ގިނަ ފަހަރަށް ލޯގަނޑު ކުރިމައްޗަށް ހުއްޓި ބަލާލާއިރު، ހަށިގަނޑުގެ އެހެން ތަންތަން ފަލަ ނުވިޔަސް، މޫނު މާ ބޮޑަށް ފޮއްސިވެ، ދުޅަވެފައި ހުންނަހެން ހީވޭ ހެއްޔެވެ؟ ނުވަތަ މޫނުގެ ބައްޓަން ވަށްވެ، "މޫން ފޭސް" އެއް ގޮތަށް ބަދަލުވަމުންދާ ކަން ފާހަގަކުރެވޭ ހެއްޔެވެ؟ ގިނަ މީހުންނަށް ހީވެފައި އޮންނަނީ މިއީ ބަރުދަން އިތުރުވުމުން ނުވަތަ ފަލަވުމުން ވާކަމެއް ކަމަށެވެ. ނަމަވެސް ސިއްހީ މާހިރުން ހާމަކުރާ ގޮތުގައި މިއީ ހަށިގަނޑުގައި ސްޓްރެސް ހޯމޯން ގިނަވުމުން ދިމާވާ "ކޯޓިސޯލް ފޭސް" ގެ އަލާމާތެކެވެ.
މިކަމާ ގުޅޭގޮތުން ނިއުޔޯކްގެ މަޝްހޫރު ޑާމަޓޮލޮޖިސްޓެއް ކަމަށްވާ ޑރ. ވިޓްނީ ބޯ ވިދާޅުވެފައި ވަނީ، މޫނު ފޮއްސިވުމަކީ ހަށިގަނޑު މާ ބޮޑަށް ސްޓްރެސް ވެފައިވާކަން އަންގައިދޭ ރެޑް ސިގްނަލެއް ކަމަށެވެ.
"މީހާ ސްޓްރެސް ވުމުން ހަށިގަނޑުގެ އެޑްރިނަލް ގްލޭންޑްސް އިން ކޯޓިސޯލް ކިޔާ ހޯމޯނެއް ބޭރުކުރާ މިންވަރު އިތުރުވޭ. މި ހޯމޯން ގިނަވުމުން ހަށިގަނޑުގައި ފެން ނުވަތަ 'ވޯޓާ ރިޓެންޝަން' އިތުރުވެ، މޫނު ދުޅަވާ ގޮތްވޭ،" ޑރ. ވިޓްނީ ވިދާޅުވިއެވެ.
ސިއްހީ ދިރާސާތަކުން ދައްކާ ގޮތުގައި ކޯޓިސޯލް ލެވެލް މަތިވުމަށް މެދުވެރިވަނީ ހަމައެކަނި ނަފްސާނީ ހާސްކަމެއް ނޫނެވެ. ރޭގަނޑު ހަމަ ނިދި ނުލިބުމާއި، ހަކުރު ގިނައިން އެކުލެވޭ ކާނާ ކެއުމާއި، ކޮފީ ބުއިން ގިނަވުމަކީ ވެސް ހަށިގަނޑު "ފައިޓް އޯ ފްލައިޓް" މޯޑަށް ގެންދާ ކަންކަމެވެ. ހެލްތުލައިންގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނާ ގޮތުން، ދާއިމީކޮށް ސްޓްރެސްގައި އުޅޭ ނަމަ، މޫނުގެ ކޯތާފަތާއި ކަރުދަށުގައި ސަރުބީ ޖަހާ މިންވަރު އަވަސްވެއެވެ.
ނަމަވެސް، މިއީ ސީރިއަސް ބައްޔެއްގެ އަލާމާތެއްތޯ ބެލުން ވެސް މުހިންމެވެ. އެންޑޯކްރައިނޮލޮޖިސްޓުން ފާހަގަކުރާ ގޮތުގައި އާދަޔާ ހިލާފަށް މޫނު ފޮއްސިވެ، ކަނދުރާ މަތީގައި ސަރުބީ ޖަހާ ނަމަ އެއީ "ކަޝިންގްސް ސިންޑްރޯމް" ކިޔާ ބައްޔެއް ކަމަށް ވެދާނެއެވެ. އެހެންކަމުން ލައިފްސްޓައިލް ބަދަލުކޮށްގެން ވެސް މޫނުގެ ދުޅަކަން ނުފިލާ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް މާހިރުން އިރުޝާދު ދެއެވެ.
"ކޯޓިސޯލް ފޭސް" އިން ސަލާމަތްވުމަށްޓަކައި ކުރެވިދާނެ ކަންކަމުގެ ތެރޭގައި، ދުވާލަކު 7 ގަޑިއިރު ނިދުމާއި، ގަވައިދުން ކަސްރަތު ކުރުން ހިމެނެއެވެ. އަދި މޫނުގައި އައިސް އުނގުޅުމާއި، "ގުއާ ޝާ" ފަދަ މޫނު މާސާޖުކުރާ އުކުޅުތައް ބޭނުންކުރުމުން ވަގުތީ ލުޔެއް ލިބޭނެ ކަމަށް ޑާމަޓޮލޮޖިސްޓުން ބުނެއެވެ. މޫނަކީ ހަށިގަނޑުގެ އެތެރޭގެ ހާލަތު ދައްކުވައިދޭ ލޯގަނޑެއް ކަމުން، މޫނަށް އަންނަ މިފަދަ ބަދަލުތަކަށް ސަމާލުވުމަކީ މުހިންމު ކަމެކެވެ.
