ހަވްލާ ރިޒާއަކީ ދިވެހި އަދަބީ ދުނިޔެއަށް މުޅިން އާ ވައްތަރެއްގެ ފޮތަކާއެކު ނުކުތް ހުނަރުވެރި ލިޔުންތެރިއެކެވެ. އުމުރުން 36 އަހަރުގެ ހަވްލާ ވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި އަދަބިއްޔާތު ގުޅުވާލައި، ރާއްޖޭގެ ފުރަތަމަ "ޕޮއެޓްރީ ސުވެނިއަރ" ނުވަތަ ޅެންވެރިކަމުގެ ހަނދާނީ ހަދިޔާ، "ހީލް އިން ޕެރެޑައިޒް" ގެ ނަމުގައި ވުޖޫދަށް ގެނެސްފައެވެ. އޭނާގެ މި މަސައްކަތަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި އިންސާނީ އިޙްސާސްތައް ގުޅުވާލައިގެން އުފައްދާފައިވާ ފަންނުވެރި އުފެއްދުމެކެވެ.
ތަޢުލީމާއި ވަޒީފާ
ލިޔުންތެރިކަމުގެ ދާއިރާގައި ފިޔަޖަހަމުން އައި ނަމަވެސް، ހަވްލާގެ އަސްލު ދާއިރާއަކީ ތަޢުލީމީ ދާއިރާއެވެ. އޭނާއަކީ ހިއުމަން ރިސޯސް މެނޭޖްމަންޓް (އެޗް.އާރް.އެމް) ގެ ދާއިރާއިން ކިޔަވައިދެއްވާ ލެކްޗަރަރއެކެވެ. ނަމަވެސް ކުޑައިރުއްސުރެ އިނގިރޭސި ބަހާއި "ކްރިއޭޓިވް ރައިޓިންގ" އަކީ އޭނާ އެންމެ ގަޔާވާ ދާއިރާއެވެ. މި ދެ ދާއިރާ އެއްކޮށްލައިގެން ހަވްލާ ވަނީ އޭނާގެ އިލްމީ ޤާބިލުކަމާއި ފަންނީ ހުނަރުވެރިކަން ދައްކުުވައިދީފައެވެ.
ލިޔަން ފެށުނު ގޮތް:
ހިތާމައިގެ ތެރެއިން އުފެދުނު އާދައެއް މި ފޮތް ލިޔުމުގެ އަސްލު ގުޅިފައިވަނީ ހަވްލާގެ ހަޔާތަށް ކުރިމަތިވި ވަރަށް ބޮޑު ހިތާމައަކާއެވެ. އެއީ 2021 ވަނަ އަހަރު އޭނާގެ ލޯބިވާ ބައްޕަ ނިޔާވުމެވެ. ބައްޕަގެ ވަކިވުމާއެކު ދިރިއުޅުމަށް އައި ބޮޑެތި ބަދަލުތަކާއި، ހިތަށް ލިބުނު ފުން ހިތާމަތަކުން އަރައިގަތުމަށް އޭނާ ހިޔާރުކުރި މަގަކީ ލިޔުމެވެ. ހަވްލާ ސިފަކުރާ ގޮތުގައި ލިޔުންތެރިކަމަކީ އޭނާގެ ހިތާމަތަކަށް އޮތް ފަރުވާއެވެ.
"އަޅުގަނޑު ބައްޕަ ނިޔާވީ 2021 ގައި. އޭގެ ތެރެއިން ލައިފް އަދި ފެމިލީއަށް އައި ބޮޑެތި ޗޭންޖަސްއިން އަރައިގަންނަން ވަރަށް އުނދަގޫވި. އެ ދުވަސްކޮޅު ވަރަށް ލިޔުނިން ޕޮއެޓްރީ ވެސް،" ތީރަށް ދިން އިންޓަވިއުގައި ހަވްލާ ބުންޏެވެ.
ހަވްލާ އަކީ ޖާނަލް ކުރުމުގެ އާދަ ހަވްލާއަކީ ކުޑައިރުއްސުރެ ވެސް އަމިއްލަ އިޙްސާސްތައް ލިޔެ، "ޖާނަލް" ކުރުމުގެ އާދަ ހިފާފައިވާ ފަރާތެކެވެ. އުފާވިޔަސް އަދި ދެރަވިޔަސް އޭނާގެ އެންމެ ގާތް އެކުވެރިޔަކަށްވީ ގަލަމާއި ކަރުދާހެވެ. މި އާދައިގެ ސަބަބުން، ހިތުގައި އުފެދޭ އުދާސްތައް ބޭރުކޮށްލުމަށް ފަސޭހަ މަގެއް އޭނާއަށް ފެނުނެވެ.
ސޯޝަލް މީޑިއާއިން ބައިނަލްއަޤްވާމީ މައިދާނަށް ފުރަތަމަ ކޮޅުގައި ހަވްލާ އޭނާގެ ޅެންތައް ހިއްސާކުރީ އިންސްޓަގްރާމް މެދުވެރިކޮށެވެ. އެ ޕްލެޓްފޯމުން ލިބުނު ތަރުހީބާއި، ޚާއްސަކޮށް ހިތާމައިގެ ތެރޭގައި އުޅޭ މީހުންގެ ފަރާތުން ލިބުނު ހެޔޮ ބަސްތަކުން އޭނާއަށް އިތުރު ހިތްވަރެއް ލިބުނެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ބޭރުގެ އަދަބީ މަޖައްލާތަކަށް ޅެންތައް ފޮނުވަން ފެށިއެވެ. އޭގެ ތެރެއިން ބައެއް ޅެންތައް ޝާއިއުވުމުން ލިބުނު އިތުބާރާއެކު "ހީލް އިން ޕެރެޑައިޒް" ލިޔުމުގެ މަސައްކަތް ފެށިއެވެ.
"ޕޮއެޓްރީ ސުވެނިއަރ" ގެ މަޤްޞަދު ހަވްލާ ބޭނުންވީ ރާއްޖެ އަންނަ ފަތުރުވެރިންނަށް ހަމައެކަނި މާއްދީ އެއްޗެއް ގެންދިއުމުގެ ބަދަލުގައި، ރާއްޖޭގެ "ރޫޙު" އިޙްސާސް ކުރެވޭނެ ފަދަ ހަދިޔާއެއް އުފެއްދުމަށެވެ. އެހެންކަމުން މި ފޮތް ފަރުމާކޮށްފައިވަނީ ފަތުރުވެރިންނާއި ދިވެހިންނަށް ވެސް ހިތްހަމަޖެހުން ގެނުވައިދޭނެ "މީނިންގފުލް ކީޕްސޭކް" އެއްގެ ގޮތުގައެވެ.
"ހިތަށް އެރީ މިހާރު ޕެރެޑައިޒްއޭ އެންމެން ކިޔަސް، އެއް ޒަމާނެއްގައި މިއީ ޕެރެޑައިޒްއެއް ނޫނޭ. ކާބަފައިންގެ ވަރަށް ބޮޑެތި ޤުރުބާނީތަކަކުންނޭ މިހިސާބަށް ޕެރެޑައިޒް އައީ. އެހެންވެ އިންނާނެ ޝަހީދުންނަށް ޓްރިބިއުޓްއެއް ވެސް ހިމަނާފައި... އަޅުގަނޑު ބޭނުންވީ މީނިންގފުލް ކީޕްސޭކްއެއް ކްރިއޭޓް ކުރަން،" ހައުކާ ބުންޏެވެ.
ފޮތް ލިޔުމުގެ މަރުޙަލާ މި ފޮތް ލިޔުމަށް ދެ އަހަރެއްހާ ދުވަސް ހޭދަވިއެވެ. ވަޒީފާ އަދާކުރައްވަމުން މިކަން ކުރުމަށްޓަކައި ހަވްލާ ބޭނުންކުރެއްވީ ފަތިހުގެ ވަގުތުތަކެވެ. އަދި ލިބޭ ހުސްވަގުތުތަކުގައި ފޯނުގެ "ނޯޓްސް" އެޕް ބޭނުންކޮށްގެން ވެސް ޅެންތައް ލިޔުނެވެ. 2025 ވަނަ އަހަރު ފޮތް ނެރުމަށް އަމާޒު ހިފައިގެން ކުރި މަސައްކަތް ކާމިޔާބުވީ މިފަދަ ޑިސިޕްލިންއެއް ގެންގުޅުމުންނެވެ.
ފޮތުގެ ބައިތައް:
ލޯބި، ވޭން އަދި ޝިފާ "ހީލް އިން ޕެރެޑައިޒް" ބަހާލެވިފައިވަނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ "ލަވް" (ލޯބި)، "ޕެއިން" (ވޭން) އަދި "ހީލް" (ޝިފާ/ފަސޭހަވުން) ގެ މައްޗަށެވެ. މި ތަރުތީބަކީ އިންސާނާގެ ހަޔާތުގައި ދިމާވާ ކަންކަމާއި، އެކަންކަމުން އަރައިގަތުމަށް ކުރާ ދަތުރު ރަމްޒުކޮށްދޭ ތަރުތީބެކެވެ.
ގުދުރަތީ ރީތިކަމާއި އިޙްސާސްތައް ގުޅުވާލުން ހަވްލާގެ ޅެންތަކުގައި ރާއްޖޭގެ ގުދުރަތީ ރީތިކަން، ޚާއްސަކޮށް ދޮންވެލިގަނޑާއި، މޫދާއި، ފަޅުތައް ބޭނުންކޮށްފައިވަނީ ހަމައެކަނި މަންޒަރުތަކެއްގެ ގޮތުގައެއް ނޫނެވެ. އެއީ އިންސާނާގެ އިޙްސާސްތައް ބަޔާންކޮށްދޭ މެޓަފޯރ ނުވަތަ މިސާލުތަކެއްގެ ގޮތުގައެވެ.
"އަޅުގަނޑުގެ ޕޮއެޓްރީއަށް ވަރަށް ބޮޑަށް އިންސްޕިރޭޝަން ނަގަނީ ނޭޗަރގެ ބިއުޓީއިން. އެގޮތުން ލިޔުނުއިރު ރާއްޖޭގެ ގުދުރަތީ ރީތިކަން، ދޮންވެލިގަނޑު، ހިނގާލާއިރު ކުރެވޭ އިޙްސާސްތައް، ވިލާއާއި ފަޅުތައް އަދި ފަންތައް ކަހަލަ އެއްޗެހީގެ ރީތިކަން ގެނައިއިރު އައިޑިއާއަކަށް އައީ އަސްލު ޕޮއެޓްރީ ސުވެނިއަރއެއް ގޮތަށް ހަދަން." ހަވްލާ ބުންޏެވެ.
ތާރީޚާއި ސަޤާފަތުގެ މުއްސަނދިކަން މި ފޮތުގައި ހަމައެކަނި ޒަމާނީ ވާހަކަތަކެއް ނޫނެވެ. ދިވެހިންގެ ހިތްވަރުގަދަކަމާއި، މަސްވެރިކަމާއި، ރާބަނދި ފަދަ ސަޤާފީ ކަންކަމުގެ އިތުރުން ދިވެހި އަންހެނުންގެ ވާހަކަތައް ވެސް ހިމަނާފައިވެއެވެ. މީގެ ބޭނުމަކީ ފަތުރުވެރިންނަށް ދިވެހިންނާ މެދު ފުން ވިސްނުމަކުން ވިސްނާލުމުގެ ފުރުސަތު ދިނުމެވެ.
ޅެންވެރިކަމަކީ ހަތިޔާރެއް އަދި ޝިފާއެއް
ހަވްލާ ސިފަކުރާ ގޮތުގައި ޅެންވެރިކަމަކީ އޭނާގެ "ހަތިޔާރެކެވެ". އަދި ހިތަށް ފަސޭހަކަން ގެނުވައިދޭ "ބާމް" އެކެވެ. އަމިއްލަ ނަފްސު ދިފާޢުކުރުމަށާއި، ރުޅި އައުމުން އެ ރުޅިގަނޑު ބޭރުކޮށްލުމަށް ބޭނުންކުރާ ވަސީލަތަކީ ޅެންވެރިކަމެވެ.
"އޭގައި (ޅެމެއްގައި) އަޅުގަނޑު ސިފަކުރަން ޕޮއެޓްރީއަކީ އަޅުގަނޑުގެ މިހާރުގެ ހަތިޔާރު ކަމާއި، ފަސޭހަކުރާ 'ބާމް' ކަމާއި، ރުޅި އައީމަ އެއްލާ ތީރެއް ކަމާއި، ފިލަން ބޭނުންވީމަ ވަދެ ފިލާނެ ފާރެއް ގޮތަށް،" ކަމަށް ހަވްލާ ބުންޏެވެ.
އަމިއްލަ ނަފްސު ހާމަކުރުމުގެ ޖެހިލުންވުން އަމިއްލަ ޒާތީ އިޙްސާސްތައް، ޚާއްސަކޮށް "ޕެއިން" ޗެޕްޓަރުގައި ހުރި ވާހަކަތައް ދުނިޔެއަށް ހާމަކުރުމަކީ ހަވްލާއަށް ފަސޭހަކަމަކަށް ނުވިއެވެ. ފުރަތަމަ ކޮޅު ވަރަށް ބޮޑަށް ޖެހިލުންވިއެވެ. ނަމަވެސް އޭނާ ޤަބޫލުކުރީ، އެ އިޙްސާސްތައް ހިއްސާކުރުމުން އެހެން މީހުންނަށް ވެސް އެކަމުން ތަސައްލީއެއް ލިބިދާނެ ކަމަށެވެ.
ކިޔުންތެރިންގެ ފަރާތުން ލިބުނު ތަރުހީބު ފޮތް ނެރުމަށްފަހު، ވަރަށް ގިނަ ދިވެހިންގެ ފަރާތުން ހީނުކުރާ ފަދަ ރަނގަޅު "ރިވިއު" ތަކެއް ލިބުނު ކަމަށް ހަވްލާ ފާހަގަކުރެއެވެ. އެހެން މީހުންނާ ހިއްސާނުކޮށް ހުރި އެތައް އިޙްސާސްތަކެއް މި ފޮތުގެ ސަބަބުން ދުލާ ހަމައަށް ގެނެވުނުކަން ކިޔުންތެރިން ވަނީ ފާހަގަކޮށްފައެވެ.
"ވަރަށް އުފާވޭ ވަރަށް ގިނަ ލޯކަލް ރީޑާރސް ވެސް ބުނޭ، އެމީހުން އެކަކާ ވެސް ޝެއަރ ނުކުރާ ފީލިންގްސް އެބަހުއްޓޭ 'ހީލް އިން ޕެރެޑައިޒް' ގަ،" ހަވްލާ އުފަލާއެކު ފާހަގަކުރިއެވެ.
ނަފްސާނީ ދުޅަހެޔޮކަމަށް ލިޔުންތެރިކަން:
ހަވްލާ ދެކެވަޑައިގަންނަވާ ގޮތުގައި ހިތުގައި ހުންނަ ކަންބޮޑުވުންތައް ނުލިޔެ ހިފެހެއްޓުމުން، އެކަންކަން ހުންނާނީ ގޮށް ޖެހިފައެވެ. ނަމަވެސް އެކަންކަން ލިޔެލުމުން ސިކުނޑި ސާފުވެ، ގޮތް ނިންމަން ފަސޭހަވެގެންދެއެވެ.
"އަޅުގަނޑު ބުނާނީ ހިތުގައި އަޅާ ވޭން ހުންނާނީ ގޮށްގޮށަށް ފުނިޖެހިފައޭ ގިނަ އަހަރު. އެއްޗެހި ލިޔެލުމުން، ނުވަތަ މީހަކާ ޝެއަރ ކޮށްލުމުން، ގިނަ ފަހަރަށް ގޮށް މޮހި ތަރުތީބު ވާނޭ،" ނަސޭހަތެއްގެ ގޮތުން އޭނާ ބުންޏެބެ.
މުސްތަޤުބަލުގެ އުއްމީދު
"ހީލް އިން ޕެރެޑައިޒް" އަކީ ހަވްލާގެ ހުވަފެނެއް ހަޤީޤަތަކަށްވުމެވެ. ނަމަވެސް އޭނާގެ އުއްމީދުތައް މިއަށްވުރެ މާ ބޮޑެވެ. އޭނާ ބޭނުންވަނީ ދިވެހި އަދަބިއްޔާތާއި ޅެންވެރިކަން ބައިނަލްއަޤްވާމީ ފެންވަރުގައި ޤަބޫލުކުރެވޭ "ގްލޯބަލް ވޮއިސް" އަކަށް ހެދުމަށެވެ.
ފޮތް ލިބެން ހުރި ތަންތަން މި ފޮތް މިހާރު ނޮވެލްޓީ ބުކްޝޮޕާއި އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތަކުން ލިބެން ހުންނާނެއެވެ. އަދި މީގެ އިތުރުން ހަވްލާގެ ރަސްމީ ވެބްސައިޓް (hawlariza.com) މެދުވެރިކޮށްވެސް މި ފޮތް ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
މިފޮތް ގަތުމަށް އަޅުގަނޑު ކުރި "ޕާސަނަލް އެކްސްޕީއަންސް" ވަރަށް ރަނގަޅެވެ. އަޅުގަނޑު މި ފޮތް ރަހުމަތްތެރިއަކަށް ހަދިޔާއެއްގެ ގޮތުގައި ދިނުމަށް ގަތީ ވެބްސައިޓު މެދުވެރިކޮށެވެ. ވަގުތުން ރެސްޕޯންޑު ކުރިއިރު، 24 ގަޑިއިރު ނުވަނީސް ފޮތް ވަނީ ކ. ހުރާގައި ހުރި ރަޝިޔާ ރަހުމަތްތެރިއަކަށް ފޯރުކޮށްދީފައެވެ.
