މިއަހަރުގެ ރޯދަ މަހު އުމްރާ ގްރޫޕްތައް މެދުވެރިކޮށް އުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް، ފަސޭހަކަމާއެކު ޑޮލަރު ގަތުމަށް ޚާއްސަ ލުއި އިންތިޒާމުތަކެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފިއެވެ.

ބީއެމްއެލްއިން މައުލޫމާތު ދޭ ގޮތުގައި މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މި ފެބްރުއަރީ މަހުގެ 8 އިން 26 ގެ ނިޔަލަށް، ބޭންކު ހުޅުވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން މެންދުރު 12:30 އަށެވެ.

ޚިދުމަތް ހޯދުމަށް ދާންޖެހޭ ތަން: މާލޭގައި ނަމަ، އުމްރާވެރިންނަށް ޑޮލަރު ދޫކުރާނީ އަމީނީމަގުގައި ހުންނަ ބީއެމްއެލް ކަސްޓަމަ ސަރވިސް ސެންޓަރު (ގްރައުންޑް ފްލޯ) އިންނެވެ. އަތޮޅުތެރޭގައި ނަމަ، އެ ރަށެއްގައި ހުންނަ ބީއެމްއެލްގެ ބްރާންޗުން ޚިދުމަތް ލިބޭނެއެވެ.

ބޭންކުން ވަނީ މި މުއްދަތުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ބްރާންޗުތަކުން އުމްރާވެރިންނަށް ޑޮލަރު ވިއްކުން މެދުކަނޑާލާނެކަން ފާހަގަކޮށްފައެވެ.

ޑޮލަރު ގަތުމުގައި ސަމާލުކަންދޭންވީ ކަންކަން:

ލިމިޓް: ކޮންމެ އުމްރާވެރިއަކަށް 500 ޑޮލަރު.
ފައިސާ ދެއްކުން: ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނީ ހަމައެކަނި ބީއެމްއެލް ޑެބިޓް ކާޑުންނެވެ.
ލިޔެކިޔުން: ޑޮލަރު ނަގަން ދާއިރު އުމްރާވެރިޔާގެ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓުގެ އަސްލު ގެންދަންވާނެއެވެ.
އެހެން މީހަކަށް ޑޮލަރު ނަގައިދިނުން: އުމްރާވެރިޔާއަށް ބޭންކަށް ހާޒިރު ނުވެވޭނަމަ، އެހެން މީހަކު މެދުވެރިކޮށް ޑޮލަރު ނެގޭނެ އިންތިޒާމުވެސް ވަނީ ހަމަޖެހިފައެވެ. މިގޮތަށް ދާ ފަރާތަކަށް ގިނަވެގެން 5 މީހުންނަށް (އެމީހާ ހިމެނޭހެން) ޑޮލަރު ނެގޭނެއެވެ. ބަދަލުގައި ދާ މީހާ، އޭނާގެ އަމިއްލަ އައިޑީ ކާޑުގެ އަސްލު ގެންދަން ޖެހޭނެއެވެ.

ޑޮލަރު ވިއްކާނީ އުމްރާ ގްރޫޕްތަކުން ބޭންކަށް ހުށަހަޅާފައިވާ ލިސްޓުގައި ނަން ހިމެނޭ ފަރާތްތަކަށް އެކަންޏެވެ. މީގެ އިތުރުން އާންމު އުސޫލުން ބުކިންގ ޕޯޓަލް މެދުވެރިކޮށް އެއާޕޯޓުން ޑޮލަރު ނެގުމުގެ ފުރުސަތުވެސް އުމްރާވެރިންނަށް އޮންނާނެއެވެ.