ސްރީލަންކާއަކީ ޒަމާނުއްސުރެ ރާއްޖޭގެ އެންމެ ގާތް އަދި އެންމެ އިތުބާރު ހުރި އެއް އެކުވެރިޔާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސްރީލަންކާގެ 78 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.

މި ދުވަހުގެ މުނާސަބަތުގައި ރައީސް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖުގައި، ލަންކާގެ ރައީސް އަނޫރާ ކުމާރަ ދިސާނަޔަކަ އާއި ޕްރައިމް މިނިސްޓަރު ޑރ. ހަރިނީ އަމަރަސޫރިޔާއަށް ވަނީ ތަހުނިޔާ ވިދާޅުވެފައެވެ. އަދި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ލަންކާގެ އެންމެހާ ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ.

ރައީސްގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަކީ އެތައް ގަރުނެއްވީ ދިގު ތާރީހެއް އޮތް ގުޅުމެކެވެ. ރާއްޖެއާއި ލަންކާއާ ދެމެދު އޮތް މި ގުޅުމަކީ ސަރަހައްދީ ގޮތުންނާއި ސަގާފީ ގޮތުން ވެސް ވަރަށް ބަދަހި ގުޅުމެއްކަން އެމަނިކުފާނު ސިފަކުރެއްވިއެވެ.

ސްރީލަންކާގައި މިނިވަން ދުވަސް ފާހަގަކުރަނީ 1948 ވަނަ އަހަރު އިނގިރޭސި އިސްތިއުމާރުގެ ދަށުން އެ ގައުމަށް ފުރިހަމަ މިނިވަންކަން ލިބުނު ދުވަހާ ގުޅިގެންނެވެ. ކޮންމެ އަހަރެއްގެ ފެބްރުއަރީ 4 ވަނަ ދުވަހަކީ ލަންކާގެ ރައްޔިތުންނަށް ތާރީހީ ގޮތުން ވަރަށް މުހިންމު ދުވަހެކެވެ.

ރާއްޖެއާއި ލަންކާއާ ދެމެދު އޮންނަ ގާތް ގުޅުމުގެ ސަބަބުން، ލަންކާއަކީ ދިވެހިންނަށް ވަރަށް މުހިންމު ގައުމެކެވެ. ހާއްސަކޮށް ސިއްހީ ފަރުވާ ހޯދުމަށާއި ތައުލީމު ހާސިލުކުރުމަށް ޒަމާނުއްސުރެ ގިނަ އަދަދެއްގެ ދިވެހިން ލަންކާއަށް ދަތުރުކުރާކަން ފާހަގަކޮށްލެވެއެވެ.