ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް 25 އަހަރު ފުރުން ނުވަތަ ރިހި ޔޫބީލް ފާހަގަކުރުމަށްޓަކައި "ސީ ޓު ސިލްވާ ޝޯރްސް" ނަމުގައި ހާއްސަ ކެމްޕޭނެއް އިއްޔެ ފަށައިފިއެވެ. އެޗްޑީސީ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ކެމްޕޭން ފައްޓަވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. މި ކެމްޕޭނަކީ އާންމުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ ހަރަކާތެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވީ، އެޗްޑީސީއަކީ ކުރު މުއްދަތެއްގެ ތެރޭގައި ތަރައްގީގެ ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ކުންފުންޏެއް ކަމަށެވެ. އަދި ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި ހުޅުމާލެ އޭގެ ޒާތުގައި ތަރައްގީވެފައިވާ މިންވަރު ފެނުމަކީ ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށާއި، ކުންފުނި މިހާރު ތަސައްރަފު ފުދެން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ކެމްޕޭނާ އެކު އެޗްޑީސީގެ ރިހި ޔޫބީލަށް ހާއްސަ ލޯގޯއެއް ވެސް ވަނީ ތައާރަފުކޮށްފައެވެ. ހުޅުމާލެ ބެލެހެއްޓުމަށް 2001 ވަނަ އަހަރު ކުންފުންޏެއް އުފެއްދި ނަމަވެސް، ހުޅުމާލެ ހިއްކުމުގެ ބޮޑު މަޝްރޫއަކީ 1997 ވަނަ އަހަރު ފެށި މަސައްކަތެކެވެ. އިއްޔެގެ ރަސްމިއްޔާތުގައި ވަނީ ހުޅުމާލެ ތަރައްގީވަމުން އައި ގޮތުގެ މަރުހަލާތައް ދައްކުވައިދޭ ވީޑިއޯއެއް ވެސް އާންމުކޮށްފައެވެ.
