ހިކެން ބޭނުންވެގެން އެކި ކަހަލަ ޑައިޓްތައް ކުރިޔަސް، ބަރުދަން ލުއިނުވެގެން އުޅޭ މީހުންނަށް ޓިކްޓޮކްގައި މިހާރު އެންމެ މަޝްހޫރުވެފައިވާ ފޯމިއުލާއަކީ "30-30-30" އެވެ. މިއީ ވަރަށް އާދައިގެ، ނަމަވެސް ސައިންޓިފިކް ގޮތުން ބުރަދަން ހުރި ގަވާއިދެކެވެ. މި މެތަޑް އެންމެ ފުރަތަމަ ތައާރަފްކުރީ އެމެރިކާގެ މަޝްހޫރު ހިއުމަން ބަޔޮލޮޖިސްޓް ގެރީ ބްރެކާއެވެ. އޭނާ ވިދާޅުވާ ގޮތުގައި މިއީ ހަށިގަނޑުގެ މެޓަބޮލިޒަމް އަވަސްކޮށް، ސަރުބީ އަންދާލުމަށް އޮތް އެންމެ ފަސޭހަ މަގެވެ.
"30-30-30" ގަވައިދަކީ ކޮބާ؟
މި ގަވައިދު ބިނާވެފައި ވަނީ ހެނދުނު ހޭލާ ގޮތަށް ކުރާ މައިގަނޑު ތިން ކަމެއްގެ މައްޗަށެވެ:
ހޭލާތާ 30 މިނެޓު ތެރޭގައި ނާސްތާ ކުރުން.
އެ ނާސްތާގައި 30 ގްރާމް ޕްރޮޓީން ހިމެނުން.
އެއަށްފަހު 30 މިނެޓު ވަންދެން މެދު މިންވަރެއްގެ (ލޯ-އިންޓެންސިޓީ) ކަސްރަތެއް ކުރުން.
ގެރީ ބްރެކާ ވިދާޅުވާ ގޮތުގައި، ހެނދުނު ހޭލާ ގޮތަށް ޕްރޮޓީން ނުކައި ކޮފީ ބުއިމުން ހަށިގަނޑުގެ ކޯޓިސޯލް ލެވެލް މަތިވެ، ސަރުބީ ރައްކާކުރަން މަޖުބޫރުވެއެވެ. ނަމަވެސް 30 ގްރާމް ޕްރޮޓީން (މިސާލަކަށް 3 ބިސް) ކެއުމުން، ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިބި، ދުވާލު ގަޑީގައި ބަނޑުހައިވުން ކުޑަކޮށްދެއެވެ.
ކަސްރަތު ކުރާނީ ކިހިނެއް؟
މި ގަވައިދުގެ އެންމެ މުހިންމު ބަޔަކީ ފަހު 30 މިނެޓެވެ. މިއީ ޖިމަށް ގޮސް ބުރަ ކަސްރަތު ކުރުމެއް ނޫނެވެ. ބޭނުންވަނީ ހިތުގެ ވިންދު މާ ބޮޑަށް މައްޗަށް ނުދާ ވަރުގެ "ސްޓެޑީ ސްޓޭޓް ކާޑިއޯ" އެކެވެ. މިސާލަކަށް ބާރަށް ހިނގުން ނުވަތަ ބައިސްކަލް ދުއްވުމެވެ.
މެޔޯ ކްލިނިކްގެ ޑައިޓީޝަން ޓާރާ ޝްމިޑްޓް ފާހަގަކުރައްވާ ގޮތުގައި، މި ގަވައިދުގެ ސަބަބުން ލޭގެ ހަކުރު ނުވަތަ ގްލޫކޯޒް ލެވެލް އެއްވަރެއްގައި ހިފެހެއްޓި، އިންސިއުލިން ސްޕައިކްވުން ހުއްޓުވައެވެ.
"ހަށިގަނޑުގައި ގްލޫކޯޒް މަދުވުމުން، ހަކަތަ އުފެއްދުމަށްޓަކައި ހަށިގަނޑުން ބޭނުންކުރާނީ ރައްކާކުރެވިފައި ހުންނަ ފެޓް ނުވަތަ ސަރުބީ. މިއީ ބަރުދަން ލުއިކުރުމަށް އެންމެ އެކަށޭނެ ގޮތް،" ޓާރާ ވިދާޅުވިއެވެ.
ނަމަވެސް ސިއްހީ މާހިރުން އިންޒާރު ދެނީ، ހެނދުނު މިކަން ކުރުމަށް ފަހު ދުވާލުގެ ބާކީ އޮތް ބައިގައި ސިއްހަތަށް ނުރަނގަޅު ކާނާ ކައިގެން ނަތީޖާ ނުނުކުންނާނެ ކަމަށެވެ. މިއީ ދުޅަހެޔޮ ދިރިއުޅުމަކަށް ފެށުމަށް ރަނގަޅު އާދައެކެވެ.
