އެލައިޑް އިންޝުއަރަންސްގެ 41 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން، މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންނާ އެކު ކުރިއަށް ގެންދާ "ރައްކާ" ކެމްޕޭން، މި އަހަރު ވެސް ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރީ މިއަދު ފާހަގަކުރަމުންދާ އެ ކުންފުނީގެ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައެވެ.

"ރައްކާ 2026" ގެ ނަމުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމަށް ހިންގާ މި ޕްރޮގްރާމްގެ އެއްބަސްވުމުގައި އެލައިޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ލުވައިޒެވެ. އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީނެވެ. މިއީ 2014 ވަނަ އަހަރުން ފެށިގެން އެލައިޑުން މުޖުތަމައުގެ ލާބައަށްޓަކައި، އިޖުތިމާއީ ޒިންމާގެ ދަށުން ފުލުހުންނާ ގުޅިގެން ކުރަމުން އަންނަ މުހިންމު މަސައްކަތެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި ފާހަގަކޮށްލެވުނު އަނެއް ކަމަކީ، އެލައިޑްގެ އިސްލާމިކް ވިންޑޯ "އަޔާދީ ތަކާފުލް" ގެ ނަން "އެލައިޑް ތަކާފުލް" ގެ ނަމަށް ރީބްރޭންޑް ކުރުމެވެ. އަދި ކުންފުނީގެ އަސްލު ނުގެއްލޭ ގޮތަށް ފަރުމާކޮށްފައިވާ އާ ލޯގޯ ވެސް ވަނީ މިއަދު ދައްކާލާފައެވެ. މިދިޔަ 2025 ވަނަ އަހަރަކީ އެ ކުންފުންޏަށް މާލީ ގޮތުންނާއި ޚިދުމަތުގެ ގޮތުން ތާރީޚީ ކާމިޔާބީތަކެއް ލިބުނު އަހަރެއްކަން ފާހަގަކޮށް، ބައިނަލްއަގުވާމީ އެވޯޑްތައް ލިބިފައިވާކަން ކުންފުނިން ހާމަކުރިއެވެ.

އަހަރީ ދުވަހުގެ އުފަލުގައި ކަސްޓަމަރުންނަށް ހާއްސަ ހަދިޔާއެއްގެ ގޮތުން، "ކޮމްޕްރިހެންސިވް މޮޓޯ އިންޝުއަރަންސް" ޕްރޮމޯޝަނެއް ވެސް ވަނީ އިއުލާންކޮށްފައެވެ. މި ޕްރޮމޯޝަންގެ ދަށުން، މިއަދުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް، އޮންލައިންކޮށް ޕޮލިސީ ނަގާ ފުރަތަމަ 41 ފަރާތަކަށް 25 ޕަސަންޓުގެ ޑިސްކައުންޓެއް ލިބޭނެއެވެ. މީގެ ތެރޭގައި އެލައިޑް ތަކާފުލްގެ ޕްލޭންތައް ވެސް ހިމެނޭނެއެވެ.

އެލައިޑުން ބުނި ގޮތުގައި 2026 ވަނަ އަހަރު އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދޭނީ ސިއްހީ ދުޅަހެޔޮކަމާ ގުޅޭ ހަރަކާތްތަކަށެވެ. އަދި ކުދި ވިޔަފާރިތަކާއި އަމިއްލަ ފަރުދުންނަށް ހާއްސަ އިންޝުއަރަންސް ޕްލޭންތައް ފުޅާކޮށް، "އޭ-ރޭޓެޑް" ރީ-އިންޝުއަރެންސް ކުންފުނިތަކާ އެކު މަސައްކަތްކޮށް، ޚިދުމަތުގެ ފެންވަރު ދެމެހެއްޓުމަށް މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.