ކައިވެނީގެ ގުޅުން ބަދަހިކުރުމަށްޓަކައި ދެމަފިރިން އެއް އެނދެއްގައި ނިދުމަކީ ޒަމާނުއްސުރެ ލޯބީގެ ރަމްޒެއްގެ ގޮތުގައި ގަބޫލުކުރެވިފައިވާ ކަމެކެވެ. ނަމަވެސް، ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ވަކިން ނިދުމަކީ ނުވަތަ "ސްލީޕް ޑިވޯސް" އަކީ ކައިވެނީގެ ގުޅުން އިތުރަށް ވަރުގަދަކޮށް، ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތައް މަދުކޮށްދޭ ކަމެކެވެ. މިއީ މިހާރު ހުޅަނގުގެ ގައުމުތަކުގައި ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ޓްރެންޑެކެވެ.
މިކަމާ ގުޅޭގޮތުން ޕަލްމޮނޮލޮޖިސްޓް ޑރ. ސީމާ ކޯސްލާ ވިދާޅުވެފައި ވަނީ، ރަނގަޅަށް ނުނިދޭ ނަމަ މީހާގެ މޫޑު ގޯސްވެ، ކެތްތެރިކަން ކުޑަވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެނގޭ ރަނގަޅަށް ނުނިދޭ މީހުންނަށް ކުދިކުދި ކަންކަމާ ވެސް ރުޅިގަދަވެވޭކަން. ނަތީޖާއަކަށް ވަނީ ބައިވެރިޔާއާ ދެމެދު ބޭކާރު ޒުވާބުތައް އުފެދުން. އެހެންވީމާ ވަކިން ނިދައިގެން ރަނގަޅު ނިދި ލިބޭ ނަމަ، އެއީ ކައިވެންޏަށް ލިބޭ ފަރުވާއެއް،" ޑރ. ސީމާ ވިދާޅުވިއެވެ.
ރޭންޑް ކޯޕަރޭޝަންގެ ސީނިއާ ސައިންޓިސްޓް އަދި "ޝެއަރިން ދަ ކަވާސް" ފޮތުގެ މުސައްނިފު ޑރ. ވެންޑީ ޓްރޮކްސެލް ވިދާޅުވާ ގޮތުގައި، "ސްލީޕް ޑިވޯސް" އަކީ ކައިވެނި ރޫޅާލުމެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ސިއްހަތަށް އިސްކަންދިނުމެވެ.
"ވަކިން ނިދުމަކީ ލޯބި ނެތިގެން ކުރާ ކަމެއް ކަމަށް ދެކޭ ދެކުން ބަދަލުކުރަން ޖެހޭ. ހަގީގަތުގައި ރަނގަޅަށް ނިދާފައި ހޭލާ މީހަކު، ބައިވެރިޔާއާ މެދު ދެކޭ ގޮތް މާ ޕޮޒިޓިވް ވާނެ. އަދި އުފާވެރިކަމާ އެކު ވަގުތު ހޭދަކުރަން ފަސޭހަވާނެ،" ޑރ. ވެންޑީ ފާހަގަކުރެއްވިއެވެ.
އެމެރިކަން އެކަޑަމީ އޮފް ސްލީޕް މެޑިސިން (އޭއޭއެސްއެމް) އިން ހަދާފައިވާ ދިރާސާއެއް ދައްކާ ގޮތުގައި، އެމެރިކާގެ ދެމަފިރިންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުން މިހާރު ނިދަނީ ވަކި ކޮޓަރީގައި ނުވަތަ ވަކި އެނދުގައެވެ. މިކަމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ބައިވެރިޔާ ގުުގުރި ދަމާތީ އުނދަގޫވުމާއި، ރަޖާ ދަމައިގަތުމާއި، އަދި ރާއްޖެ ފަދަ ގައުމެއްގައި ނަމަ އޭސީގެ ފިނިހޫނުމިނާ މެދު އުފެދޭ ހިޔާލު ތަފާތުވުންތައް ހިމެނެއެވެ.
