ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި، އެލައިޑް އިންޝުއަރެންސްގެ 41 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، ނިމިދިޔަ 2025 ވަނަ އަހަރަކީ އެ ކުންފުނީގެ ތާރީހުގައި ވެސް މާލީ ގޮތުން އެންމެ ކާމިޔާބު އެއް އަހަރު ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. ކުންފުނީގެ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ އަހަރު ކުންފުނީގެ އާމްދަނީ ވަނީ ރެކޯޑު އަދަދަކަށް އިތުރުވެފައެވެ.

އެލައިޑުން ބުނި ގޮތުގައި 2024 ވަނަ އަހަރާ އަޅާބަލާއިރު 2025 ވަނަ އަހަރުގެ މާލީ ނަތީޖާ ވަރަށް ފުރިހަމައެވެ. މާކެޓްގެ ބޮޑު ހިއްސާއެއް ކަށަވަރުކުރުމުގެ އިތުރުން، ބައިނަލްއަގުވާމީ މައިދާނުގައި ވެސް ކުންފުނި ވަނީ ފާހަގަކޮށްލެވިފައެވެ. އެގޮތުން އިސްލާމިކް ފައިނޭންސް ފޯރަމް އޮފް ސައުތް އޭޝިއާ (އިފްސާ) އިން ދޭ، ފާއިތުވި ދިހަ އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ތަކާފުލް ވިންޑޯގެ ޝަރަފުވެރި އެވޯޑާއި، ގްލޯބަލް އިސްލާމިކް ފައިނޭންސް އެވޯޑްސް (ޖިފާ) ގެ އެކްސެލެންސް އެވޯޑް 2025 އެ ކުންފުނިން ވަނީ ކާމިޔާބުކޮށްފައެވެ.

މި ކާމިޔާބީތަކާ އެކު، ކުންފުނީގެ އިސްލާމިކް ވިންޑޯއަށް 10 އަހަރު ފުރުމާ ގުޅިގެން "އަޔާދީ ތަކާފުލް" ގެ ނަން ވަނީ "އެލައިޑް ތަކާފުލް" އަށް ރީބްރޭންޑް ކޮށްފައެވެ. އަދި ކުންފުނީގެ އަސްލު ނުގެއްލޭނެހެން ފަރުމާކޮށްފައިވާ އާ ލޯގޯއެއް ވެސް މިއަދު ވަނީ ރަސްމީކޮށް ދައްކާލާފައެވެ. މީގެ އިތުރުން 2026 ވަނަ އަހަރަށް ކުންފުނިން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައި، މުޖުތަމައުގެ ސިއްހީ ދުޅަހެޔޮކަމަށް މަސައްކަތް ކުރުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ސަމާލުކަމެއް ދިނުން ހިމެނެއެވެ.

އަހަރީ ދުވަހުގެ އުފަލުގައި ކަސްޓަމަރުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ހާއްސަ ޕްރޮމޯޝަނެއް ވެސް ވަނީ ފަށާފައެވެ. އެލައިޑުން ބުނި ގޮތުގައި މިއަދުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް، އޮންލައިންކޮށް މޮޓޯ ކޮމްޕްރިހެންސިވް ޕޮލިސީ ނަގާ ފުރަތަމަ 41 ކަސްޓަމަރުންނަށް 25 ޕަސަންޓުގެ ޑިސްކައުންޓެއް ލިބޭނެއެވެ. ކުންފުނިން ބުނީ 2026 ވަނަ އަހަރު ވެސް މަސައްކަތް ކުރާނީ "އޭ-ރޭޓެޑް" ރީ-އިންޝުއަރެންސް ކުންފުނިތަކާ އެކު، ރައްޔިތުންނަށް އެންމެ އިތުބާރު ހިފޭ ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.