ގދ. ތިނަދޫގައި ހުންނަ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ހިތުގެ ބަލިތަކަށް ފަރުވާ ދިނުމުގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

ހޮސްޕިޓަލުން ބުނީ، މި ޚިދުމަތް ފެށުމަށްޓަކައި ބޭނުންވާ ޚާއްޞަ ޑޮކްޓަރު ނުވަތަ ކާޑިއޮލޮޖިސްޓް އެ ރަށަށް އައިސްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުކަމަށެވެ. އަދި ޑޮކްޓަރު އައުމާއެކު، ޖެނުއަރީ 29 ވަނަ ދުވަހުން ފެށިގެން ހިތުގެ ބަލިތަކަށް ފަރުވާ ދިނުމުގެ މަސައްކަތް ވަނީ ރަސްމީކޮށް ފަށާފައެވެ.

މި ވަގުތު އެ ހޮސްޕިޓަލުން ލިބެން ހުރި ހިތުގެ ބަލިތަކާ ގުޅޭ ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ:

ހިތުގެ ބަލިތަކަށް ޚާއްޞަ އޯޕީޑީގެ ޚިދުމަތް
ބަލިމީހުން އެޑްމިޓްކޮށްގެން ފަރުވާ ދިނުން
'އެކޯ' ހެދުމުގެ ޚިދުމަތް


މީގެ އިތުރުން، ހިތުގެ ބަލިތަކާ ގުޅުންހުރި އިތުރު ޚިދުމަތްތައް ވެސް ވަރަށް އަވަހަށް އެ ހޮސްޕިޓަލުގައި ތަޢާރަފުކުރުމަށް ހަމަޖެހިފައިވާ ކަމަށް ހޮސްޕިޓަލުން ހާމަކުރެއެވެ. މިއީ ހުވަދު އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުއިފަސޭހައެކެވެ.