ނުކުޅެދުންތެރިކަމެއް ހުއްޓަސް ހުނަރުވެެރި އެތައް ބަޔަކު އިންސާނުންގެ ތެރޭގައި އުޅެއެވެ. އެގޮތުން މިއީ ވެސް އެފަދަ ހުނަރުވެރިއެކެވެ. އުމުރުން 41 އަހަރުގެ ޖެސިކާ ލައުޒާ އަކީ އޭނާ ދެވަނަ ގްރޭޑުގައި ކިޔަވަން ފެށީއްސުރެ ރާޒުވާ ކުޅުމަށް ފޯރި ހުންނަ މީހެކެވެ.
އޭނާގެ ކުޅުމަށް ބަލާއިރު، ގިނަ ބަޔަކަށް އޭނާއާއި ދެކޮޅަށް ނުކުޅެވެނީ ކުޅުން އަވަސް ކަމުން ކަމަށް އޭނާ ބުނެއެވެ. އެގޮތަށް އަވަސް ކުޅުމެއް ކުޅެ ދެކޮޅަށް ކުޅެން ހުންނަ މީހާ ޕްރެޝަރަށް އޭނާ ވައްޓާލައެވެ.
މިދިޔަ އަހަރު ބޭއްވި ރާޒުވާ މުބާރާތަކުން ޖާގަ ކަށަވަރު ކުރުމަށްފަހު އޭނާ ވަނީ ޗެމްޕިއަންކަން ހޯދާފައެވެ.
އޭނާއަކީ ލޮލުގެ ފެނުމުގައި އުނިކަމެއް ވާ މީހެއް ކަމުން އެހާ މޮޅުކޮށް ރާޒުވާ ކުޅޭތީ ގިނަ ބަޔަކު ވަނީ އެކަމާއި ސުވާލު ކޮށްފައެވެ. އެސުވާލުތަކަށް ރައްދުދެމުން ޖެސިކާ ބުނީ އޭނާ ރާޒުވާ ކުޅޭއިރު، ރާޒުވާގެ ފުއްތަށް ފެންނަނީ ފުސްކޮށް ކަމަށެވެ. އަދި އެ ފުއްތަށް އަތުރާފައި ހުންނަ ގޮތުން އެ ގޭމު ކުޅެން ފަސޭހަވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. ކަޅާއި ހުދުގެ ވަކި ތަރުތީބެެއް އޭގައި އެކުލެވޭއިރު، ލޮލުގެ ފެނުމުގައި ވާ އުނިކަމުގެ ސަބަބުން، އެފަދަ މަންޒަރެއް ސިކުނޑީގައި "މޮޅު" ގޮތަކަށް ތަމްސީލު ވެދާނެކަމަށް ބައެއް ޑަކްޓަރުންވެސް ވަނީ ބުނެފައެވެ.
