މި އަހަރު ރާއްޖެއަށް 2.4 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް އުފާވެރި ފެށުމަކުން ފަށައި، އަހަރުގެ ފުރަތަމަ މަހުވެސް 2 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ނިމިދިޔަ ޖެނުއަރީ މަހު ރާއްޖެއަށް 224،788 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 4.6 އިންސައްތައިގެ ކުރިއެރުމެކެވެ. މިހާރުގެ ޓްރެންޑަށް ބަލާއިރު ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 7،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އާދެއެވެ.

މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކުރި އަދަދަކީ ރާއްޖޭގެ ތާރީހުގައި ވެސް އެއް މަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ފަހަރެވެ. މީގެ ކުރިން މި ރެކޯޑު އޮތީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އެ މަހު އައިސްފައިވަނީ 217،392 ފަތުރުވެރިންނެވެ.

މިދިޔަ މަހު އެންމެ ގިނައިން ފަތުރުވެރިން އައި ގައުމުތަކުގެ ލިސްޓުގެ އެއްވަނައިގައި އުޅެނީ ރަޝިއާއެވެ.

ރަޝިއާ: 29،370 ފަތުރުވެރިން
އިޓަލީ: 23،171 ފަތުރުވެރިން
ޗައިނާ: 22،676 ފަތުރުވެރިން
މީގެ އިތުރުން ގަދަ 10 އެއްގައި އިނގިރޭސިވިލާތް (20،478)، ޖަރުމަނު (14،028)، އިންޑިއާ (8،413)، ފްރާންސް (7،751)، އެމެރިކާ (6،353)، ޕޮލެންޑު (6،041) އަދި އޮސްޓްރިއާ (4،585) ހިމެނެއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ބޮޑު ބައެއް، އެއީ 68 އިންސައްތަ މީހުން ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގައެވެ. ގެސްޓުހައުސްތަކުގައި ޗުއްޓީ ހޭދަކުރަނީ 26.6 އިންސައްތަ މީހުންނެވެ.

ނިމިދިޔަ 2025 ވަނަ އަހަރު ރާއްޖެ އައީ 2.2 މިލިއަން ފަތުރުވެރިންނެވެ. އެއީ ސަރުކާރުން އެ އަހަރަށް ކަނޑައެޅި 2.3 މިލިއަންގެ އަމާޒަށް ވުރެ ކުޑަ ތަންކޮޅެއް ދަށް އަދަދެކެވެ. ނަމަވެސް މި އަހަރުގެ ފެށުން ރަނގަޅުވުމާއެކު، 2.4 މިލިއަންގެ އަމާޒަށް ވާސިލްވުމުގެ އުންމީދު ވަނީ ބޮޑުވެފައެވެ.