ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ބިދޭސީންގެ ތެރެއިން، ފާއިތުވި ދެ އަހަރުގެ ތެރޭގައި 9,000 އަށްވުރެ ގިނަ މީހުން އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތައް ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަންތަކުގެ މައުލޫމާތު ހިއްސާކުރަމުން ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ، ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ގަވާއިދާ ޚިލާފަށް އުޅުނު އަދި ޖިނާއީ ކުށްތަކުގައި ބައިވެރިވެފައިވާ 9,188 ބިދޭސީން ރާއްޖެއިން ޑީޕޯޓްކޮށްފައިވާ ކަމަށެވެ.

މި މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާއިރު، ޓާސްކްފޯސް އިން ވަނީ މިދިޔަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުގެ ރޭ މާލޭގެ ފީރޯޒު މަގާއި ކެނެރީ މަގުގައި ހުރި ދެ އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށްފައެވެ. މި ރެއިޑްގައި ޖުމްލަ 113 ބިދޭސީން ޗެކްކުރިއިރު، އޭގެ ތެރެއިން ގަވާއިދާ ޚިލާފަށް ތިބި 16 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ސަރުކާރުން ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ހިންގާ ބިޔަ ހަރަކާތުގެ ދަށުން މިހާތަނަށް 190,000 (އެއް ލައްކަ ނުވަދިހަ ހާސް) އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފައެވެ.

މީގެ އިތުރުން، ރާއްޖެ އެތެރެވުމަށް ކޯޓާ ދޫކޮށްފައިވާ ތަން ނޫން އެހެން ތަންތަނުގައި މަސައްކަތްކުރާ ބިދޭސީން ގެންގުޅޭ ފަރާތްތަކަށް، އެމީހުން ގަވާއިދުގެ ތެރެއަށް ވެއްދުމަށް އަންނަ އޭޕްރީލް މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ވަނީ މުއްދަތު ދީފައެވެ.

ކަމާބެހޭ އިދާރާތަކުން ވަނީ ވަރުގަދަ އިންޒާރެއް ވެސް ދީފައެވެ. އެގޮތުން އަންނަ އަހަރުން ފެށިގެން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ، އިތުރު ފުރުސަތެއް ދިނުމަކާ ނުލައި އެ މީހަކު ވަގުތުން ޑީޕޯޓްކުރާނެ ކަމަށް ވަނީ ބުނެފައެވެ.