ތިލަފުށީ ވެމްކޯ ސައިޓުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީއަކު ގެއްލިގެން ހޯދަމުން ދަނިކޮށް، ކުނިތަކުގެ ދަށުން މަރުވެފައި އޮއްވައި ފެނުނު މައްސަލައިގެ ހަގީގަތް ފުލުހުން ހާމަކޮށްފިއެވެ. ފުލުހުން ބުނީ ސީސީޓީވީ ފުޓޭޖުތަކުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އެ މީހާގެ ގައިގައި ޖެހުނު ނަމަވެސް، އޮޕަރޭޓަރު މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ހިނގި މި ހިތާމަވެރި ހާދިސާގައި މަރުވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަމީން މިއާއެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި ހާދިސާ ހިނގީ ކުނި ޖަމާކޮށްފައިވާ ސަރަހައްދެއްގައި އެކްސްކެވޭޓަރުން ކުނި ނެގުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އަމީންގެ ގައިގައި އެކްސްކެވޭޓަރުގެ ދަތްގަނޑުން ޖެހި އޭނާ ވެއްޓުނު ނަމަވެސް، އޮޕަރޭޓަރު ވަނީ އެތަނުން ކުނި ނަގައި އެހެން ދިމާލަކަށް އެޅުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށް ގެންގޮސްފައެވެ. އޭގެ ނަތީޖާއަކަށްވީ އަމީންގެ ހަށިގަނޑު މައްޗަށް ކުނިތައް އެޅި ފޮރުވުމެވެ.

މި މައްސަލައާ ގުޅިގެން އެކްސްކެވޭޓަރު އޮޕަރޭޓްކުރި މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 32 އަހަރުގެ ސްރީލަންކާގެ ފިރިހެނެކެވެ. ފުލުހުން ބުނީ ސީސީޓީވީ ފުޓޭޖުން ހާދިސާ ހިނގި ގޮތް ވަރަށް ސާފުކޮށް ފެންނަން ހުރި ކަމަށެވެ.

މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާއިރު، ތަހުގީގަށް ލިބޭ ކުރިއެރުންތަކާ އެކު މައުލޫމާތު ހާމަކުރަމުން ގެންދާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި މިފަދަ ހައްސާސް މައްސަލަތަކުގެ ހަބަރުތައް ގެނެސްދޭއިރު، ރަސްމީ އިދާރާތަކުން ހާމަކުރާ ސައްހަ މައުލޫމާތަށް ބުރަވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.