މުނިފޫހިފިލުވުމަށް ކުރާ ކަންތައްތަކަކީ ހަމައެކަނި ވަގުތު ހޭދަކޮށްލުމަށް ކުރާ ކަންކަމެއް ނޫނެވެ. އެއީ އިންސާނާގެ ޝަޚްސިއްޔަތާއި އުޅުމާއި ގުޅުން ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަންކަމެވެ. ތަފާތު ކަންކަމުގައި އުޅުމުގެ ސަބަބުން އަމިއްލަ ޝައުގުވެރިކަން ހުންނަ ދާއިރާތައް ދެނެގަނެވި، އުފެއްދުންތެރިކަމާއި، އަޚްލާގާއި، ޖަޒުބާތީ ތަސައްރަފު ފުދުމަށް ބޭނުންވާ ހުނަރުތައް ތަރައްގީވެއެވެ. "ހާވަޑް ބިޒްނަސް ރިވިއު" (2023) އިން ހާމަކުރާ ގޮތުގައި، ކުރެހުން ނުވަތަ ލިޔުންތެރިކަން ފަދަ އުފެއްދުންތެރި ކަންކަމުގައި އުޅުމަކީ މައްސަލަތައް ހައްލުކުރުމުގެ ގާބިލުކަން އިތުރުވެ، އާ އީޖާދީ ވިސްނުންތަކަށް މަގުފަހިވާ ކަމެކެވެ.

ކުޅިވަރު ނުވަތަ މިއުޒިކީ ގްރޫޕްތައް ފަދަ ޖަމާއަތްތެރި ކަންކަމުގައި ބައިވެރިވުމަކީ، އެކުގައި މަސައްކަތްކުރުމާއި، މުއާމަލާތްކުރުމާއި، އެކަކު އަނެކަކަށް އިހުތިރާމުކޮށް ހަމްދަރުދީވާން ދަސްކޮށްދޭ ކަމެކެވެ. "ސައިކޮލޮޖީ ޓުޑޭ" އިން ވަަނަ 2022 އަހަރު ކޮށްފައިވާ  ދިރާސާތަކުން ދައްކާ ގޮތުގައި، ގްރޫޕް ހަރަކާތްތަކުގައި ބައިވެރިވުމުން އިޖުތިމާއީ ހުނަރުތައް ތަރައްގީވެ، ލީޑަޝިޕް ނުވަތަ އިސްނެގުމުގެ ސިފަތައް އަށަގަނެއެވެ. މިފަދަ ކަންކަމުގެ ތެރެއިން، ތަފާތު މިޒާޖުގެ މީހުންނާއެކު އެއް އަމާޒަކަށް މަސައްކަތްކުރަން ދަސްވުމަކީ، މީހާގެ އިޖުތިމާއީ ސުލޫކަށް އަންނަ ހެޔޮ ބަދަލެކެވެ.

މީގެ އިތުރުން، މުނިފޫހިފިލުވަން ކުރާ ކަންކަމުގެ ސަބަބުން އަމިއްލަ ނަފްސު ތަރައްގީކުރުމަށް ފުރުސަތު ލިބެއެވެ. މިއުޒިކީ އާލާތެއް ކުޅެން ދަސްކުރުން ނުވަތަ ރަންމަތީގެ (ޗެސް) އުކުޅުތައް ދަސްކުރުން ފަދަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަންކަމުގެ ސަބަބުން، ކެތްތެރިކަމާއި، ހާލަތްތަކަށް ހޭނުމުގެ ގާބިލުކަމާއި، ވަގުތު މެނޭޖުކުރުމުގެ ހުނަރު އަށަގަނެއެވެ. "ފޯބްސް" މަޖައްލާގައި 2023 ވަނަ އހަރު ފާހަގަކޮށްފައިވާ ގޮތުގައި، ގަވާއިދުން މިފަދަ ކަންކަމުގައި އުޅުމަކީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެ، ކަމެއް ކާމިޔާބު ކުރެވުނުކަމުގެ އިހުސާސް އުފެދޭ ކަމެކެވެ.

މުނިފޫހިފިލުވުމަށް ކުރާ ކަންކަމަކީ ހަމައެކަނި މުނިފޫހިފިލުވުމަށްވުރެ މާ ފުން މާނައެއް އެކުލެވޭ ކަންކަމެވެ. އެއީ އިންސާނާގެ ޝަޚްސިއްޔަތު ބައްޓަންކުރުމަށާއި، އިޖުތިމާއީ ހުނަރުތައް އިތުރުކުރުމަށާއި، އަމިއްލަ ނަފްސު ކުރިއެރުވުމަށް ބޭނުންކުރެވޭ މުހިންމު ވަސީލަތްތަކެކެވެ. ތަފާތު ދާއިރާތަކުން ޝައުގުވެރިކަން ހޯދުމުގެ ސަބަބުން، އަމިއްލަ ދިރިއުޅުމާއި ވަޒީފާގެ މައިދާނުގައިވެސް ބޭނުންތެރި ސިފަތަކެއް މީހާގެ ކިބައިގައި އަށަގަންނުވައިދެއެވެ.