އިންސާނާގެ ބޭރުފުށުގެ ސިފަތަކަކީ އާއިލީ ގޮތުން ނުވަތަ ޖެނެޓިކްސްގެ ސަބަބުން ކަނޑައެޅޭ ކަމެއް ނަމަވެސް، ދިރިއުޅުމުގެ އާދަކާދަތަކަކީ މީހާ ފެންނަ ފެނުމަށް ބޮޑެތި ބަދަލުތަކެއް ގެނުވާ ކަމެއްކަން ސައިންސީ ހޯދުންތަކުން ދައްކައެވެ. ކޮންމެ ދުވަހަކު ކުރާ ކަންތައްތަކެއްގެ ސަބަބުން ވަގުތު ފާއިތުވަމުންދާ ވަރަކަށް މީހާގެ ސިފައަށް ހެޔޮ ބަދަލުތަކެއް ގެނެވިދާނެއެވެ.
މިގޮތުން އެންމެ މުހިންމު އެއް ކަމަކީ އެކަށީގެންވާ މިންވަރަށް ނިދި ހަމަކުރުމެވެ. ނިދީގެ ތެރޭގައި ހަށިގަނޑުން ހަމުގެ ސެލްތައް މަރާމާތުކޮށް، މުސްކުޅިވުމާ ގުޅޭ ހޯރމޯންތައް ކޮންޓްރޯލްކޮށްދެއެވެ. ދާއިމީކޮށް ނިދި މަދުވުމުގެ ސަބަބުން ހަންގަނޑު މިލައި، ލޯ ކައިރި ކަޅުވުމާއި، މޫނު ދުޅަވުމުގެ އިތުރުން ހަންގަނޑުގައި ރޮށިޖެހުން އަވަސްވެއެވެ.
ކާނާގެ ބާވަތްތަކަކީ ވެސް ހަންގަނޑާއި، އިސްތަށިގަނޑާއި ނިޔަފަތީގެ ދުޅަހެޔޮކަމާ ސީދާ ގުޅިފައިވާ އެއްޗެކެވެ. ހަށިގަނޑަށް ބޭނުންވާ މިންވަރަށް ޕްރޮޓީން ލިބުމަކީ އިސްތަށިގަނޑު ހެދިބޮޑުވުމަށާއި ހަންގަނޑު މަރާމާތުވުމަށް އެހީތެރިވެދޭ ކަމެކެވެ. މީގެ އިތުރުން ވިޓަމިންސް އާއި މިނަރަލްސްގެ ސަބަބުން ކޮލަޖަން އުފެއްދުމަށް މަގުފަހިވެ، ސެލްތަކަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދެއެވެ. ރަނގަޅު ކާނާ ނުކެއުމުގެ ސަބަބުން އިސްތަށި ފޭބުމާއި، ނިޔަފަތި ބިންދައިގެން ދިއުމާއި، ހަންގަނޑުގެ ކުލަ ތަފާތުވުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ.
ފެން ބުއިމަކީ ހަންގަނޑުގެ އިލާސްޓިސިޓީ ނުވަތަ ދެމުމުގެ ބާރު ހިފަހައްޓައިދީ، ހަންގަނޑު ހިކުނަނުދީ ރީތިކޮށް ބެހެއްޓުމަށް އެހީތެރިވެދޭ ކަމެކެވެ. ގިނައިން ފެން ބުއިމަކީ ހަށިގަނޑުން ޒަހަރުތައް ބޭރުކުރާ ކަމެއް ކަމަށް އާންމުކޮށް ގަބޫލުކުރެވުނު ނަމަވެސް، އޭގެ ހަގީގީ ފައިދާއަކީ ހަންގަނޑުގެ މަސައްކަތްތައް ދުޅަހެޔޮކަންމަތީ ކުރިއަށް ގެންދިއުމަށް އެހީތެރިވުމެވެ.
މީހާގެ ސާފުތާހިރުކަމާއި ތަރުތީބުކޮށް ހުރުމަކީ ވެސް މީހާގެ ރީތިކަން އަނެކުންނަށް ފެންނަ ގޮތަށް ބޮޑު ނުފޫޒެއް ފޯރުވާ ކަމެކެވެ. ހަންގަނޑު ސާފުކޮށް ބެހެއްޓުމާއި، އަނގަޔާއި ދަތްތަކުގެ ސާފުތާހިރުކަމާއި، އިސްތަށިގަނޑު ތަރުތީބުކޮށް ބެހެއްޓުމުގެ އިތުރުން ސާފު ހެދުން އެޅުމަކީ މުޖުތަމައުގެ ތެރޭގައި މީހާއަކީ ރީތި މީހެއްގެ ގޮތުގައި ފާހަގަކުރެވޭނެ ކަންކަމެވެ. މީގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމަކީ ވެސް މުހިންމު ކަމެކެވެ. ދިގު މުއްދަތަށް ސްޓްރެސްވުމުގެ ސަބަބުން ހަށިގަނޑުގައި ކޯޓިސޯލްގެ މިންވަރު އިތުރުވެ، މޫނުގައި ބިހި ނެގުމާއި ހަމުގެ އެކި ބަލިތައް ކުރިމަތިވުމަށް މަގުފަހިވެއެވެ.
ރިފަރެންސް:ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (WHO) – ދުޅަހެޔޮ ދިރިއުޅުމާއި ދުޅަހެޔޮކަން.
