ދިރާގުން ކުރިއަށްގެންދާ "ރޯދަ ރެޑީ" ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިން ހޮވައި، އެ ފަރާތްތައް އިއުލާންކޮށްފިއެވެ. ދިވެހިންގެ ސަގާފަތާއި އާދަކާދަތަކާ ގުޅުވައިގެން ފަރުމާކޮށްފައިވާ މި ޕްރޮމޯޝަނަކީ، ކުރިއަށް އޮތް ރޯދަ މަހަށް ތައްޔާރުވުމަށް ކަސްޓަމަރުންނަށް އެހީތެރިވުމުގެ ގޮތުން އަގުހުރި އިނާމުތަކެއް ހުށަހަޅައިގެން ކުރިއަށްގެންދާ ހާއްސަ ހަރަކާތެކެވެ.
މި ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާގައި ގުރުއަތުން ހޮވުނު ނަސީބުވެރިންނަށް ދިރާގުން ވަނީ ރެޑްވޭވްގެ 5,000 ރުފިޔާގެ ޝޮޕިންގ ވައުޗަރު ހަދިޔާކޮށްފައެވެ. މިދިޔަ ޖަނަވަރީ މަހުގެ 20 އިން 26 އަށް ހޮވުނު ނަސީބުވެރިންނަކީ ޒާހިރާ އަލީ، ފާތިމަތު ލީނާ، މުހައްމަދު ޝިމާލް ނާޒިމް، އާމިނަތު އިނާޝާ އަނީސް، މުހައްމަދު ފައިޝާން ފައިސަލް، އަޒްރަފް މުހައްމަދު އަދި އިބްރާހީމް ރަޝީދެވެ.
ދިރާގުން ބުނި ގޮތުގައި މި ޕްރޮމޯޝަނުގެ ދަށުން ޖުމްލަ 21 ނަސީބުވެރި ފަރާތަކަށް 5,000 ރުފިޔާގެ ވައުޗަރު ހޯދުމުގެ ފުރުސަތު ލިބޭނެއެވެ. މި ވައުޗަރުތައް ބޭނުންކޮށްގެން ރާއްޖޭގެ މަގުބޫލު ފިހާރަތަކާއި އެއާލައިންތަކުން ވިޔަފާރި ކުރެވޭނެއެވެ. މީގެ އިތުރުން، ކޮންމެ ހަފްތާއަކު ހޮވޭ ނަސީބުވެރި ފަރާތަކަށް، އެއް މިނެޓުގެ ތެރޭގައި ހިލޭ ބާޒާރުކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު ދިރާގުގެ އެކި ހިދުމަތްތައް ބޭނުންކުރާ ކަސްޓަމަރުންނަށް ވަނީ ހުޅުވާލާފައެވެ. އޭގެ ތެރޭގައި 50 ރުފިޔާއިން ފެށިގެން މަތީގެ އެޑް-އޮންއެއް އެކްޓިވޭޓްކުރާ ޕްރީޕެއިޑް ކަސްޓަމަރުންނާއި، އެޑް-އޮން ނުވަތަ ބޫސްޓަރެއް ނަގާ ޕޯސްޓްޕެއިޑް އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުން ހިމެނެއެވެ. ހަމައެއާއެކު "ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަނުގައި ބައިވެރިވެފައިވާ ފަރާތްތަކަށް ވެސް މި ޕްރޮމޯޝަނުގައި އޮޓަމެޓިކުން ބައިވެރިވެވޭނެއެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، މި ހިނގާ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ދިރާގު އެޕް މެދުވެރިކޮށް އެންރޯލް ކުރެވޭނެއެވެ. އެންރޯލް ކުރާ ހިސާބުން ޕްރޮމޯޝަން ނިމެންދެން ކޮންމެ ކަސްޓަމަރަކަށް ވެސް އިނާމު ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. ދިރާގުން ބުނީ އެ ކުންފުނީގެ އަމާޒަކީ މަންފާކުރަނިވި ހިދުމަތްތައް މެދުވެރިކޮށް ދިވެހިންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށްދިނުން ކަމަށެވެ.
