ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލޭ މިންވަރު ނުވަތަ އިންފްލޭޝަން ރޭޓު ނިމިދިޔަ ޑިސެމްބަރު މަހު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެމްއެމްއޭ އޮފީހުން ބުނީ ނޮވެމްބަރު މަހު 1.4 ޕަސަންޓުގައި ހުރި އިންފްލޭޝަން ރޭޓު ޑިސެމްބަރު މަހު ވަނީ 0.4 ޕަސަންޓަށް ތިރިވެފައެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު 1 ޕަސަންޓުގެ ދަށްވުމެކެވެ.
އިންފްލޭޝަން ރޭޓު މިހާ ބޮޑަށް ދަށަށް ދިއުމަށް މެދުވެރިވީ ބާޒާރުގައި ތަރުކާރީގެ ބާވަތްތަކުގެ އަގު ހެޔޮވުމާއި، ވެހިކަލްގެ އަގުތަކުގެ އިތުރުން މުއާސަލާތީ ހިދުމަތްތަކުގެ އަގަށް އައި ބަދަލުތަކުގެ ސަބަބުންނެވެ. މިއީ ނިމިދިޔަ އަހަރުގެ ތެރޭގައި އިންފްލޭޝަން ރޭޓު އެންމެ ބޮޑަށް ދަށަށް ދިޔަ މަސް ކަމަށްވެސް އެމްއެމްއޭގެ ހިސާބުތަކުން އެނގެއެވެ.
ނިމިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ތަކެތީގެ އަގު އެންމެ ބޮޑަށް އުފުލުނީ އޭޕްރީލް މަހުއެވެ. އެ މަހު އިންފްލޭޝަން ރޭޓު 5.9 ޕަސަންޓުގައި ހުރިއިރު، އެ މަހާ އަޅާބަލާއިރު ޑިސެމްބަރު މަހު ވަނީ 5.5 ޕަސަންޓުގެ ލުޔެއް ލިބިފައެވެ. ނަމަވެސް ޖުމްލަ އިންފްލޭޝަން ދަށަށް ދިޔަ ނަމަވެސް، ކާބޯތަކެތީގެ އަގުތައް ހުރީ 3.8 ޕަސަންޓު މަތީގައެވެ.
