އުރީދޫ ފަލަސްތީނުގެ ހިންގުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ޝާޑީ ގަވަސްމީ، އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް މިއަދު އައްޔަންކޮށްފިއެވެ.
ޝާޑީ ގަވަސްމީއަކީ އުރީދޫ ގްރޫޕުގައި 2015 ވަނަ އަހަރުން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދަވާ ތަޖުރިބާކާރު ބޭފުޅެކެވެ. އުރީދޫ މޯލްޑިވްސްއާ ހަވާލުވެވަޑައިގަތުމުގެ ކުރިން، އޭނާ ވަނީ އުރީދޫ ފަލަސްތީނުގެ ޗީފް ކޮމާޝަލް އޮފިސަރުކަމާއި، ސޭލްސް ޑިރެކްޓަރުކަމުގެ އިތުރުން ހެޑް އޮފް ބްރޭންޑް އެންޑް ކޮމިއުނިކޭޝަންސް ފަދަ އިސް މަގާމުތައް ފުރުއްވާފައެވެ.
އުރީދޫން ހާމަކުރި ގޮތުގައި ޝާޑީއަކީ ޓެލެކޮމިއުނިކޭޝަން، ސްޓްރެޓެޖީ އަދި ބްރޭންޑް މެނޭޖްމަންޓްގެ ދާއިރާއިން 10 އަހަރަށްވުރެ ގިނަ ދުވަހުގެ ލީޑަޝިޕް ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އުރީދޫ ފަލަސްތީނުގައި ހުންނެވިއިރު، އެ ކުންފުނީގެ މާކެޓް ފުޅާކުރުމަށާއި، އާ ޓެކްނޮލޮޖީތައް ތައާރަފުކުރުމުގެ އިތުރުން ކުންފުނި ހިންގުމުގެ ނިޒާމަށް ޒަމާނީ ބަދަލުތައް ގެނައުމުގައި އޭނާ ވަނީ މުހިންމު ރޯލެއް އަދާކުރައްވާފައެވެ.
ތައުލީމީ ގޮތުން ޝާޑީ ވަނީ ފްރާންސުގެ އީޑީއެޗުއީސީ ބިޒްނަސް ސްކޫލުން މާކެޓިން މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައެވެ. އަދި އެމެރިކާގެ ބްރިގަމް ޔަންގް ޔުނިވަސިޓީން މާކެޓިން ކޮމިއުނިކޭޝަންސްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލްކުރައްވާފައިވެއެވެ.
މި ބަދަލާއެކު، މީގެ ކުރިން އުރީދޫގެ ސީއީއޯގެ މަގާމުގައި ހުންނެވި ޚާލިދު ޙަސަން އަލް-ޙަމާދީ ވަނީ މަގާމުން ވަކިވެވަޑައިގެންފައެވެ. އެ ކުންފުނިން ވަނީ ޚާލިދުގެ ލީޑަޝިޕްގެ ދަށުން އުރީދޫ މޯލްޑިވްސްއިން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް އޭނާއަށް ޝުކުރު އަދާކޮށްފައެވެ.
ޚާލިދުގެ ދައުރުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި މުޅި ރާއްޖެއަށް 4ޖީ+ ކަވަރޭޖް ފޯރުކޮށްދިނުމާއި، އާބާދީގެ 80 އިންސައްތައަށް 5ޖީގެ ޚިދުމަތް ފުޅާކުރުން ހިމެނެއެވެ. މީގެ އިތުރުން "ޕީސް" ސަބްމެރިން ކޭބަލް ގާއިމުކުރުމާއި، ހުޅުމާލޭގައި އުރީދޫގެ އާ ހެޑްކުއާޓާޒް ހުޅުވުމާއި، އޭއައި އެސިސްޓަންޓް "އެވީ" ތައާރަފުކުރުމަކީ ވެސް ޚާލިދުގެ ލީޑަޝިޕްގައި ހިންގުނު މުހިންމު މަޝްރޫއުތަކެކެވެ. އަދި އޭނާގެ ދައުރުގައި އުރީދޫން ވަނީ ސިއްހީ ދާއިރާއަށް އެހީވުމުގެ ގޮތުން އެއާ އެމްބިއުލާންސްގެ ޚިދުމަތަށް ވެސް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.
