ޖަލު ހުކުމް ތަންފީޒުކޮށް ނިމިގެން މުޖުތަމައަށް ނުކުންނައިރު އާމްދަނީ ލިބޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން، 42 ގައިދީއަކަށް ކަސްކާނާ ނުވަތަ ކާދު ހަދަން ދަސްކޮށްދީފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ސޮނެވާ ނަމޫނާއާ ގުޅިގެން ހިންގާ "ކާދު ސަތޭކަ" ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްތައް ބާއްވާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 25 އިން 27 ގެ ނިޔަލަށެވެ.

މި ވޯކްޝޮޕްތަކުގައި 42 ގައިދީންގެ އިތުރުން 33 ޕްރިޒަން އޮފިސަރުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

އައްސޭރި ޖަލުގެ ގައިދީން
މާފުށީ ޖަލުގެ ފިރިހެން ގައިދީން
މާފުށީ ޖަލުގެ އަންހެން ގައިދީން


މި ޕްރޮގްރާމަކީ ޖަލުތަކުގައި އުކާލެވޭ ކާބޯތަކެތި ނުވަތަ ފުޑް ވޭސްޓް ބޭނުންކޮށްގެން ކާދު އުފައްދައި، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރާނެ ގޮތް ދަސްކޮށްދިނުމަށް ހިންގުނު ޕްރޮގްރާމެކެވެ. މިއީ މިދިޔަ އަހަރުގެ ޖުލައި 9 ވަނަ ދުވަހު ސޮނެވާ ނަމޫނާއާއެކު ސޮއިކުރި ފަހުމުނާމާގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ކަރެކްޝަންސް އިން ހާމަކުރި ގޮތުގައި މިފަދަ ޕްރޮގްރާމްތައް ހިންގުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ގައިދީން ހުކުމް ތަންފީޒުކުރުމަށްފަހު އަނބުރާ މުޖުތަމައަށް ނުކުންނައިރު، ދިރިއުޅުމުގައި އާމްދަނީއެއް ލިބޭނޭ ފަދަ މަސައްކަތެއް ނުވަތަ ހުނަރެއް ދަސްކޮށްދިނުމެވެ. އަދި އުކާލެވޭ ތަކެތިން މަންފާ ހޯދައި، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ދިރިއުޅުން ބައްޓަންކުރުމަށް ބާރުއެޅުމެވެ.

މި ވޯކްޝޮޕްތައް ކުރިއަށް ގެންގޮސްފައިވަނީ ރިހެބިލިޓޭޝަން އެންޑް ރީއިންޓަރގްރޭޝަން ކޮމާންޑްގެ އިސްނެގުމުގެ ދަށުން، އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އާ ގުޅިގެން ސޮނެވާ ނަމޫނާގެ މާހިރުންނެވެ.