ރާއްޖޭގެ ކޮންމެ ގެއަކަށް ނުވަތަ ރެސްޓޯރެންޓަކަށް ބަލާލިޔަސް ފެންނަނީ އެއް މަންޒަރެކެވެ. މަންމަ ނުވަތަ ބައްޕަ ކޮފީއެއް ބޯން ނުވަތަ ކާން އިންނައިރު، ކައިރީގައި އިންނަ ކުޑަ ދަރިފުޅުގެ ލޯ ހުއްޓިފައި ހުންނަނީ އަތުގައި އޮންނަ ސްމާޓް ފޯނަށެވެ. ކުއްޖާ އިނީ ދުނިޔެމަތީގައި ކަމެއް ނުވަތަ އެހެން ތަނެއްގައި ކަމެއް ވެސް އެ ކުއްޖާއަކަށް ނޭނގެއެވެ. މިއީ މިހާރު އާންމު މަންޒަރަކަށް ވިޔަސް، މިއީ "ބްރެއިން ރޮޓް" ނުވަތަ ސިކުނޑި ގަނޑުވުމުގެ ނުރައްކާތެރި ވަބާ ދިވެހި މުޖުތަމައުގައި ފެތުރެމުންދާ ކަމުގެ ސީދާ ހެއްކެކެވެ. ޒަމާނީ ޓެކްނޮލޮޖީއާ އެކު ކުދިން ބޮޑުވަމުން އަންނައިރު، މިކަމުގެ ނުރައްކާ ހީކުރާ ވަރަށް ވުރެ ބޮޑެވެ.

"ބްރެއިން ރޮޓް" އަކީ ސިއްހީ ބަހުރުވައެއް ނޫން ނަމަވެސް، މިއީ އިންޓަނެޓުގައި ދައުރުވާ މާނައެއް ނެތް، އަވަސް އަދި ހައިޕަރ-ސްޓިމިއުލޭޓިން ކޮންޓެންޓް (ޓިކްޓޮކް، ޔޫޓިއުބް ޝޯޓްސް) ބެލުމުގެ ސަބަބުން ކުދިންގެ ވިސްނުމަށާއި ސިކުނޑީގެ ހެދިބޮޑުވުމަށް އަންނަ ނުރަނގަޅު ބަދަލުތައް ސިފަކުރުމަށް ބޭނުންކުރާ ބަހެކެވެ. މިފަދަ ވީޑިއޯތަކުން ކުދިންގެ ސަމާލުކަން ނުވަތަ "އެޓެންޝަން ސްޕޭން" ކުޑަވެ، ފުންކޮށް ވިސްނުމުގެ ގާބިލުކަން ގެއްލިގެންދެއެވެ.

މިކަމާ ގުޅޭގޮތުން އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތު (އެންއައިއެޗް) އިން ކުރިއަށް ގެންދިޔަ ބޮޑު ދިރާސާއަކުން ވަނީ ބިރުވެރި މައުލޫމާތުތަކެއް ހާމަވެފައެވެ. އެ ދިރާސާގައި 4،500 އަށް ވުރެ ގިނަ ކުދިންގެ ސިކުނޑީގެ ސްކޭންތައް ބެލިއިރު، ދުވާލަކު ހަތް ގަޑިއިރަށް ވުރެ ގިނައިން ސްކްރީނަށް ހުށަހެޅޭ ކުދިންގެ ސިކުނޑީގެ "ކޯޓެކްސް" ނުވަތަ ބޭރު ފަށަލަ ތުނިވުމުގެ މައްސަލަ ފާހަގަކުރެވުނެވެ. މިއީ ސިކުނޑީގެ މައުލޫމާތު ދެނެގަތުމާއި، ވިސްނުމާއި، ބަސްމޮށުންތެރިކަމާ ގުޅިފައިވާ އެންމެ މުހިންމު ބަޔެކެވެ. މީގެ މާނައަކީ، ފޯނަށް ދެވިހިފާފައި ތިބޭ ކުދިންގެ ސިކުނޑި، އެހެން ކުދިންނާ އެއްވަރަށް ތަރައްގީ ނުވުމެވެ.

ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ އެމެރިކާގެ މަޝްހޫރު ޑޮކްޓަރެއް ކަމަށްވާ ޑރ. މައިކަލް ރިޗް ވިދާޅުވެފައި ވަނީ، ސްކްރީން ބޭނުންކުރުމަކީ ކުއްޖާގެ ސިކުނޑި ތަރައްގީވުމަށް ލިބޭ ފުރުސަތުތައް ގެއްލިގެންދާ ކަމެއް ކަމަށެވެ.

"ކުޑަކުދިން ދަސްކުރަނީ މީހުންނާ މުއާމަލާތް ކޮށްގެންނާއި އަތްލައި ހިފައިގެން ކުޅޭ ކުޅިވަރުތަކުން. ސްކްރީނަކުން ލިބެނީ ހަމައެކަނި ލޮލަށް ފެންނަ މަންޒަރެއް. އެއީ 'ޓޫ-ޑައިމެންޝަނަލް' ދުނިޔެއެއް. ހަގީގީ ދުނިޔޭގައި ކުއްޖާގެ ސިކުނޑި މަސައްކަތްކުރާ ގޮތާއި ސްކްރީން ބަލަން އިންނައިރު މަސައްކަތްކުރާ ގޮތް ވަރަށް ތަފާތު،" ޑރ. ރިޗް ވިދާޅުވިއެވެ.

މީގެ އިތުރުން، ޓިކްޓޮކް އާއި ޔޫޓިއުބް ޝޯޓްސް ފަދަ ޕްލެޓްފޯމްތައް ފަރުމާކޮށްފައި ހުންނަނީ "ޑޯޕަމިން ލޫޕް" އެއްގެ ގޮތުގައެވެ. ކޮންމެ 15 ސިކުންތަކުން އާ ވީޑިއޯއެއް ފެނުމުން ސިކުނޑިއަށް ލިބޭ އަރާމު އިހުސާސާއެކު، ކުއްޖާ އެކަމަށް ދެވިހިފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ފޯނު އަތުލުމުން ކުދިން އާދަޔާ ހިލާފަށް ރުޅިގަދަވެ، ކޮންޓްރޯލުން ނެއްޓޭ ހިސާބަށް ދެއެވެ. މިކަމަށް ތަޖުރިބާކާރުން ދީފައިވާ ނަމަކީ "ޑިޖިޓަލް ހެރޮއިން" އެވެ. ސަބަބަކީ މަސްތުވާތަކެތި ބޭނުންކުރުމުން ސިކުނޑިއަށް ވާގޮތާއި ސްކްރީނަށް ދެވިހިފުމުން ވާގޮތް ދާދި އެއްގޮތް ކަމަށް ވާތީއެވެ.

ރާއްޖޭގެ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ޓީޗަރުން ވެސް މިހާރު މި ޝަކުވާ ވަރަށް ބޮޑަށް ކުރެއެވެ. ގްރޭޑް އެކެއް އަދި ދޭއްގައި ކިޔަވައިދޭ ޓީޗަރުން ފާހަގަކުރާ ގޮތުގައި، ކުލާސްތަކުގައި ކުދިންގެ ސަމާލުކަން ހިފެހެއްޓުމަކީ މިހާރު ވަރަށް އުނދަގޫ ކަމެކެވެ. ފަސް މިނެޓު ވަންދެން ވެސް އެއް ތަނެއްގައި މަޑުން ނުތިބެވުމާއި، ފޮތެއް ކިޔަން ޖެހުމުން ފޫހިވުމާއި، އުނދަގޫ ކަންކަމަށް ކެތްތެރިކަން ނުހުންނަކަން ޓީޗަރުން ފާހަގަކުރެއެވެ. މިއީ "ބްރެއިން ރޮޓް" ގެ ސީދާ އަސަރެވެ.

މި މައްސަލައިގެ ތެރެއަށް އިތުރުވާ އަނެއް ކަމަކީ ބަސްމޮށުންތެރިކަން ގެއްލުމެވެ. "ޖެނެރޭޝަން އަލްފާ" ގެ ކުދިން މިހާރު ވާހަކަ ދައްކާއިރު ބޭނުންކުރަނީ އިންޓަނެޓުން ދަސްކޮށްފައިވާ މާނައެއް ނެތް ބަސްތަކެވެ. "ސްކިބިޑީ"، "ސިގްމާ"، "ރިޒް" ފަދަ ބަސްތައް ބޭނުންކުރާއިރު، އަމިއްލަ މާދަރީ ބަސް ކަމަށްވާ ދިވެހި ބަހުން ރަނގަޅަށް ވާހަކަ ދައްކަން ނޭނގުމަކީ ހިތާމަހުރި ކަމެކެވެ. މައިންބަފައިންނާ މުއާމަލާތް ކުރުމުގެ ބަދަލުގައި އެ ކުދިން ގަޔާވަނީ ސްކްރީނުން ފެންނަ ކެރެކްޓާތަކާ ވާހަކަ ދެއްކުމަށެވެ.

ޑރ. ޖެނިފާ ކްރޮސް ފަދަ ތަޖުރިބާކާރުން އިންޒާރު ދެއްވަނީ، ކުޑަކުދިންނަށް ފޯނު ދިނުމަކީ އެ ކުދިންގެ އިހުސާސްތައް ކޮންޓްރޯލް ކުރަން ދަސްކުރުމަށް އެޅޭ ހުރަހެއް ކަމަށެވެ.

"ކުއްޖާ ރޯން ފެށުމުން ނުވަތަ ފޫހިވުމުން، އެކަން ހައްލުކުރަން ފޯނު ދިނުމަކީ އެންމެ ފަސޭހަ ގޮތް. އެކަމަކު އެއީ 'ޑިޖިޓަލް ޕެސިފަޔާ' އެއް ނުވަތަ ޑިޖިޓަލް ހުއްޓާއެއްގެ ގޮތުގައި ބޭނުންކުރުން. އޭގެ ސަބަބުން ކުއްޖާއަށް އަމިއްލައަށް ރުޅި މަޑުކުރަން ނުވަތަ ފޫހި ފިލުވަން އަމިއްލަ ވިސްނުން ބޭނުންކުރާކަށް ނޭނގޭނެ،" ޑރ. ކްރޮސް ވިދާޅުވިއެވެ.

މިކަން ހައްލުކުރުމަށްޓަކައި ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ވަނީ ވަރުގަދަ އިރުޝާދުތަކެއް ދީފައެވެ. އެ ޖަމިއްޔާއިން ބުނާ ގޮތުގައި އުމުރުން އެއް އަހަރުން ދަށުގެ ކުދިންނަށް އެއްގޮތަކަށް ވެސް ސްކްރީން ދައްކައިގެން ނުވާނެއެވެ. އަދި އުމުރުން 2 އަހަރާއި 4 އަހަރާ ދެމެދުގެ ކުދިންނަށް ދުވާލަކު އެއް ގަޑިއިރަށް ވުރެ ގިނައިން ސްކްރީން ދެއްކުމަކީ ރައްކާތެރި ކަމެއް ނޫނެވެ. އޭގެ ބަދަލުގައި ކުދިންނާ އެކު ވަގުތު ހޭދަކުރުމާއި، ވާހަކަ ކިޔައިދިނުމާއި، ބޭރުތެރޭގައި ކުޅެން ފުރުސަތު ދިނުން މާ މުހިންމެވެ.

ކަން މިހެން އޮތްއިރު، މައިންބަފައިން މިކަމަށް ހޭލުންތެރިވުން ވަރަށް މުހިންމެވެ. ކުއްޖާ ހަމަހިމޭންކޮށް ބޭއްވުމަށް ފޯނު ދިނުމަކީ އެ ވަގުތަށް ލިބޭ ފަސޭހައެއް ކަމަށް ވިޔަސް، އެއީ ކުއްޖާގެ މުޅި މުސްތަގުބަލަށް ދެވޭ ވިހައެކެވެ. "ބްރެއިން ރޮޓް" އަކީ ހަމައެކަނި އިންޓަނެޓް ޖޯކެއް ނޫނެވެ. އެއީ ދިވެހި ޅަދަރިންގެ ސިކުނޑިތައް ހަލާކުކޮށްލާ، އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ދެމުންދާ ހަގީގަތެކެވެ. ވަގުތު ފަިތުވުމުގެ ކުރިން ފޯނު އަތުލައި، ދަރިފުޅަށް ހަގީގީ ދުނިޔެ ދައްކަން ޖެހެއެވެ.