ޗުއްޓީ ހޭދަކުރުމުގެ ވައްޓަފާޅިއަށް އަންނަމުންދާ ބަދަލުތަކުގެ ތެރެއިން، މިހާރު އެންމެ ބާރަށް ފެތުރެމުންދާ އެއް ޓްރެންޑަކީ "ގްލޯކޭޝަން" ނުވަތަ ރީތިވުމަށް ކުރާ ދަތުރުތަކެވެ. މިއީ ހަމައެކަނި ތަންތަން ބަލާލައި، ކައިބޮއެ ހެދުމުގެ ބަދަލުގައި، މީހާގެ ބޭރުފުށުގެ ސިފަ ރީތިކޮށް، ހަށިގަނޑަށް ތާޒާކަން ގެނައުމަށް ކުރާ ދަތުރުތަކަށް ދީފައިވާ ނަމެކެވެ.

މިފަދަ ދަތުރުތަކުގައި ޓޫރިސްޓުން އެންމެ ބޮޑު އިސްކަމެއް ދެނީ ސްޕާ ޓްރީޓްމަންޓްތަކާއި، ހަންގަނޑު ރީތިކުރުމަށް ދޭ ޚާއްސަ ފަރުވާތަކާއި، ކަސްރަތު ޕްރޮގްރާމްތަކުގައި ބައިވެރިވުމަށެވެ. މައިގަނޑު މަގުސަދަކީ ޗުއްޓީ ނިންމާފައި އެނބުރި ގައުމަށް ދާއިރު، ކުރިއަށްވުރެ ޒުވާންކޮށް އަދި "ގްލޯ" ވެފައި ނުވަތަ އުޖާލާވެފައި ހުރުމެވެ. ކުރިން ޗުއްޓީ ނިންމާފައި އަންނައިރު ވަރުބަލިވެފައި ތިބޭ ތިބުން ބަދަލުކޮށް، މީހާ މުޅިން ތާޒާވުމަކީ މި ޓްރެންޑުގެ އަސާސެވެ.

މިކަމާ ގުޅިގެން ދުނިޔޭގެ މަޝްހޫރު ހޮޓާތަކާއި ރިސޯޓުތަކުން މިހާރު އަންނަނީ "ބިއުޓީ އެންޑް ވެލްނަސް" ޕެކޭޖުތައް ތައާރަފުކުރަމުންނެވެ. އޭގެ ތެރޭގައި ނިދި ހަމަކުރުމަށް އެހީވެދޭ ޕްރޮގްރާމްތަކާއި، ހަށިގަނޑުން ވިހަ މާއްދާތައް ބޭރުކުރުމަށް (ޑިޓޮކްސް) ދެވޭ ކާނާއާއި، މޫނާއި އިސްތަށިގަނޑަށް ދެވޭ ގުދުރަތީ ފަރުވާތައް ހިމެނެއެވެ.

ވެލްނަސް ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، "ގްލޯކޭޝަން" ގެ މަގުބޫލުކަން އިތުރުވީ ސޯޝަލް މީޑިއާގެ ނުފޫޒާ އެކުގައެވެ. އިންސްޓަގްރާމް ފަދަ މަންސަތަކުގައި ރީތި ފޮޓޯ ލުމަށް ޝައުގުވެރިވާ މީހުން، އެމީހުންގެ ޗުއްޓީގެ ތެރެއިން އަމިއްލަ ނަފްސަށް އަޅާލުމަށް ވަގުތު ހުސްކުރާ މިންވަރު ވަނީ އިތުރުވެފައެވެ.

މިއީ ހަމައެކަނި އަންހެނުންގެ މެދުގައި އޮތް ކަމެއް ނޫން ކަމަށާއި، ފިރިހެނުން ވެސް މިހާރު ގިނަ އަދަދަކަށް މިފަދަ "ވެލްނަސް ރިޓްރީޓް" ތަކަށް ދަތުރުކުރާކަން ތަފާސްހިސާބުތަކުން ދައްކައެވެ. މި ޓްރެންޑާއެކު ދެކުނު ކޮރެއާ، ތައިލެންޑް އަދި ސްވިޒަލޭންޑް ފަދަ ގައުމުތަކަށް ދަތުރުކުރާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.