ސްރީ ލަންކާގެ ބައެއް ހިސާބުތަކަށް މަރުވެފައިވާ ވެލާތަކަކާއި ބޮޑުމަސް ތަކެއް ލައްގަން ފަށައިފި އެވެ.

އެގައުމުގެ ރިޕޯޓުތައް ބުނާގޮތުން ބޮޑު މަހާއި ވެލާ މަރުވަން ދިމާވި ސަބަބަކީ ލަންކާގެ ބޭރުގައި އޮތް ބޯޓެއްގައި އަލިފާން ރޯވެ ކަނޑަށް ތެޔޮ ބޭރުވުމުގެ ސަބަބުންނެވެ. އެ ބޯޓުން ވަނީ ގިނަ އަދަދެއްގެ ޕްލާސްޓިކާއި ވިހަ ކެމިކަލް ވެސް ކަނޑަށް ބޭރުވެފަ އެވެ.

ސިންގަޕޫރުގައި ރަޖިސްޓްރީކޮށްފައިވާ އެމްވީ އެކްސް-ޕްރެސް ބޯޓުގައި ރޯވި އިރު ގިނަ އަދަދެއްގެ ކެމިކަލް އެ ބޯޓުގައި ހުއްޓެވެ. އޭގެ ތެރޭގައި 25 ޓަނުގެ ނައިޓްރިކް އެސިޑް ވެސް ހިމެނެ އެވެ. ޖޫން 2 ވަނަ ދުވަހުން ފެށިގެން ކޮލަމްބޯގެ ބޭރަށް އެ ބޯޓު ދިޔައީ ފެތެމުންނެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެގައުމުގެ ދެކުނުގެ ގޮނޑޮދޮށްތަކަށް 15 އަށް ވުރެ ގިނަ ވެލާ ލައްގާފައިވާ ވެއެވެ. ޖަފްނާ ސަރަހައްދަށް ވެސް ވަނީ މަރުވެފައިވާ ބޮޑު މަހެއް ލައްގައިފަ އެވެ.

އެގައުމުގެ ވައިލްޑް ލައިފް އޮފިސަރުން ވިދާޅުވާ ގޮތުގައި މަރުވެގެން މި ލައްގާ ދިރޭތަކެއްޗާއި، މީގެ ކުރިން އަނދައިގެން ދިޔަ ބޯއްޓާއި ސީދާ ގުޅުން ވާކަމަށެވެ.

ލަންކާގެ ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި މެއި 20 ވަނަ ދުވަހު ބޯޓުގައި ރޯވި ފަހުން އެގައުމުގެ އެކި ހިސާބުތަކަށް މަރުވެފައިވާ 50 އަށް ވުރެ ގިނަ ވެލަ އާއި ގިނަ އަދަދެއްގެ ކޯމަސް ލައްގާފައިވެ އެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ އެހެން ބާވަތްތަކުގެ މަސް ވެސް ދަނީ ލައްގަމުންނެވެ.

ލަންކާ ސަރުކާރުން ދަނީ ބޯޓުން ބޭރުވި ކެމިކަލްތަކުގެ ސަބަބުން އެ ގައުމަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 40 މިލިއަން ޑޮލަރު ހޯދުމަށް މަސައްކަތް ކުރަމުންނެވެ.