މަތިންދާ ބޯޓު އުފައްދާ މަޝްހޫރު ބޯއިން ކުންފުނިން ތައްޔާރުކުރާ އެންމެ ފާހަގަ ކޮށްލެވޭއެއް އުޅަނދުކަމުގައިވާ 737 މެކްސް ޖެޓްލައިނަރގެ ޓެސްޓް ފްލައިޓްތައް ހުކުރުދުވަހު ނިންމައިފިއެވެ. ވޮޝިންގޓަންގެ ރެންޓޯންއިން މިއުޅަނދު ޓެސްޓު ފްލައިޓަށް ނައްޓާލި މަންޒަރު ބަލަން އެކުންފުނީގެ އެތައްސަތޭކަ މުވައްޒަފުން ވަނީ އެތަނަށް ޖަމާވެފައެވެ. ކޮންމެ އުޅަނދެއްގެވެސް ފުރަތަމަ ޓެސްޓު ފްލައިޓްގައި ބައިވެރިވަނީ ހަމައެކަނި ޕައިލެޓުން ކަމުގައި ވާއިރު މިއުޅަނދުގައިވެސް ތިބީ ބޯޓް ދުއްވަން ތިބި ދެޕައިލެޓުން ކަމުގައިވާ ޖެނިފަރ ހެންޑަރސަން އަދި ޖިމް ވެބް އެވެ.
މިއުޅަނދު ވަނީ ވޮޝިންގްޓަން ސްޓޭޓް މަތިން 2 ½ ގަޑިއިރު ވަންދެން އުދުހިފައެވެ. ވޮޝިންގޓަންގެ މޮސަސްލޭކް ކައިރީގައި އޮންނަ އެއަރޕޯރޓްކަށް ތިރިކޮށްލުމަށްފަހު 11 ކިލޯމީޓަރަށް ދަތުރުކޮށްފައި ބޯޓް ޖެއްސީ ސިއެޓަލްގެ ބޮއެން ފީލްޑްއަށެވެ.
230 ޕަސިންޖަރުންގެ ޖާގަ ހިމެނޭ މިއުޅަދަކީ މިހާރު ދަތުރުތަކަށް ބޭނުންކުރާ އުޅަނދުތަކަށްވުރެ ބޮޑު އުޅަނދެކެވެ. މި އުޅަނދާއި އެންމެ އަޅާކިޔާލެވޭ އުޅަނދަކަށް މިވަގުތު އުދުހެނީ ޔޫރަޕް އެއަރބަސްގެ އޭ 321 ނިއޯ އެވެ.
ބޯއިން ކުންފުނިން އުންމީދުކުރަނީ މީގެ ޖުލްމަ 10 އުޅަނދު 2023 ހުގެ ކުރިން އެއަރލައިންތަކަށް ފޯރުކޮށްދިނުމަށެވެ.
މީގެކުރިން ބޯއިން އިން އުފައްދާފައިވާ 737 އުޅަނދުތަކާއި އަޅާބަލާއިރު މިއުޅަނދުގެ ފިއުލް މައިލޭޖް ރަނގަޅެވެ. އެއަރލައިން ތަކުން 2017 ވަނަ އަހަރު ބޯއިންގެ އުފެއްދުމެއްކަމަށްވާ މެކްސް 8 އަދި މެކްސް 9 އެއް ބޭނުންކުރަންފެށި ނަމަވެސް 2018 ވަނަ އަހަރުގެ އޮކްޓޯބަރ އަދި 2019 ވަނައަހަރުގެ މާރޗް މަހު މިމަރުކާގެ ބޯޓްތަކެއްވެއްޓި 346 މީހުންގެ ފުރާނަ ގެއްލުމާއި ގުޅިގެން މިއުޅަނދުތައް ބޭނުންކުރުން ވަނީ އެއަރލައިން ތަކުން ހުއްޓާލާފައެވެ. އެއާއިއެކު ބޯއިން އިން މެކްސްޖެޓްގެ އުޅަނދުތަކަށް ބަދަލު ގެނައުމާއެކު ބޯއިންގެ މެކްސް ޖެޓްލައިނަރ ބޭނުންކުރުމުގެ ހުއްދަ އެމެރިކާގެ ކަމާބެހޭ އިދާރާތަކުން އަލުން ދިނެވެ. މިހިފެހެއްޓުމާއި އެކު ޕެންޑަމިކްގެ ލޮކްޑައުން އާއިގުޅިގެން ބޯއިން ކޯ އަށްވަނީ މިދިޔައަހަރު 8.4 ބިލިއަން ޑޮލަރުގެ ގެއްލުމާއި ކުރިމަތިލާންޖެހިފައެވެ.
