އަތިރިމަތީގައި ދެ ފަސް ބެދޭ ހިސާބުގައި އަހަރެން އިށީދެލީމެވެ. ހަމަ ހިމޭން އެ މާހައުލުގައި އަހަރެން ވަގުތު ހޭދަ ކުރަމެވެ. އެކަހެރިވެލައިގެން ހަޔާތުގެ ގިނަ ވަގުތު ތަކުގައި ހުރެވެން ފެށީ އިއްޔެއަކު މިއަދަކު ނޫނެވެ. މިހާރު އަހަރެންގެ އުމުރުން ސާޅިހާއި ގާތްކުރަނީއެވެ. އަދި ވެސް އަހަރެން  މި ހުރީ ހުހަށެވެ. އަހަރެން މީހަކާ ނުއިންނާތީ އެ ކަމާއި މީހުން ސުވާލު ކުރެއެވެ. އޭނގެ ސަބަބު އޮޅުން ފިލުވުމަށް މަސައްކަތްކުރެވެ. މީހުންގެ ނަޒަރުގައި އަހަންނާއި އިންނާނެ މީހެއް ނުވަނީއެވެ. އެހެނަސް އެކަން ވީގޮތް އެނގޭނީ ހުދު އަހަންނަށެވެ. އަހަރެންގެ ލޯބި ހިމޭންދުނިޔެ ސިއްރެއްގެ ގޮތުގައި ފޮރުވިފައި ވަނީ އަހަރެންގެ ހިތު ތެރޭގައެވެ. އެކަން އެނގޭނެ ދެވަނަ މީހަކު މި ދުނިޔޭގައި ނެތެވެ. އަހަރެންގެ ހިތާމައަކީ އެއެވެ. އެކަނިވެރިކަމަކީ ވެސް އެއެވެ. މިއަދު ވެސް އާދައިގެ މަތިން އަހަރެން މިހުރީ އަހަރެންގެ ލޯބީގެ ދުނިޔޭގައި ވަގުތު ހޭދަކޮށްލުމަށް ރަށުގެ އެކަހެރި ހިސާބަކަށް އައިހެވެ.

ކަނޑުން އަރައިގެން އައިސް ގައިގާ ބީހިލަމުން ދަނީ ނަލަނަލަ ފިނި ރޯޅިތަކެވެ. ހަލުވިކަމާއެކު އެކި ކޮޅުކޮޅަށް ދުވެލެ ދުވެލާ ހުރި ކިރު ކަކުނި ތަކުގެ ސަބަބުން ތަނުގެ ހިތްގައިމުކަން އިތުރު ވެފައިވެއެވެ. އެހެނަސް އެއިން އެއްކަމަކުން ވެސް އަހަރެންގެ ނުތަނަވަސް ހިތަށް ތަސައްލީއެއް ނުލިބެއެވެ. ހިތުގައި ވަނީ ނުތަނަވަސް ކަމެވެ. ސިކުނޑީގައި އެނބުރެމުންދާ ހައިޖާނު އެހާ ބޮޑެވެ. ވާނީ ވެސް އެހެންނެވެ. އަހަންނަށް މިއަދު މި އުފުލަން ޖެހިފައިވާ ތަކުލީފަކީ އަހަރެންގެ ނުކުރެމުގެ ނަތީޖާއެވެ. އަހަރެންގެ ފިޑިކަމުގެ ސަބަބުން މުޅި އުމުރު ހިތާމަ ކުރަން ޖެހިފައިވާ މީހެއް ކަމުގައި މިއަދު މިވަނީ ވެފައެވެ.

އެއީ މީގެ ވިއްސަކަށް އަހަރު ކުރިއެވެ. އަހަރެންގެ ޒުވާން ދުވަސްވަރެވެ. އަހަންނަށް އޭނަ ފެނުނީ ޓިއުޝަން ކުލާހުންނެވެ. ފުރަތަމަ ފެނިލުމުން އަހަރެންގެ ހިތް ގައިދު ކޮށްފިއެވެ. އޭނާގެ މައްޗަށް ހިތް ލެބިއްޖެއެވެ. ފަހުން ފަހުން އައިސް ޓިއުޝަންގައި ކިޔާދޭ އެއްޗެއް އަހަންނަކަށް ފަހުމެއް ނުވެއެވެ. ހުރެވެނީ އޭނާގެ ހަރަކާތްތަކަށް ބަލާށެވެ. ވައްކަޅިންނެވެ. ސިއްރު ސިއްރުންނެވެ. އެހެން ކުއްޖަކަށް ފާހަގަ ކުރެވިދާނެތީއެވެ. އެއަށްވުރެ ބިރު ގަންނަނީ އޭނާއަށް އަހަރެންގެ ހިތުގެ ވިންދުގެ ގޮވުމުގެ އަޑު އިވިދާނެތީއެވެ. އެ ހިތުގެ ހާލު އޭނާއަށް އެނގިދާނެތީއެވެ.

އެއް ރެއެއްގެ ޓިއުޝަން ނިމިގެން އަހަރެން ހިގައިގަތީ ގެއަށް ދިއުމަށެވެ. ފަހަތުން  އިވުނީ އަހަރެންގެ ހިތުގެ މަލަކާގެ އަޑެވެ. އެދުނީ މަޑުކޮށްލުމަށެވެ. އުފަލުން ހުރެވުނު ތަންވެސް އަހަންނަށް ނުއެނގުނެވެ. އަވަސް އަވަހަށް ފަހަތަށް އެނބުރެލެވުނެވެ. ހިނިތުން ވެލަމުން ހިތުގެ މަލަކާ އަހަންނާ ހިސާބަށް އަންނަންދެން މަޑުޖެހިލީމެވެ.

"ހިނގާބަލަ އަހަރެންގެ ގެއަށް ... މިއަދުގެ ވޯކްތައް މާބޮޑަކަށް ނަގައެއް ނުގަނެވުނު،" އޭނާ އެދުނީ އެ ގެއަށް ދިއުމަށެވެ. އޭނާއަށް އެހީތެރިވެ ދިނުމަށެވެ.

އަހަރެން ވީ އުފަލެއް ބުނެދޭން ވެސް ނޭންގުނެވެ. ހިތް އުފަލުން ނަށައިގަތެވެ. އެދި އެދި ހުރި ފުރުސަތު ފަހިވެގެން އެ އައީ ހީވެސް ނުކުރާ ގޮތަކަށެވެ. ދައުވަތު އެދިނީ ހިތުގެ މަލަކާއެވެ. އޭނާގެ ގެއަށް އައުމަށެވެ. އެހެނަސް އުފާ ވެފައި ހުރިކަން އަންގާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އަހަރެން ބަހަނާ ދެއްކީމެވެ.

"ތި ގެއަށް...ނަވާރުގެ މަންމަމެން ރުޅިއައިސްދާނެ...އެހުރީ ނޫރާ ވެސް ކީއްވެ އޭނަ ކައިރީގައި ނުބުނީ...އޭނަ މާ މޮޅުވެސް ވާނެ،" ކިތަންމެ ދާހިތް ވި ނަމަވެސް އަހަރެން އުޒުރު ދައްކާލީމެވެ.

ނަވާރު ފެނުނު ފަހުން އަހަރެންގެ ހިތް އަބަދު ގޮވަނީ ނަވާރުގެ ކައިރީގައި ވުމަށެވެ. އޭނަ ފެންނަ ހިސާބުގައި ހުރުމަށެވެ. އެ ސާއްބަ ރީތި މޫނު ބަލާ ފޫހި ނުވާނެކަން ގައިމެވެ. އެ ރީތި ކަން ހިތުގެ އެންމެ ހިމަ ނާރުތަކާ ކުޅެލައެވެ.  އަހަރެން ގެ ހިތުން ޖާގައެއް ނަވާރު މިލްކު ކުރީ ވައިރޯޅިއަށް ވެސް ސިއްރުންނެވެ.  އެހާވެސް ހިމޭންކަމާއެކުގައެވެ. އެއްވެސް މީހަކަށް ހިލަމެއް ވެސް ނުވެއެވެ. ހުދު އަހަންނަށް ވެސް ނަވާރު ފެނުމުން އެ ވާގޮތެއް ނޭނގެއެވެ.  އެ ގެއަށް ދާން ކިތަންމެ ބޭނުން ވެފައި ހުރި ނަމަވެސް ބަހަނާ ދައްކާލީ އެހެންވީމައެވެ.

"އަހަރެން ބޭނުންވަނީ ވިއާމުގެ ހެލްޕް...އަޅެ ޕްލީޒް ނުވާނެތަ؟" ނަވާރު އާދޭސް ކުރާވަރުން އެންމެ ފަހުން އަހަރެން އެއްބަސް ވީމެވެ. 

ވޯކް ހަދަމުން ދިޔައިރު ދޭތެރެ ދޭތެރެއިން އަހަންނަށް ބަލާލެވެނީ ނަވާރުގެ މޫނަށެވެ. އެ މައުސޫމް ރީތި މޫނަށެވެ. އެ ތޫނު ކަޅިރަވައަށެވެ.   ދިގު ރީތި އެސްފިޔަތަކަށެވެ. މި ހުރެވުނީ ރީތި ހުސްކުރި ހޫރުލް އީނެއްގެ ކައިރީގައި ނޫންބާވައޭ އަހަރެންގެ ހިތް ބުނަމުން ދިޔައެވެ. ނަވާރު އަހާލާ ސުވާލުތަކަށް ޖަވާބުދެމުން އޮޅުން ފިލުވާ ދެމުން ދިޔަ އިރު އަހަރެންގެ ހިތުގެ ވިންދު އަވަސްވެފައި ހުރުމުން އަޑު ބުނަން ނޭނގޭ ތުރުތުރެއް ހުއްޓެވެ. ނަސީބަކުން އަހަރެން ބަލާކަމެއް ނަވާރަކަށް ފާހަނގައެއް ނުކުރެވެއެވެ. އެއީ އަހަރެންގެ ބަދު ނަސީބުކަމެއް އޭރު އަހަންނަކަށް ނުވިސްނުނެވެ. 

"ވިއާމު އަދިވެސް ބިޓެއް ނުނަގަންތަ؟" ނަވާރު އެ މައުލޫއަށް ދިއުމުން އަހަރެން ހައިރާންވިއެވެ. ކުއްލިއަކަށް ނަވާރުގެ މޫނަށް ބަލާލެވުނެވެ. ނުވެސް ވިސްނާ ހުއްޓައި ނަވާރު ކޮށްލި ސުވާލުން އަހަރެން އިތުރަށް ވިސްނައިލާން ޖެހުނެވެ. ބިޓެއް ނެތް ވާހަކަ ބުނެފިނަމަ ދެން ވާނެ ގޮތަކާއިމެދު ގައެވެ. އަހަންނަށް ގެ އަނގައިން ނުކުތީ އަހަރެންގެ ހިތް ބުނަން ބޭނުންވި ވާހަކައެއް ނޫނެވެ. އެ ހިތުގެ އެދުން ފޮރުވާލަމުން އަހަންނަށް ބުނެވުނީ އަހަރެންގެ ބިޓެއް ހުންނަ ކަމަށެވެ. ވަރަށް ރީތި ކުއްޖެއް ދެކެ އަހަންނަށް ލޯބި ވެވިއްޖެ ކަމަށެވެ. އެހެނަސް އެ ކުއްޖަކީ ނަވާރު ކަން ބުނަން އަހަންނަށް ފަސް ޖެހިވުނެވެ. ނަވާރުދެކެ އިންތިހާއަށް އަހަރެން ލައިކް ވާ ވާހަކަ ބުނުމަށެވެ. ނަވާރުގެ ހިތުގެ މިލްކު ވެރިކަން އިންތިހާއަށް ބޭނުންވާ ވާހަކަ ބުނުމަށެވެ. 

ކޮންމެއަކަސް އެ ރޭގެ ބައްދަލުވުން ނިމިގެން ދިޔައީ އެވެ. ނަވާރު ވެސް މާގިނަ ވާހަކައެއް ނުދައްކައެވެ. އޭނގެ ފަހުން ސްކޫލްގެ ފަހު އެގްޒާމް އަންނާތީވެ އަހަރެން ވެސް ވަރަށް ބިޒީވިއެވެ. ސްކޫލް ނިމުމަށްފަހު އަހަންނަށް ނަވާރަކާއި ބައްދަލެއް ނުވެއެވެ. ނަވާރު ދިޔައީ އޭނާގެ ރަށަށެވެ. އެނގުމަކާ ވެސް ނުލައެވެ. އަހަރެން ދެރަވިއެވެ. ހިތުގައި ޖެހުނެވެ. އަހަރެންގެ ހިތުގެ އެދުން ހާމަ ނުކުރެވި އުޅެނިކޮށް ދެމީހުން ދެތަންވީތީއެވެ. މާދަމާ ވާނެ ގޮތެއް ނޭންގޭތީއެވެ. ނަވާރުއަށް ގުޅޭނެ ގޮތެއް ވެސް ނެތަތީއެވެ. 

ދުވަސްތައް ވޭތުވަމުން ދިޔައީ ނަވާރުގެ ހަނދާންތަކާއެކުގައެވެ. އޭނާގެ ސޫރަ އަބަދުވެސް އަހަރެންގެ ކުރިމަތީގައި ސިފަވެއެވެ. ނަވާރާ ހަނދާންތަކާއި އެކު އަހަރެން ހަޔާތުގެ ދަތުރު ކުރިއަށް ގެންދަމެވެ. އަބަދުވެސް އަހަރެންގެ ކައިރީގައި ނަވާރު ހުންނަކަމުގައި އަހަންނަށް އިހުސާސް ވެއެވެ. އެއް ދުވަހެއްގެ މެންދުރު ފަހުގެ ވަގުތެވެ. އަހަރެން ހުރީ ރަށުގެ ބަނދަރު ސަރައްދުގައެވެ. ކުއްލިއަކަށް އަހަރެން ކައިރިއަށް އައިސް ހުއްޓުނީ ނަވާރެވެ. ކައިރީގައި ފިރިހެނެއް ހުއްޓެވެ. 

ނަވާރު އަހަންނަށް އޭނަ ތައާރަފު ކޮށްލަދިނެވެ. އެއީ ނަވާރުގެ ފިރިމީހާއެވެ. ދެން ނަވާރު ސުވާލު ކޮށްލީ އަހަރެންގެ ބިޓާ ގުޅޭގޮތުންނެވެ. އަހަރެން ބަސް ހުއްޓުނުވެ. އެ ފަހަރު ވެސް އަހަރެން ފުއްދާލީ ދޮގަކުންނެވެ. މިއަދު ގެ ހަގީގަތަކީ އެއީއެވެ. އަހަރެންގެ ހިތުގެ ދުޢާއަކީ ނަވާރަށް އުފާވެރި ހަޔާތެއް މިންވަރުވުމެވެ. އަހަރެންގެ އެދުން ހާމަ ކުރުމަށް ފަސްޖެހެވުނީތީ އަބަދު ހެން އެކަމާ ހިތާމަކުރާ މީހެއް ކަމުގައި އަހަރެން ވީމެވެ. އަހަރެން ދިރި ހުރީ ނަވާރުގެ ހަނދާންތަކާއެކުގައެވެ. އެ ކުލަ ނުވި  ލޯބީގެ ހުވަފެނީ އާލަމުގައެވެ. މީހުންނަށް ނޭނގެނީ އަހަރެންގެ އެ ސިއްރުވެރި ހިމޭން ދުނިޔޭގެ ހަގީގަތެވެ. 

-ނިމުނީ -