ސަހަރާއެކޭ ބުނުމުން އަޅުގަނޑުމެންގެ ހިތަށް އާންމުކޮށް ސިފަވަނީ އިންތިހާއަށް ހޫނުގަދަ، ވެލީގެ ފަރުބަދަތަކެއްގެ ގޮތުގައެވެ. ނަމަވެސް ބައެއް ސަހަރާތަކަށް ސްނޯ ފައިބާކަން ދެނަހުރީމު ހެއްޔެވެ؟ ސަހަރާގެ މާނަ ކަނޑައަޅަނީ އެތަނެއްގެ ހޫނުމިނަކަށް ނޫނެވެ. އޭގެ ބަދަލުގައި އެއީ ވާރޭވެހޭ މިންވަރު މަދު ތަންތަނެވެ. އެހެންކަމުން، ބައެއް ސަހަރާތަކަށް ފިނި މޫސުމުގައި ފިނިގަދަވެ، ކޮންމެ އަހަރަކު މަދުވެގެން އެއްފަހަރު ސްނޯ ފައިބައެވެ. މިސާލަކަށް ޕާކިސްތާނުގެ ގިލްގިޓް-ބަލްޓިސްތާން ސަރަހައްދުގައި އޮންނަ "ކަތްޕަނާ ކޯލްޑް ޑެޒާޓް" އަކީ އުސް ސަރަހައްދެއްގައި އޮންނަ، ފިނިގަދަ ތަނަކަށް ވުމުން، ކޮންމެ އަހަރެއްގެ ފިނި މޫސުމުގައި އެތަނުގެ ބޮޑެތި ވެލިގަނޑުތަކުގެ މައްޗަށް ސްނޯ ފައިބައެވެ.

ދުނިޔޭގެ އެންމެ ބޮޑު ހޫނު ސަހަރާގެ ގޮތުގައި މަޝްހޫރުވެފައިވާ ސަހާރާ "ޑެޒާޓަށް" ވެސް ފަހުގެ ތާރީޚުތަކުގައި ސްނޯ ފައިބާފައިވެއެވެ. އަލްޖީރިއާގެ އެޓްލަސް ފަރުބަދަތަކާ ކައިރީގައި އޮންނަ އައިން ސެފްރާ އަވަށުގެ ސަރަހައްދަށް 2016، 2017، 2018، 2021 އަދި 2022 ވަނަ އަހަރު ސްނޯ ފައިބާފައިވެއެވެ. މީގެ ސަބަބުން ރަންކުލައިގެ ވެލިގަނޑުމަތީގައި ހުދުކުލައިގެ ސްނޯ ފެތުރިގެން ދިއުމުން ފެންނަނީ ނުހަނު ހިތްގައިމު މަންޒަރެކެވެ.

މީގެ އިތުރުން ޗައިނާގެ ހުޅަނގު އުތުރުގައި އޮންނަ ތަކްލަމަކަން ޑެޒާޓާއި ސައުދީ އަރަބިއްޔާގެ ބައެއް ސަހަރާތަކަށްވެސް ފަހަކަށް އައިސް ސްނޯ ފައިބާފައިވެއެވެ. މިއީ ފިނި ވައިގެ އޮއިވަރަކާއި ތެތުމިން އެއްވުމުގެ ސަބަބުން ދިމާވާ ކަމެކެވެ. މިއިން އެނގެނީ ހަނަފަސް ސަރަހައްދުތަކުން ވެސް ފިނި މޫސުމުގެ ތަފާތު މަންޒަރުތައް ފެނިދާނެ ކަމެވެ.

މިފަދަ ކަންކަމުން ހާމަވަނީ ސަހަރާތަކަކީ މޫސުމީ ގޮތުން އާދަޔާޚިލާފު ބަދަލުތަކެއް އަންނަ ތަންތަން ކަމެވެ. ދުވާލު ގަދަ ހޫނު، ރޭގަނޑު ގަދަ ފިނި، އަދި ބައެއް ފަހަރު ސްނޯއިން މުޅި ތަން ފޮރުވިގެން ދިއުމަކީ ދުނިޔޭގެ މޫސުމާއި ޖޯއޮގްރަފީ އަޅުގަނޑުމެން ހީކުރާ ވަރަށްވުރެ މާ ބޮޑަށްވެސް ތަފާތުވެފައި ފުޅާ އެއްޗެއްކަން އަންގައިދޭ ކަމެކެވެ.