އޮސްޓްރިއާގައި، މުސްކުޅިބަލީގައި އެޑްމިޓުކުރި މީހެއްގެ ފައިގެ ލޭގެ ހިނގުން ދަށްވެ، އިންފެކްޝަން އުފެދުމުން އެ ފައި ބުރިކޮށްލަން ޖެހުނެވެ. އެގޮތުން އެ އޮޕަރޭޝަން އަށް ތައްޔާރުވެގެން، އޮޕަރޭޝަން ކުރި އިރު، ބުރިކޮށްލެވިފައިވަނީ ނުބައި ފައެކެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އޭނާގެ ވައަތުފައިގައި އުފެދުނު މި އިންފެކްޝަންގެ އަސަރު ކަނާތުފަޔަށްވެސް ކޮށްފައިވެއެވެ. ނަމަވެސް ވައަތުފައިގައި ހުރި އިންފެކްޝަންގެ ސަބަބުން މުޅި ހަށިގަނޑަށް އޭގެ އަސަރު ކުރަމުންދާތީ އެމީހާގެ ވައަތުފައި ބުރިކޮށްލަން ނިންމިއެވެ.
އެ ކުލިނިކާއި ހަވާލާދީ ބައެއް ރިޕޯޓުތައް ބުނާގޮތުގައި އެހާދިސާ ހިނގަން ދިމާވީ އެންމެ ފަހުވަގުތު، އޮޕަރޭޝަން ރޫމުތެރޭގައި ގެންގުޅުނު ލިޔެކިޔުން ތަކުން އެރި އޮޅުމެއްގެ ސަބަބުންނެވެ. މިކަމުގައި ބައެއްގެ އިހުމާލު ވާކަމަށްވެސް އެ ކުލިނިކުން ވަނީ ބުނެފައެވެ. އަދި މިކަން ހިނގާދިޔަ ގޮތް ބަލާ ތަހުހީގު ކުރާނެކަމަށްވެސް އެ ކުލިނިކުން ވަނީ ބުނެފައެވެ.
އުމުރުން 82 އަހަރުގެ އެ ފިރިހެންމީހާ މިހާރު އަންނަނީ އޭނާގެ ވައަތުފައި ބުރިކޮށްލުމުގެ އޮޕަރޭޝަން އަށް ތައްޔާރުވަމުންނެވެ. އެ ކުލިނިކުގެ ޑަކްޓަރުންނާއި ހަވާލާދީ ރިޕޯޓުތަކުގައިވަނީ، އޮޅިގެން ކަނާތުފަައި ބުރިކޮށްލެވުނު ނަމަވެސް، ފުރާނަ ސަލާމަތްކުރުމަށްޓަކައި ވައަތުފައިވެސް ބުރިކޮށްލަން ޖެހޭނެ ކަމަށެވެ.
އެ ކުލިނިކުން ބުނެފައިވަނީ މިހާދިސާގެ ބަދަލެއްގެ ގޮތުގައި ފައިސާ ދިނުމަކުން މިކަން ހައްލު ނުވާނެކަމަށާއި، މިކަމުގައި ފައިސާއިން ބަދަލު ދިނުމުގެ ވިސްނުމެއް ނެތްކަމަށެވެ. ނަމަވެސް މައްސަލަ ބަލާ، ކަން ނިމޭގޮތަކުން އަމަލު ކުރަންޖެހޭ ގޮތަކަށް އަމަލުކުރާނެ ކަމަށްވެސް އެ ކުލިނިކުން ބުނެއެވެ. އަދި އެ ކުލިނިކުން ވަނީ ދެން އެފަދަ އަމަލެއް ތަކުރާރުވިޔަ ނުދޭނޭކަމުގެ ޔަގީންކަންވެސް ދީފައެވެ.
