ދުނިޔޭގެ ކެންސަރު ދުވަހުގެ މުނާސަބަތުގައި، ކެންސަރު ބަލި ތަހައްމަލު ކުރަމުންދާ މީހުންނާއި އެމީހުންގެ އާއިލާތަކުން ދައްކަމުންދާ ހިތްވަރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުރީފު ކުރައްވައިފިއެވެ. މި ދުވަހާ ގުޅިގެން ރައީސް ފޮނުއްވި މެސެޖުގައި ވިދާޅުވީ، ކެންސަރު ބަލި ޖެހިފައިވާ ކޮންމެ މީހެއްގެ ވާހަކައަކީ ވެސް ހާއްސަކަމެއް ލިބިފައިވާ ތަފާތު ވާހަކައެއް ކަމަށެވެ.

ރައީސްގެ މެސެޖުގައި، ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާ ދިއުމަކީ ރާއްޖޭގެ ގިނަ އާއިލާތަކަކަށް ނަފްސާނީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރާ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ބައްޔަށް ފަރުވާ ހޯދުމަށް ކުރަންޖެހޭ ހޭދައިގެ ބޮޑުކަމުން، މާލީ ގޮތުން ވެސް އާއިލާތަކަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސިއްހީ ހިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މާލެ ފިޔަވައި އަތޮޅުތެރޭގައި ވެސް ކެންސަރަށް ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިގޮތުން ނިމިދިޔަ ޖަނަވަރީ މަހު ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ހިދުމަތް ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ކެންސަރު ކޮންޓްރޯލް ކުރުމުގެ ގައުމީ ޕްލޭން 2022-2026 ގެ ދަށުން، ބަލި ޖެހުމުގެ ކުރިން ރައްކާތެރިވުމަށާއި، ދުރާލާ ބަލި ދެނެގަތުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ރައީސް ވިދާޅުވިއެވެ. ހާއްސަކޮށް ދުންފަތް ކޮންޓްރޯލް ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާއި، ޕެލިއޭޓިވް ކެއާ ނުވަތަ ބަލި މީހުންނަށް ބޭނުންވާ ހާއްސަ އަޅާލުން ހަރުދަނާ ކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ވެސް މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

މި މެސެޖު ނިންމަވާލައްވަމުން ރައީސް ވަނީ މި ދާއިރާގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިންނާއި އަމިއްލަ ޖަމިއްޔާތަކުގެ ދައުރު ފާހަގަކޮށް ޝުކުރު އަދާކުރައްވާފައެވެ. ކޮންމެ މީހެއްގެ ފުރާނައަކީ ވެސް މުހިންމު ފުރާނައެއްކަން ހަނދާންކޮށްދެއްވައި، ކެންސަރާ ދެކޮޅަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.