ކުޑަކުއްޖަކު ބޮޑާހާކަން ނުވަތަ ރޯން ފެށުމުން، އެކަން ހުއްޓުވުމަށް އެންމެ ފަސޭހަ ހައްލަކަށް މިހާރު ވެފައިވަނީ ކުއްޖާގެ އަތަށް ސްމާޓް ފޯނެއް ނުވަތަ ޓެބްލެޓެއް ދިނުމެވެ. މިއީ މައިންބަފައިންނަށް ވަގުތީ ހިތްހަމަޖެހުމެއް ލިބުނު ނަމަވެސް، "ޑިޖިޓަލް ޕެސިފަޔާ" ގެ ގޮތުގައި ފޯނު ބޭނުންކުރުމަކީ ދިގު މުއްދަތަކަށް ބަލާއިރު ކުއްޖާގެ އަހުލާގަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ހުރި ބޮޑު ނުރައްކަލެއް ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ.
މަޝްހޫރު މެޑިކަލް ޖާނަލް "ޖާމާ ޕީޑިއެޓްރިކްސް" ގައި ޝާއިއުކޮށްފައިވާ މި ދިރާސާއިން ދައްކާ ގޮތުގައި، ކުދިން ރުޅިގަދަވާ ވަގުތުތަކުގައި މަައިތިރިކުރުމަށް ސްކްރީން ދިނުމަކީ، އެކުދިންގެ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމުގެ ހުނަރު ނުވަތަ "އިމޯޝަނަލް ރެގިއުލޭޝަން" ދަށްކޮށްލާ ކަމެކެވެ. ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުން މިގޮތަށް އަމަލުކުރާ ނަމަ، އުމުރުން ބޮޑުވަމުން އަންނައިރު ރުޅި ކޮންޓްރޯލް ކުރުމަށް އެކުދިން ނުކުޅެދެއެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން، އެމެރިކާގެ ޔުނިވާސިޓީ އޮފް މިޝިގަން ހެލްތުގެ ތަޖުރިބާކާރު ޑރ. ޖެނީ ރަޑެސްކީ ވިދާޅުވީ، ކުދިން މައިތިރިކުރުމަށް ޑިވައިސް ބޭނުންކުރުމުން، އެކުދިން އަމިއްލައަށް ޖަޒުބާތުތައް ދެނެގަނެ، އެކަންކަމާ ކުރިމަތިލާން ދަސްކުރުމުގެ ފުރުސަތު ގެއްލިގެންދާ ކަމަށެވެ.
"ކުއްޖާ ރޯން ފެށުމާއެކު ފޯނު ދިނުމުން އެކުދިންނަށް ދަސްވަނީ، އުނދަގޫ އިހުސާސެއް ކުރެވޭނަމަ އެކަމުން ސަލާމަތްވާނީ އެހެން އެއްޗަކަށް ސަމާލުކަން ބަދަލުކޮށްލައިގެން ކަން. އޭގެ ބަދަލުގައި އެކުދިން ދަސްކުރަންވީ އެ އިހުސާސެއް ކޮންޓްރޯލް ކުރާނެ ގޮތް،" ޑރ. ރަޑެސްކީ ވިދާޅުވިއެވެ.
ދިރާސާއިން ދައްކާ ގޮތުގައި މިކަމުގެ ނުރައްކާ އެންމެ ބޮޑީ ފިރިހެން ކުދިންނަށާއި، އާންމުކޮށް ވެސް ރުޅިގަދަ މިޒާޖު ހުންނަ ކުދިންނަށެވެ. ސްކްރީން ދީގެން ކުއްޖާ ހުއްޓުވުމަކީ ފަސޭހަ ކަމެއް ނަމަވެސް، މިއީ ނުރަނގަޅު ސައިކަލްއެކެވެ. ކޮންމެ ފަހަރަކު ފޯނު ދިނުމުން، ޖެހިގެން އަންނަ ފަހަރު ކުއްޖާ ބޮޑާހާކާ މިންވަރު އިތުރުވެ، ފޯނު ނުލިބެނީސް ހުއްޓާނުލާނެއެވެ.
މާހިރުން ލަފާދެއްވަނީ ކުދިން ރޯން ފެށުމުން ނުވަތަ ބޮޑާހާކަން ފެށުމުން، ސްކްރީން ދިނުމުގެ ބަދަލުގައި ކުއްޖާގެ ގައިގައި ބައްދާލައި، ލޯބިން ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށެވެ. އަދި ކުއްޖާއަށް ވަމުންދާ ގޮތް ކިޔައިދީ (މިސާލަކަށް: "ދަރިފުޅު ތިހުރީ ރުޅި އައިސްފައި ދޯ؟") އިހުސާސްތައް ދެނެގަންނަން ދަސްކޮށްދިނުމަކީ މުހިންމު ކަމެކެވެ.
