މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ (މައިންޑްކޯ) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން، ރާއްޖޭގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ޑޭޓާ ކޮމްޕިޓެންސީ ސެންޓަރެއް ގާއިމުކުރުމަށް މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ 'މޯލްޑިވްސް 2.0' ޑިޖިޓަލް ޓްރާންސްފޮމޭޝަން އެޖެންޑާގެ ދަށުން ކުރިއަށްގެންދާ ގައުމީ ފެންވަރުގެ މުހިންމު މަޝްރޫއެކެވެ.

ސެންޓަރުގެ މަޤްޞަދު:

މި ސެންޓަރުގެ މައިގަނޑު އަމާޒަކީ ދައުލަތުގެ ހިންގުން ހަރުދަނާކޮށް، އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޒަމާނީ ޓެކްނޮލޮޖީ (އޭއައި އާއި ޑޭޓާ) ގެ ބޭނުން ހިފުން

 

ދައުލަތުގެ އިދާރާތަކަށާއި އިގްތިސާދީ ދާއިރާތަކަށް ރައްކާތެރިކަމާއެކު ޑޭޓާ އާއި އޭއައި ބޭނުންކުރުމަށް އެހީތެރިވުން.


މުއައްސަސާތަކުގެ ގާބިލުކަން އިތުރުކޮށް، ވިލުންތެރި އިގްތިސާދެއް ބިނާކުރުމަށް ބޭނުންވާ ހައްލުތައް ހޯދައިދިނުން.


ބައިވެރިންގެ ދައުރު: މި މަޝްރޫއު އިސްވެ ހިންގާނީ މައިންޑްކޯއިންނެވެ. ބީއެމްއެލްގެ ދައުރަކީ ސްޓްރެޓީޖިކް ޕާޓްނަރެއްގެ ގޮތުގައި، ސެންޓަރު ފެށުމުގެ މަރުހަލާގައި އެހީތެރިވުމެވެ. ބީއެމްއެލްއިން އެ ބޭންކުގެ ޑިޖިޓަލް ޕޭމެންޓް، ފިންޓެކް އަދި ޑޭޓާ ބޭނުންކުރުމުގެ ތަޖުރިބާ މިކަމުގައި ހިއްސާކުރާނެއެވެ.

ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން: މި ސެންޓަރުގެ މަސައްކަތުގައި ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކާއި، ޓެކް ކުންފުނިތައް އަދި އަލަށް ފަށާ ވިޔަފާރިތަކަށް ވެސް ފުރުސަތު އޮންނާނެއެވެ. މިއީ ސަރުކާރަށް ދިމާވާ ގޮންޖެހުންތަކަށް އަމަލީ ހައްލު ހޯދުމުގައި އެފަރާތްތަކުގެ އެހީތެރިކަން ހޯދުމަށެވެ.

ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ސެންޓަރުގެ އަމަލީ މަސައްކަތް އަންނަ އެޕްރީލް މަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.