ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަލަށް ތައާރަފުކުރާ ޑިޖިޓަލް ވޮލެޓް، 'ސްވައިޕް' ގެ ލިމިޓެޑް ރިލީޒްގައި ބައިވެރިވެ، އެ އެޕްލިކޭޝަން ތަޖުރިބާކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.

ބީއެމްއެލް އިން ހާމަކުރި ގޮތުގައި މި ލިމިޓެޑް ރިލީޒްގައި އެޕްލިކޭޝަން ބޭނުންކުރުމުގެ ފުރުސަތު ލިބޭނީ އޮންލައިންކޮށް ރަޖިސްޓްރީ ކުރާ ފުރަތަމަ 5،000 ކަސްޓަމަރުންނަށެވެ. މިއީ ރާއްޖެއާއި ރާއްޖޭން ބޭރަށް ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ 100 އިންސައްތަ ދިވެހި އުފެއްދުމެކެވެ.

ރަޖިސްޓްރީވުމަށްފަހު ކަސްޓަމަރުންނަށް 'ސްވައިޕް' ގެ ގިނަ ފީޗާތަކެއް ބޭނުންކުރެވޭނެއެވެ. އޭގެ ތެރޭގައި:

ޕާސަން-ޓު-ޕާސަން ޓްރާންސްފާގެ ހިދުމަތް.
ކިއުއާރް ކޯޑު މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުން.
އެޕްލިކޭޝަން މެދުވެރިކޮށް ކުރާ ހޭދަތަކުގެ ތަފާސްހިސާބު ބަލާލެވުން.
ޕޭމަންޓް ލިންކް ފޮނުވައިގެން ފަސޭހައިން ޓޮޕްއަޕް ކުރުމާއި، ވޮލެޓުގައި ހުންނަ ފައިސާ އަނބުރާ ބީއެމްއެލް އެކައުންޓަށް ފޮނުވާލުން.
މި ވޮލެޓަކީ މަލްޓި-ކަރަންސީ ވޮލެޓެއްގެ ގޮތުގައި ބޭނުންކުރެވޭ އެއްޗަކަށް ވުމުން، ވޮލެޓް ޓޮޕްއަޕް ކުރުމަށް ބީއެމްއެލްގެ އެކައުންޓްތަކުގެ އިތުރުން ކޮންމެ ކްރެޑިޓް އަދި ޑެބިޓް ކާޑެއް ވެސް ބޭނުންކުރެވޭނެއެވެ.

ބީއެމްއެލް އިން މައުލޫމާތު ދިން ގޮތުގައި މި އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ ރާއްޖޭގެ ރެގިއުލޭޓަރީ މިންގަނޑުތަކާއި ބައިނަލްއަގުވާމީ ޕޭމަންޓް މިންގަނޑުތަކާ އެއްގޮތަށެވެ. މިހާރު މި ހިދުމަތް ތަޖުރިބާކޮށްލަން ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.