ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތަރައްގީކުރާ 3,260 "އެފޯޑަބަލް ހައުސިން" ޔުނިޓު ނުވަތަ އަގުހެޔޮ ފްލެޓްތަކުގެ މަސައްކަތް ނިންމައި، 2028 ވަނަ އަހަރުގެ މެދުތެރޭގައި ހަވާލުކުރާނެ ކަމަށް އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ބީއެމްއެލްގެ ކުޑަހުވަދޫ ބްރާންޗް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ކުލި ދައްކައިގެން މިލްކުކުރެވޭ ގޮތަށް ނުވަތަ "ލީސް ޓު އޯން މޮޑެލް" އަށް ހިންގާ މި މަޝްރޫއުގެ އަމަލީ މަސައްކަތް މިހާރު ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން މާލެ ސަރަހައްދުގައި ގިނަ އަދަދެއްގެ ހައުސިން ޔުނިޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
ވިލިމާލެ: 300 ހައުސިން ޔުނިޓް
ހުޅުމާލެ (ފޭސް 1 އަދި 2): 2,700 ހައުސިން ޔުނިޓް
ޝަރީފް ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުތައް ކުރިއަށް ގެންދަނީ އެމްއެމްއޭގެ "އިންކްލޫސިވް ނެޝަނަލް އެފޯޑަބަލް ހައުސިން ސްކީމް" ގެ މިންގަނޑުތަކާ އެއްގޮތަށެވެ. އަދި މިކަން ބަލަހައްޓަނީ ބޭންކުން އުފައްދާފައިވާ ޚާއްސަ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ "ބީއެމްއެލް އެފޯޑަބަލް ހޯމް ލީޒިން ޕްރައިވެޓް ލިމިޓެޑް" އިންނެވެ.
ފްލެޓްތައް އެޅުމަށް ހަވާލުކޮށްފައިވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު ކުންފުނިތަކަކަށެވެ. މި ކުންފުނިތައް ހޮވާފައިވަނީ ގަވަނަންސް އަދި ރިސްކް ސްޓޭންޑަޑްތަކަށް ބެލުމަށްފަހު ވަރަށް ފުރިހަމަ އިވެލުއޭޝަނަކަށް ފަހުގައެވެ.
ދިވެހި ކުންފުނިތައް: އަމީން ކޮންސްޓްރަކްޝަން، އެފްޑަބްލިއު ކޮންސްޓްރަކްޝަން އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ).
ބޭރުގެ ކުންފުނިތައް: ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް އަދި ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން.
މީގެ އިތުރުން، ސަރުކާރުން ހިންގާ އުމްރާނީ ތަރައްގީގެ އެހެނިހެން ބޮޑެތި މަޝްރޫއުތަކަށް ވެސް ބޭންކިންގެ އުސޫލުތަކުގެ ތެރެއިން "ކޮންޓްރެކްޓަރ ފައިނޭންސިން" ދޫކުރަމުންދާ ކަމަށް އެމްޑީ ޝަރީފް ވިދާޅުވިއެވެ.
