އަމިއްލަ ސާފުތާހިރުކަމަކީ ހަމައެކަނި ކޮންމެ ދުވަހަކު ކުރަންޖެހޭ އާދައިގެ ކަމެއް ނޫނެވެ. މިއީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށާއި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ވަރުގަދަކުރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. ގަވާއިދުން އަތްދޮވުމާއި، ފެންވެރުމާއި، ދަތް އުނގުޅުމާއި، އަދި ސާފު ހެދުން އެޅުން ފަދަ ރަނގަޅު އާދަތަކުގެ ސަބަބުން އަރިދަފުސް ރޯގާ، އިންފްލުއެންޒާ އަދި ހަމުގެ ބަލިތައް ފަދަ ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިކޮށްދެއެވެ. ސާފުތާހިރުކަމަށް ފަރުވާކުޑަކުރުމުން ބަނޑުގެ ބަލިތަކާއި، ދަތުގެ މައްސަލަތަކުގެ އިތުރުން ގައިން ނުބައިވަސް ދުވުން ފަދަ ކަންކަން މެދުވެރިވެއެވެ. މީގެ ސަބަބުން ޖިސްމާނީ ދުޅަހެޔޮކަމަށާއި އިޖުތިމާއީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރެއެވެ.
ހާވާޑް ހެލްތް، 2022 ގައި ބުނާގޮތުން ސިއްހީ ފައިދާތަކުގެ އިތުރުން، އަމިއްލަ ސާފުތާހިރުކަމަކީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރާ ނުހަނު ގުޅިފައިވާ ކަމެކެވެ. ތިމާއީ ސާފުތާހިރު އަދި ތަރުތީބު މީހެއްކަމުގެ އިހުސާސް ކުރެވުމުން، އިޖުތިމާއީ، ތައުލީމީ އަދި މަސައްކަތުގެ މާހައުލުގައި އެހެން މީހުންނާ މުއާމަލާތްކުރުމަށް ފަސޭހަވެ، ހިތްހަމަޖެހުން ލިބިގެންދެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ސާފުތާހިރުކަމަށް ލޯބިކުރާ މީހުންނަކީ ޒިންމާދާރު، ގުޅުން ބަދަހިކުރަން ފަސޭހަ އަދި ގާބިލު ބައެއްގެ ގޮތުގައި މުޖުތަމައު ބަލައިގަނެއެވެ. މީގެ ސަބަބުން އަމިއްލަ ދިރިއުޅުމުގައާއި ވަޒީފާގެ ދާއިރާގައި އޮންނަ ގުޅުންތަކަށް ހެޔޮ އަސަރުތަކެއް ކުރެއެވެ.
ހާއްސަކޮށް ދަރިވަރުންނާއި ވަޒީފާ އަދާކުރާ ފަރާތްތަކަކީ ކޮންމެ ދުވަހަކު ގިނަ ބަޔަކާ ބައްދަލުވާ ބަޔަކަށްވާއިރު، ސާފުތާހިރުކަމުގެ އާދަތައް ހިފެހެއްޓުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. ދުވާލަކު ދެ ފަހަރު ދަތް އުނގުޅުމާއި، ކެއުމުގެ ކުރިން އަތްދޮވުމާއި، އަދި އިސްތަށިގަނޑާއި ނިޔަފަތިތައް ރީތިކޮށް ބެލެހެއްޓުން ފަދަ ކުދިކުދި އާދަތަކުން ވެސް ބޮޑު ބަދަލެއް ފެނިގެންދާނެއެވެ. ސިއްހީ ރައްކާތެރިކަމާއެކު އަމިއްލަ ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަކީ ހަށިގަނޑު ބަލިތަކުން ސަލާމަތްކޮށްދިނުމުގެ އިތުރުން، މީހާގެ އިތުބާރު ވަރުގަދަކޮށް، މުޖުތަމައު ބަލައިގަންނަ، ފުރިހަމަ ދިރިއުޅުމަކަށް މަގުފަހިކޮށްދޭ ކަމެކެވެ.
