އަޔޮޑިންއަކީ އިންސާނާގެ ހަށިގަނޑަށް ކޮންމެހެން ބޭނުންތެރި މާއްދާއެއް ކަމަށްވީ ނަމަވެސް، މިއަދު އަޔޮޑިންގެ ސިޔާސަތުތައް ބައްޓަންކުރަންޖެހިފައިވަނީ ހަމައެކަނި އެ މާއްދާ މަދުވުމުން ދިމާވާ މައްސަލަތަކަށް ބަލައިގެންނެއް ނޫނެވެ. އޭގެ ބަދަލުގައި، އަޔޮޑިން އިތުރުވުމުން ކުރިމަތިވާ ނުރައްކާތަކަށްވެސް ސަމާލުކަން ދޭންޖެހެއެވެ. ދިވެހިރާއްޖެއަށް ބަލާއިރު، ކަނޑުމަހާއި، އަޔޮޑައިޒްޑް ލޮނާއި، ބޯފެނާއި، އަދި ބަންދުކުރި ކާނާގެ ޒަރީއާއިން ހަށިގަނޑަށް އަޔޮޑިން އެތެރެވާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މި މައުޟޫޢަށް ލިޔެވިފައިވާ ތަފާތު ލިޔުންތަކަށް ބަލާއިރު، އެއް މިންގަނޑަކުން ހުރިހާ ޤައުމަކަށް ކަނޑައަޅާފައިވާ ސިޔާސަތުތަކުގެ ބަދަލުގައި، ރާއްޖޭގެ މާޙައުލާއި އާދަކާދައަށް ފެތޭ ސިޔާސަތެއްގެ މުހިންމުކަން މި ރިޕޯޓުގައި ހާމަކޮށްދެވޭނެއެވެ.

 

ތަޢާރަފު:

އަޔޮޑިންއަކީ ތައިރޮއިޑް ހޯރމޯން އުފެއްދުމަށްޓަކައި ހަށިގަނޑަށް ބޭނުންވާ މުހިންމު މައިކްރޯނިއުޓްރިއަންޓެކެވެ. ނަމަވެސް، އަޔޮޑިން މަދުވުމާއި އިތުރުވުމަކީވެސް ތައިރޮއިޑް ގްލޭންޑްގެ މަސައްކަތަށް ބުރޫއަރާ ކަންކަމެވެ. ތާރީޚީގޮތުން ބަލާއިރު، ދުނިޔޭގެ ޞިއްޙީ އިދާރާތަކުން އިސްކަންދީފައިވަނީ އަޔޮޑިން މަދުވުމުގެ ސަބަބުން ދިމާވާ އުނިކަން ފޫބެއްދުމަށެވެ. އެހެންނަމަވެސް، ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި އަޔޮޑިން ހަށިގަނޑުގައި މަތިވުމަކީ ތައިރޮއިޑް ބަލިތަކަށް، ޚާއްޞަކޮށް 'އޮޓޯއިމިއުން ހައިޕޯތައިރޮއިޑިޒަމް' ފަދަ ބަލިތަކަށް މަގުފަހިވާ ކަމެކެވެ. ރާއްޖެ ފަދަ ކޮންމެ ދުވަހަކު ކަނޑުމަސް ކާ އަދި އަޔޮޑައިޒްޑް ލޮނު ބޭނުންކުރާ ޤައުމެއްގައި، އަޔޮޑިން އިތުރުވުމުގެ ނުރައްކާ އޮތް މިންވަރު ދެނެގަތުމަކީ މިއަދު ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.

 

ދިވެހިރާއްޖޭގެ އަޔޮޑިން ނިއުޓްރިޝަންގެ ޙާލަތު:

ރާއްޖޭގައި ލޮނު އަޔޮޑައިޒް ކުރުމުގެ މަޝްރޫޢު ހިންގާތާ އެތައް އަހަރެއް ވެފައިވާއިރު، މިއަދު ރާއްޖޭގައި ބޭނުންކުރާ ގާތްގަނޑަކަށް ހުރިހާ ލޮނަކީ އަޔޮޑައިޒް ކޮށްފައިވާ ލޮނެވެ. ހަމައެއާއެކު، ދިވެހިންގެ ކެއުމުގައި ހިމެނޭ އެންމެ މުހިންމު ބާވަތް ކަމުގައިވާ ކަނޑުމަހަކީ ގުދުރަތީގޮތުން އަޔޮޑިން މުއްސަނދި އެއްޗެކެވެ. ދިވެހިން ދުވާލަކު އެއްފަހަރު ނުވަތަ ދެފަހަރު މަސް ކާކަމަށް ދިރާސާތަކުން ދައްކައެވެ. މި ދެ ގޮތުން ހަށިގަނޑަށް އެތެރެވާ އަޔޮޑިންގެ ސަބަބުން، ހަށިގަނޑަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް އަޔޮޑިން ލިބުމުގެ ފުރުޞަތު ބޮޑެވެ.

ރާއްޖޭގައި ތައިރޮއިޑް މައްސަލަތައް އިތުރުވަމުންދާކަމުގެ ރިޕޯޓުތައް ލިބެމުންދާއިރު، މީގެ ކުރިން ކުރެވިފައިވާ ގިނަ ދިރާސާތައް ބިނާވެފައިވަނީ ހަމައެކަނި ލޮނުގައި އަޔޮޑިން ހުންނަ މިންވަރަށެވެ. ނަމަވެސް، ދިވެހިން ލޮނު ބޭނުންކުރާ މިންވަރު އިންތިހާއަށް މަތިކަން ވޯލްޑް ހެލްތު އޯގަނައިޒޭޝަން ގެ ސާވޭތަކުން އެނގެއެވެ. ދިވެހި އާބާދީގެ 70 އިންސައްތައަށްވުރެ ގިނަ މީހުން ކަނޑައެޅިފައިވާ މިންގަނޑަށްވުރެ ގިނައިން ލޮނު ބޭނުންކުރެއެވެ. އެހެންކަމުން، ގިނައިން ލޮނު ބޭނުންކުރުމަކީ އޭގެ ޒާތުގައި ގިނައިން އަޔޮޑިން ހަށިގަނޑަށް އެތެރެވުން ކަމުގައި ވަނީ ވެފައެވެ.

 

ކެއުމުގެ އާދަކާދައާއި އަޔޮޑިން ލިބޭ ތަފާތު ވަސީލަތްތައް:

ދިވެހިންގެ ކެއުމުގެ ވައްޓަފާޅިއަށް ބަލާއިރު، އަޔޮޑިން ލިބެނީ ހަމައެކަނި ލޮނަކުން ނޫނެވެ. ކަނޑުމަހުގެ އިތުރުން، ރާއްޖޭގެ ބައެއް ރަށްރަށުގައި ކެއްކުމަށް ބޭނުންކުރާ ވަޅުފެނަކީވެސް އަޔޮޑިން އެކުލެވިގެންވާ އެއްޗެކެވެ. މީގެ އިތުރުން، ބާޒާރުން ގަންނަން ލިބޭ ބައެއް ފުޅީގައި ބަންދުކުރި ފެނާއި (މިނަރަލް ވޯޓާރ) އަދި ރާއްޖެއަށް އިމްޕޯޓްކުރާ ބަންދުކުރި ކާނާގެ ބާވަތްތަކުގައިވެސް ގިނަ އަދަދަކަށް އަޔޮޑިން ހުރެއެވެ. މި ހުރިހާ ވަސީލަތްތަކެއް އެކުވުމުން، ދިވެހިންގެ ހަށިގަނޑަށް އަޔޮޑިން އެތެރެވާ މިންވަރު ހުންނާނީ ރައްކާތެރި މިންގަނޑަށްވުރެ މަތީގައި ކަމަށް ބެލެވެއެވެ.

 

ތައިރޮއިޑް ބަލިތަކުގެ ނުރައްކާ އިތުރުވުން:

ދިވެހިރާއްޖޭގެ ހެލްތު ބުލެޓިންތަކުން ދައްކާގޮތުގައި ތައިރޮއިޑް ބަލިތައް، ޚާއްޞަކޮށް 'ހައިޕޯތައިރޮއިޑިޒަމް' ފަދަ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ. ތާރީޚީ ގޮތުން ބަލާއިރު، މިއީ އަޔޮޑިން މަދުވުމުގެ ނަތީޖާއެއް ކަމަށް ބެލެވުނު ނަމަވެސް، މިހާރުގެ ސައިންޓިފިކް ހޯދުންތަކުން ސާފުވާ ގޮތުގައި، ހަށިގަނޑަށް ބޭނުންވާ މިންވަރަށްވުރެ ގިނައިން އަޔޮޑިން ލިބުމަކީ ތައިރޮއިޑް ގްލޭންޑަށް ލިބޭ ގެއްލުމެކެވެ. ޚާއްޞަކޮށް ޖެނެޓިކް ގޮތުން މިފަދަ ބަލިތަކަށް ހުށަހެޅުމުގެ ފުރުޞަތު އޮންނަ މީހުންނަށް މި ނުރައްކާ މާ ބޮޑެވެ.

 

ލޮނުގެ ސިޔާސަތު މުރާޖަޢާކުރުން:

ރާއްޖޭގެ ޙާލަތަށް ބަލާއިރު، މުޅި ދުނިޔެއަށް އާންމުކޮށް ކަނޑައަޅާފައިވާ އަޔޮޑިން ސިޔާސަތުތަކަށް ބަދަލު ގެނައުމާމެދު ވިސްނާން ވެއްޖެއެވެ. ހަމައެކަނި އަޔޮޑިން މަދުވުމުން ސަލާމަތްވުމަށް ކުރާ މަސައްކަތުގެ ތެރެއިން، އާބާދީގެ ބޮޑު ބަޔަކަށް އަޔޮޑިން އިތުރުވުމުގެ މައްސަލަ ކުރިމަތިވުމަކީ ޞިއްޙީ ގޮތުން ދިމާވެދާނެ ބޮޑު ގޮންޖެހުމެކެވެ. އެހެންކަމުން، ރާއްޖެއަށް އެތެރެކުރާ ލޮނުގައި އަޔޮޑިން ހުންނަންޖެހޭ މިންވަރު މުރާޖަޢާކުރުމާއި، ކޮންމެހެން އަޔޮޑިން ބޭނުންވާ މީހުންނަށް އެކަނި އަމާޒުކޮށްގެން ޕްރޮގްރާމްތައް ހިންގުން މުހިންމެވެ.

މިކަމަށްޓަކައި، ދިވެހިންގެ ކެއުމުގެ އާދަކާދައާއި، ތިމާވެށީގެ އެކި ވަސީލަތްތަކުން އަޔޮޑިން ލިބޭ މިންވަރު ދެނެގަތުމަށް ފުޅާ ދިރާސާތަކެއް ކުރަންޖެހެއެވެ. ސިޔާސަތުތައް އެކުލަވާލަންޖެހޭނީ ހަމައެކަނި ލޮނަށް ބަލައިގެންނެއް ނޫނެވެ. އޭގެ ބަދަލުގައި، މަހާއި ފެނާއި އެހެނިހެން ކާނާއިން ލިބޭ މިންވަރުވެސް އެ ސިޔާސަތުގެ ތެރޭގައި ހިމަނަންޖެހޭނެއެވެ.

 

ނިންމުން:

ޖުމްލަގޮތެއްގައި ބަލާއިރު، ދިވެހިންނަކީ ގުދުރަތީގޮތުން އަޔޮޑިން މުއްސަނދި މާޙައުލެއްގައި އުޅޭ ބަޔެކެވެ. ކަނޑުމަހާއި، ވަޅުފެނާއި، އަދި އަޔޮޑައިޒްޑް ލޮނުގެ ސަބަބުން ދިވެހިންގެ ހަށިގަނޑުގައި އަޔޮޑިން ހުންނަންޖެހޭ މިންވަރަށްވުރެ އިތުރުވުމުގެ ފުރުޞަތު ބޮޑެވެ. މިކަމުގެ ސަބަބުން ތައިރޮއިޑް ބަލިތައް އިތުރުވަމުންދާކަން ފާހަގަކުރެވޭއިރު، ރާއްޖޭގެ އަޔޮޑިން ސިޔާސަތު އަލުން މުރާޖަޢާކޮށް، ދިވެހިންގެ ޙަޤީޤީ ބޭނުންތަކާއި ޙާލަތަށް ރިޢާޔަތްކުރާ، ހަމަހަމަ ސިޔާސަތެއް އެކުލަވާލުމަކީ ޤައުމީ ފެންވަރެއްގައި ކުރަންޖެހިފައިވާ މުހިންމު މަސައްކަތެކެވެ.

 

 

މަޞްދަރުތައް:

. ބަންނާ، ކޭ. (2024، އޮކްޓޫބަރު 22). ކަނޑުމަސް: ތައިރޮއިޑްގެ ދުޅަހެޔޮކަމަށް މުހިންމު މި ކާނާގައި އަޔޮޑިން ހުންނަނީ ކިހާ މިންވަރަކަށް؟ Fishing and Fish. https://fishingandfish.com/how-much-iodine-in-tuna-fish/

. ހެލްތު ޕްރޮޓެކްޝަން އެޖެންސީ. (2024). ގައިންގަޔަށް ނާރާ ބަލިތަކުގެ ނުރައްކާ އޮތް މިންވަރު ދެނެގަތުމަށް ކުރެވުނު ޤައުމީ ދިރާސާ: މޯލްޑިވްސް ސްޓެޕްސް ސަރވޭ 2023. މާލެ: ހެލްތު ޕްރޮޓެކްޝަން އެޖެންސީ، މިނިސްޓްރީ އޮފް ހެލްތު.

. އަޔޮޑިން ގްލޯބަލް ނެޓްވޯކް. (2023، ޖުލައި). ދިވެހިރާއްޖޭގައި އަޔޮޑިންގެ މުއްސަނދިކަން ހުރި މިންވަރާއި ލޮނުގައި އަޔޮޑިން އެއްކުރުމުގެ މަޝްރޫޢުގެ ހާލަތު: ކަންޓްރީ ބްރީފް. ޔުނިސެފް ރީޖަނަލް އޮފީސް ފޯ ސައުތު އޭޝިއާ. https://ign.org/app/uploads/2023/10/Maldives_Country-Brief.pdf

. ޚުދައިރު، އޭ.، ޚުދައިރު، އޭ.، ނީނުމާ، އެސް. އޭ.، ހަބީބު، އެޗް.، އަދި ބަޓްލަރ، އޭ. އީ. (2025). ތައިރޮއިޑްގެ މައްސަލަތަކުގެ އިތުރުން: އަޔޮޑިން އިތުރުވުމުން ހަށިގަނޑުގެ ނިޒާމުތަކަށް ކުރާ ނޭދެވޭ އަސަރުތައް. Frontiers in Endocrinology, 16, Article 1568807. https://doi.org/10.3389/fendo.2025.1568807

. ކްރިޝްނަން، އޭ. (1999). ދިވެހިރާއްޖޭގައި އަޔޮޑިން މަދުވުމުގެ ސަބަބުން ކުރިމަތިވާ ސިއްހީ މައްސަލަތައް: އާންމު ސިއްހަތަށް އޮތް ގޮންޖެހުމެއް. Academia.edu. https://www.academia.edu/59735123/Iodine_deficiency_disorders_in_the_Maldives_A_public_health_problem

. ލިއުންގް، އޭ. އެމް.، ބްރެވަރމަން، އެލް. އީ.، އަދި ޕިއަރސް، އީ. އެން. (2012). އަޔޮޑިންގެ ސަބަބުން ތައިރޮއިޑް މަސައްކަތް ކުރުމަށް ހުރަސްއެޅުން. Current Opinion in Endocrinology, Diabetes and Obesity, 19(5), 414–419. https://doi.org/10.1097/MED.0b013e328357f93b

. މަހަރްޖަން، އެމް. އާރް.، އަދި ޓިމާ، އޭ. (2023). ދިވެހިރާއްޖޭގައި އަޔޮޑިންގެ މުއްސަނދިކަން ހުރި މިންވަރާއި ލޮނުގައި އަޔޮޑިން އެއްކުރުމުގެ މަޝްރޫޢުގެ ހާލަތު. އަޔޮޑިން ގްލޯބަލް ނެޓްވޯކް. https://ign.org/app/uploads/2023/10/Maldives_Country-Brief.pdf

. މިނިސްޓްރީ އޮފް ހެލްތު، މޯލްޑިވްސް. (2024). އެނުއަލް ހެލްތު ބުލެޓިން 2024. މާލެ: ދިވެހި ސަރުކާރު.

. ޕިއަރސް، އީ. އެން.، ލަޒަރަސް، ޖޭ. އެޗް.، މޮރޭނޯ-ރޭސް، އާރް.، އަދި ޒިމަރމަން، އެމް. ބީ. (2016). އަޔޮޑިން އިތުރުވުމުގެ ނަތީޖާ. Endocrine Reviews, 37(2), 106–132. https://doi.org/10.1210/er.2015-1090

. ސަން، އެކްސް.، ޝާން، ޒެޑް.، އަދި ޓެންގް، ޑަބްލިއު. (2014). އަޔޮޑިން ބޭނުންކުރާ މިންވަރު އިތުރުވުމުން ތައިރޮއިޑް ބަލިތަކަށް ކުރާ އަސަރު. Endocrinology and Metabolism, 29(3), 240–247. https://doi.org/10.3803/EnM.2014.29.3.240

. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (WHO). (2022). ގައިންގަޔަށް ނާރާ ބަލިތަކުގެ ނުރައްކާ ދެނެގަތުމަށް އެކުލަވާލެވިފައިވާ ސްޓެޕްސް (STEPS) އުސޫލު: ދިވެހިރާއްޖޭގެ ރިޕޯޓު. ޖެނީވާ: ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ.