ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ އޮޕަރޭޝަންތައް ފުޅާކުރުމުގެ ގޮތުން ޗައިނާގެ އިތުރު ސިޓީއަކަށް ދަތުރުތައް ފަށައިފިއެވެ. އެގޮތުން މޯލްޑިވިއަން އިން އަލަށް ދަތުރުތައް ފަށާފައިވަނީ ޗައިނާގެ ޝިއާން ސިޓީއަށެވެ.

މިއީ މޯލްޑިވިއަން އިން ދަތުރުތައް ފެށި ޗައިނާގެ ހަތަރުވަނަ މަންޒިލެވެ. މީގެ ކުރިން ގައުމީ އެއާލައިނުން ދިޔައީ ޗައިނާގެ ވެރިރަށް ބެއިޖިންގ، ޝަންހާއީ އަދި ޗެންޑޫއަށް ދަތުރުކުރަމުންނެވެ. އަދި އެކި ދުވަސްވަރު ސީޒަނަލް ދަތުރުތައް ވެސް ޗައިނާގެ ސިޓީތަކަށް ބާއްވައެވެ.

ޝިއާން އިން ރާއްޖެއަށް ކުރި ފުރަތަމަ ދަތުރުގައި ބޭނުންކޮށްފައިވަނީ މޯލްޑިވިއަންގެ އޭ320 މަރުކާގެ ބޯޓެކެވެ. މި ފްލައިޓް ރާއްޖެ އައިސްފައިވަނީ ތައިލެންޑްގެ ބެންކޮކްގައި ޓްރާންސިޓް ކުރުމަށްފަހުގައެވެ. މި ފްލައިޓުން ރާއްޖެ އައި ފަތުރުވެރިންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ދިވެހިވަންތަ ހޫނު މަރުހަބާއެއް ކިޔާފައެވެ.

މޯލްޑިވިއަން އިން ޗައިނާއަށް ކުރާ ދަތުރުތަކުގައި އޭ320 ގެ އިތުރުން، އެ އެއާލައިންގެ ވައިޑް ބޮޑީ އެއާކްރާފްޓް ކަމަށްވާ އޭ330 ވެސް ބޭނުންކުރެއެވެ. ވައިޑް ބޮޑީ ބޯޓުގެ ދަތުރުތައް ޗައިނާއަށް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ފަހުކޮޅުގައެވެ.

ފަތުރުވެރިކަމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިންނެވެ. އެއީ 329،428 ފަތުރުވެރިންނެވެ. މިއަހަރުގެ މިހާތަނަށް ބަލާއިރު، އިއްޔެގެ ނިޔަލަށް ޗައިނާއިން 24،575 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެ ގައުމު މިވަގުތު އޮތީ މާކެޓުގެ ދެވަނައިގައެވެ.

މޯލްޑިވިއަން އިން ޗައިނާގެ އިތުރުން މެލޭޝިއާއަށާއި އިންޑިއާގެ ދެ ސިޓީއަކަށް ވެސް ދަތުރުތައް ކުރެއެވެ.