ޢުމްރާއަކީ ހަމައެކަނި މައްކާގެ މާތް ބިމަށް ކުރެވޭ ދަތުރެއް ނޫނެވެ. އެއީ އިންސާނާގެ ހިތް އޭގެ ޚާލިޤުވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާއާ ގާތްވުމަށްޓަކައި ކުރާ ރޫޙާނީ ދަތުރެކެވެ. މި މަތިވެރި އަޅުކަމުގެ އަޞްލު މަޤްޞަދަކީ ހަމައެކަނި ކަނޑައެޅިފައިވާ ކަންތައްތަކެއް ފުރިހަމަކޮށްލުމެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ އިންސާނާގެ ނަފްސު ތާހިރުކޮށް، އިޚްލާޞްތެރިކަމާއެކު ﷲ އާ އޮންނަ ގުޅުން ވަރުގަދަކޮށް، އީމާންކަން އާލާކުރުމަށް ލިބޭ ރަން ފުރުޞަތެކެވެ.
މި އަޅުކަމުގެ އެންމެ މުހިންމު އަސާސަކީ އިޚްލާޞްތެރިކަމެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ: "وَأَتِمُّوا الْحَجَّ وَالْعُمْرَةَ لِلَّهِ" (البقرة: 196). މާނައީ: "އަދި ﷲ އަށްޓަކައި ތިޔަބައިމީހުން ޙައްޖާއި ޢުމްރާ ފުރިހަމަކުރާށެވެ." މި އާޔަތުން އެނގިގެންދަނީ މި އަޅުކަމުގެ ކޮންމެ ހަރަކާތެއް ވާންޖެހޭނީ ހަމައެކަނި ﷲ ގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައި ކުރެވޭ ކަމަކަށް ކަމެވެ. ހިތުގައި އިޚްލާޞްތެރިކަން ނެތް ނަމަ، އެއީ ހަމައެކަނި ހަށިގަނޑަށް ލިބޭ ވަރުބަލިކަމެކެވެ. ނަމަވެސް އިޚްލާޞްތެރިކަމާއެކު ކުރެވޭ ޢުމްރާއަކީ ހިތުގެ އަޤީދާއާއި އީމާންކަމުގެ ބަލިތަކަށް އޮތް ފަރުވާއެކެވެ.
ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ޢުމްރާގެ ދަތުރަކީ ނަފްސު އިޞްލާޙުކުރުމުގެ މަދަރުސާއެކެވެ. އިމާމް އިބްނުލް ޤައްޔިމް ވިދާޅުވެފައިވާ ގޮތުގައި، ހިތުގެ ދިރުމާއި ހަމަޖެހުން އޮތީ އެ ހިތުގެ ވެރި ރައްބާ ބައްދަލުވުމަށް އެދި ކުރެވޭ މަސައްކަތުގައެވެ. ޢުމްރާގެ ކޮންމެ ރުކުނަކީ އިންސާނާގެ ބަރުބާދުވެފައިވާ ހިތް އާރާސްތުކޮއްދޭ ކަމެކެވެ. ގެފުޅު ފެނުމާއެކު ހިތަށް ލިބޭ މަޑުމޮޅިކަމާއި، ޠަވާފުކުރުމާއި ސަޢުޔުކުރުމެގެ ތެރެއިން ލިބޭ ކެތްތެރިކަމަކީ އިންސާނާގެ ޝަޚްޞިއްޔަތު ބަދަލުކޮށްލާ ކަންކަމެވެ.
ދުނިޔަވީ އެދުންތަކާއި ފާފަތަކުގެ ސަބަބުން ކިލާވެ ބާވެފައިވާ އީމާންކަން އާލާކޮށްދިނުމަކީ ޢުމްރާގެ އެންމެ ބޮޑު އެއް ނަތީޖާއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ: "أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ" (الرعد: 28). މާނައީ: "ހިތްތައް ހަމަޖެހެނީ ﷲ ހަނދުމަކުރުމުން ނޫން ހެއްޔެވެ؟" ޢުމްރާގެ ތެރޭގައި ދުލާއި ހިތުން ކުރެވޭ ޛިކުރުތަކުގެ ސަބަބުން، ހާސްކަމާއި ނުތަނަވަސްކަމުގައިވާ ހިތްތަކަށް ފިނިކަން ލިބިގެންދެއެވެ. މިއީ އީމާންކަމުގެ ފޮނިކަން އަލުން އިޙްސާސްކޮށްދޭ "ހިތުގެ ދަތުރެކެވެ."
ޢުމްރާއަކީ ހަމައެކަނި އިޙްރާމް ބަނދެގެން ގެފުޅު ވަށާ ހަތް ބުރު ޖެހުމެއް ނޫނެވެ. އެއީ ކިލަނބުވެފައިވާ ހިތް ދޮވެ ތާހިރުކުރުމެވެ. އެއީ ﷲ އާ އޮންނަ ގުޅުން އަލުން އާކޮށް، ހެޔޮލަފާ މީހަކަށް ވުމަށް ކުރެވޭ ޢަޒުމެކެވެ. މި ދަތުރު ނިންމާލާފައި އެނބުރި އަންނަ މީހާއަކީ، އޭނާ ދިޔައިރު ހުރި މީހާއަށްވުރެ ހިތްމަޑު، ތަޤުވާވެރި އަދި ﷲ އަށް ކިޔަމަންތެރި މީހަކަށް ވެއްޖެ ނަމަ، އެމީހެއްގެ ޢުމްރާގެ މަޤްޞަދު އެވަނީ ޙާޞިލުވެފައެވެ.
ހަވާލާ: ޑރ. ޔާސިރް ޣާޒީގެ ދަރުހަކުން
