އިންސާނާގެ ޙަޔާތުގައި ކުރިމަތިވާ ބައެއް އިމްތިޙާނުތަކަކީ އެއިން ސަލާމަތްވާނެ ގޮތެއް ނުފެނި، ހިތްދަތިކަމާއި ނުތަނަވަސްކަން އޭގެ އެންމެ މަތީ ދަރަޖައަށް ފޯރާ ކަންކަމެވެ. މިފަދަ ވަގުތުތަކުގައި، ދުނިޔެއިން ފަނާވެދިއުމަށާއި، އެއްވެސް މީހެއްގެ ހަނދާނުގައި ނުވާފަދަ މީހަކަށް ވުމަށް ހިތަށް އަރައިފާނެއެވެ. ކީރިތި ޤުރްއާނުގެ މަރިޔަމް ސޫރަތުގެ 23 ވަނަ އާޔަތުގައި ބަޔާންވެގެންވާ މަރިޔަމްގެފާނުގެ ބަސްފުޅަކީ، މިފަދަ މަތިވެރި އިމްތިޙާނެއްގެ ވަގުތުގައި އިންސާނީ ޠަބީޢަތުގައި އުފެދޭނެ އެންމެ ފުން އަސަރުތައް ރަމްޒުކޮށްދޭ ބަސްފުޅެކެވެ.
މާތް ﷲ ވަޙީކުރައްވާފައިވެއެވެ: ﴿فَأَجَاءَهَا الْمَخَاضُ إِلَىٰ جِذْعِ النَّخْلَةِ قَالَتْ يَا لَيْتَنِي مިتُّ قَبْلَ هَٰذَا وَكُنتُ نَسْيًا مَّنسِيًّا﴾ މާނައީ: "ދެން އެކަމަނާއަށް ރައްކާވުމުގެ ވޭންވަރު އައުމުން، ކަދުރު ރުކެއްގެ ގަސްގަނޑުގައި ލެނގިވަޑައިގެން އިންނަވަންޖެހުނެވެ. އެކަމަނާ ވިދާޅުވިއެވެ. އޭ ސަހަރޯއެވެ! މިކަންޖެހުމުގެ ކުރީގައި އަހުރެން މަރުވެ، ހަނދާންނެތިވެ، ނަންވެސް ފިލައިދިޔަނަމަ ކޮންފަދަހެއްޔެވެ!"
މަރިޔަމްގެފާނަކީ ޢިއްފަތްތެރިކަމާއި، އަޅުވެރިކަމުގެ އެންމެ މަތީ ނަމޫނާއެވެ. އެކަމަނާގެ މައްޗަށް މާތް ﷲ އިރާދަކުރެއްވި ބޮޑުވެގެންވާ އިމްތިޙާނަކީ، ފިރިހެނެއްގެ ބީހުމެއްނެތި، ޢީސާގެފާނާއިގެން ރައްކައުވެވަޑައިގަތުމެވެ. ރައްކާވުމުގެ ވަގުތު ޖެހި، އެކަނިވެރި ހާލުގައި ކަދުރު ރުކެއްގެ ބުޑުގައި އިންނަވައި، އެކަމަނާ އެ ބަސްފުޅު ވިދާޅުވީ ތިން ސަބަބަކަށްޓަކައެވެ. ފުރަތަމަ ސަބަބަކީ، ވިހެއުމުގެ ވޭނަށްވުރެ ބޮޑަށް، އެކަމަނާގެ ޢިއްފަތްތެރިކަމާމެދު މީސްތަކުން ކުރާނެ މަލާމާތާއި، ދައްކާނެ ވާހަކަތަކަށް އޮތް ބިރުވެރިކަމެވެ. ދެވަނަ ސަބަބަކީ، އެކަމަނާއަށްޓަކައި މީސްތަކުން ފާފަވެރިވެދާނެތީ އެކަމަށް އޮތް ކަންބޮޑުވުމެވެ. ތިންވަނައީ ވިހެއުމުގެ ވޭންވަރުގެ ބޮޑުކަމާއި އެކަމުހެ އިހުސާސް ތަހައްމަކު ކުރަން ޖެހެވަޑައިގަތުމެވެ.
މި އާޔަތުން އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު ފިލާވަޅަކީ، ކިތަންމެ ތަޤުވާވެރި އަޅަކަށްވެސް ދަތި އުނދަގޫ ހާލަތްތަކުގައި ހިތްދަތިކަން އިޙްސާސްކުރެވޭނެ ކަމެވެ. މަރިޔަމްގެފާނު އެ ބަސްފުޅު ވިދާޅުވީ މާތް ﷲ ގެ މިންވަރުފުޅަށް ނުރުހިވަޑައިގެންނެއް ނޫނެވެ. ނަމަވެސް، އެކަމަނާގެ ދީންވެރިކަމާއި ޢަބުރަށް ލިބިދާނެ އުނިކަމަކަށްޓަކައި ކުރެއްވި ހިތާމައެއްގެ ބޮޑުކަމުންނެވެ.
ނަމަވެސް، މި ބޮޑު ތަކުލީފަށްފަހު މާތް ﷲ އެކަމަނާއަށް މަތިވެރި ނިޢުމަތްތަކެއް ދެއްވިއެވެ. ކަރުހިއްކުން ފިލުވައިދެއްވުމަށް ފެން އާރެއް ދެއްވިއެވެ. ކާނާއަށްޓަކައި ކަދުރު ރުކުން ތާޒާ ކަދުރު ދެއްވިއެވެ. އަދި އެންމެ މުހިންމު ކަމަކީ، އެކަމަނާގެ ޢިއްފަތްތެރިކަމުގެ ހެކިބަހެއްގެ ގޮތުގައި އުނދަގޫ ހާލަތުގައި ޢީސާގެފާނު ދެއްކެވި ވާހަކަފުޅެވެ.
މި ހާދިސާއިން އެނގެނީ، އިންސާނާއަށް ކުރިމަތިވާ ކޮންމެ ދަތިކަމަކަށްފަހު ލުއިފަސޭހަކަމެއް ވާކަމެވެ. މަރިޔަމްގެފާނު "މަރުވުމަށް" އެދިވަޑައިގަތް އެ ވަގުތަކީ އެކަމަނާގެ ޙަޔާތުގެ އެންމެ ދަތި ވަގުތު ކަމުގައި ވިޔަސް، މިއަދު އެކަމަނާއަކީ މުޅި ދުނިޔެއަށް ނަމޫނާއެއްގެ ގޮތުގައި ފާހަގަކުރެވޭ، ސުވަރުގޭގެ އަންހެނުންގެ ސައްޔިދާއެކެވެ. އެކަމަނާގެ ނަންފުޅު ފިލައިގެން ދިއުމުގެ ބަދަލުގައި، މާތް ﷲ ވަނީ އެކަމަނާގެ ޛިކުރާ އަބަދަށްޓަކައި ދަމަހައްޓަވާފައެވެ.
ވީމާ، ދިރިއުޅުމުގައި ކުރިމަތިވާ ހިތްދަތި ދަނޑިވަޅުތަކުގައި، "މަރުވިނަމަ ކޮންފަދަހޭ" ހިތަށް އެރިކަމުގައި ވިޔަސް، މާތް ﷲ ގެ ރަޙުމަތުން އުންމީދު ކަނޑާނުލައި، ކެތްތެރިވުމަކީ ކޮންމެ މުއުމިނެއްގެ ސިފައަކަށް ހަދަންޖެހެއެވެ. މިއަދު އަޅުގަނޑުމެންނަށް ފެންނަ ބޮޑު މުޞީބާތަކީ، މާދަމާގެ ބޮޑު ކާމިޔާބީގެ ފެށުންކަމުގައި ވެދާނެއެވެ.
ހަވާލާ: ދީނީ ޢިލްމުވެރިޔާ މުފްތީ މެންކުގެ ދަރުހަކުން 2025
