ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކާއެކު ދުނިޔެ ހޫނުވަމުންދާތީ، ޗުއްޓީ ހޭދަކުރުމަށް ޓޫރިސްޓުން އިޚްތިޔާރުކުރާ މަންޒިލްތަކަށް ބޮޑު ބަދަލެއް އަންނަން ފަށައިފިއެވެ. "ކޫލްކޭޝަން" ނުވަތަ ފިނި މަންޒިލްތަކަށް ޗުއްޓީއަށް ދިއުމުގެ ޓްރެންޑަކީ މިހާރު ޓޫރިޒަމް ދާއިރާގައި އެންމެ ބާރަށް ދެކެވޭ އެއް ވާހަކައެވެ. މިއީ ހޫނު ގަދަ ގައުމުތަކުގެ ބަދަލުގައި، މޫސުން ފިނި އަދި ހިތްފަސޭހަ ގައުމުތަކަށް ދަތުރުކުރުމެވެ.

ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި، ޔޫރަޕްގެ މަޝްހޫރު ޓޫރިސްޓް މަންޒިލްތައް ކަމަށްވާ އިޓަލީ، ގްރީސް އަދި ސްޕެއިން ފަދަ ގައުމުތަކުގައި ހޫނުމިން އާދަޔާ ހިލާފަށް މައްޗަށް ދިއުމުގެ ސަބަބުން، ޓޫރިސްޓުން މިހާރު މިސްރާބު ޖަހަނީ އުތުރުގެ ގައުމުތަކަށެވެ. އޭގެ ތެރޭގައި އައިސްލޭންޑް، ނޯވޭ، ސްވިޑަން އަދި ކެނެޑާ ފަދަ ގައުމުތައް ހިމެނެއެވެ. ލަގްޒަރީ ޓްރެވަލް ނެޓްވޯކެއް ކަމަށްވާ 'ވާޗުއޯސޯ' އިން ހާމަކޮށްފައިވާ ގޮތުގައި، 2025 ވަނަ އަހަރު ސްކެންޑިނޭވިއާގެ ގައުމުތަކަށް ބުކިން ހެދި މީހުންގެ އަދަދު ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 27 ޕަސަންޓު އިތުރުވެފައެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ވާޗުއޯސޯގެ ވައިސް ޕްރެޒިޑެންޓް މިސްޓީ ބެލްސް ބޭރުގެ މީޑިއާއަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، މީހުން މިހާރު ބޭނުންވަނީ ހޫނުގަދަ ތަންތަނުގައި ވަގުތު ހޭދަކުރުމުގެ ބަދަލުގައި ހިތްހަމަޖެހިލައިގެން އުޅެވޭނެ މާހައުލެއް ކަމަށެވެ.

"މީހުން ބޭނުންވަނީ ހޫނުގަދަވެގެން ގޮސް ހޮޓަލުގެ ކޮޓަރީގައި ބަންދުވެފައި ތިބޭކަށް ނޫން. އޭގެ ބަދަލުގައި އަރާމު މޫސުމެއްގައި ބޭރުގައި އުޅެ، އާ ތަޖުރިބާތައް ކުރަން،" ބެލްސް ބުންޏެވެ.

މި ޓްރެންޑުގެ ދަށުން ޓޫރިސްޓުން ޝައުގުވެރިކަން ހުންނަނީ ގްލޭސިއާ ބެލުމާއި، ފަރުބަދަތަކަށް އެރުމާއި، ނޯދަން ލައިޓްސް ބެލުން ފަދަ ހަރަކާތްތަކަށެވެ. މީގެ އިތުރުން ފިނި މާހައުލެއްގައި ވަގުތު ހޭދަކުރުމަކީ ނިދި ހަމަކުރުމަށް އެހީވެދީ، ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެއް ކަމަށް ވެސް ތަޖުރިބާކާރުން ފާހަގަކުރެއެވެ.

ދުނިޔެ ހޫނުވުމުގެ މައްސަލައަށް އަވަސް ހައްލެއް ލިބިފައިނުވާތީ، ކުރިއަށް އޮތް ތަނުގައި "ކޫލްކޭޝަން" ގެ މަގުބޫލުކަން އިތުރަށް ބޮޑުވެގެންދާނެ ކަމަށް ބެލެވެއެވެ. މިއީ ހަމައެކަނި ޗުއްޓީ ހޭދަކުރުމުގެ ވައްޓަފާޅިއަށް އައި ބަދަލެއް ނޫން ކަމަށާއި، މިއީ މޫސުމީ ބަދަލުތަކާއެކު އިންސާނުންގެ ދިރިއުޅުމަށް އަންނަމުންދާ ބަދަލުތަކުގެ ތެރެއިން ކަމެއްކަން ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.