އަމިއްލަ ޖަޒުބާތުތައް ކޮންޓްރޯލް ކުރާކަށް ނޭނގެއެވެ. ސަބަބަކީ ރުޅި އައުމުން ނުވަތަ ދެރަވުމުން އެ އިހުސާސްތަކާ ކުރިމަތިލުމުގެ ބަދަލުގައި، ފޯނުން ފެންނަ މަންޒަރުތަކަށް ގެއްލި، އެ އިހުސާސްތައް "އައްސި" ކޮށްލާތީއެވެ.

މިކަމާ ގުޅޭގޮތުން ޔުނިވާސިޓީ އޮފް މިޗިގަންގެ ހެލްތު މާހިރެއް ކަމަށްވާ ޑރ. ޖެނީ ރަޑެސްކީ ވިދާޅުވެފައިވަނީ، ފޯނަކީ "ޑިޖިޓަލް ޕެސިފަޔާ" އެއް ނުވަތަ ޑިޖިޓަލްކޮށް ކުދިން މައިތިރިކުރާ އެއްޗެއްގެ ގޮތުގައި ބޭނުންކުރުން ހުއްޓާލަން ޖެހޭ ކަމަށެވެ. 

"ކުދިންނަށް ދަސްވާންޖެހޭނެ ފޫހިވުމުންނާއި މާޔޫސްވުމުން އަރައިގަންނާނެ ގޮތް. މައިންބަފައިން އަބަދު ފޯނު ދީގެން އެކަން ހައްލުކޮށްދޭނަމަ، ކުއްޖާގެ ސިކުނޑީގައި އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމުގެ ގާބިލުކަން ނުއުފެދޭނެ،" ޑރ. ޖެނީ ވިދާޅުވިއެވެ.

މާހިރުން ލަފާދެނީ ކުއްޖާ ރޯން ފެށުމުން ފޯނު ދިނުމުގެ ބަދަލުގައި، އެ ކުއްޖާ ގައިގައި ބައްދާލައި، ވާހަކަ ދައްކައިގެން މައިތިރި ކުރުމަށެވެ. އަދި ކުއްޖާ ރުޅިގަދަވާ ވަގުތުތަކުގައި އެ ކުއްޖާގެ އިހުސާސްތައް ދެނެގަނެ، އެކަމަށް ވަގުތު ދިނުމަކީ މުހިންމު ކަމެކެވެ. މިހާރު ފަސޭހައަކަށް ފޯނު ދިން ނަމަވެސް، އޭގެ ނަތީޖާއަކަށް ވެގެންދަނީ މުސްތަގުބަލުގައި ނަފްސާނީ މައްސަލަތައް ހުންނަ، ކަންކަމާ ކުރިމަތިލާން ނުކުޅެދޭ މީހަކަށް އެ ކުއްޖާ ވެގެން ދިއުމެވެ.