ރާއްޖޭގައި އަލަށް ތަރައްގީކުރާ 10 ރިސޯޓަކުން ލިބޭ ފައިދާގެ ބޮޑު ބައެއް، ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޑޮލަރުން ޖަމާކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ މިއަދު ރިޔާސީ ބަޔާން އިއްވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ ނަފާ ސީދާ ރައްޔިތުންގެ ޖީބަށް ވަންނާނެ ގޮތް ހެދުން ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގެ ޚުލާސާ:
10 ރިސޯޓު: އަލަށް ތަރައްގީކުރާ 10 ރިސޯޓެއްގެ ފައިދާ ސީދާ ރައްޔިތުންނަށް ޚާއްސަ ކުރެވޭނެއެވެ.
ޑޮލަރުން ޖަމާކުރުން: މި ރިސޯޓުތަކުން ލިބޭ ފައިދާގެ ތެރެއިން ރައްޔިތުންނަށް ޚާއްސަކުރާ ބައި، ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކުރެވޭނީ ޑޮލަރުންނެވެ.
މަގުސަދު: މިއީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށާއި، ރާއްޖެއަށް ވަންނަ ޑޮލަރުގެ މަންފާ ހަމަހަމަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ނިންމެވި ނިންމެވުމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މިއީ ރާއްޖޭގެ ތާރީޚުގައިވެސް ސަރުކާރުގެ ވިޔަފާރިއަކުން ލިބޭ ނަފާ ސީދާ ރައްޔިތުންގެ އެކައުންޓަށް ޑޮލަރުން ޖަމާކޮށްދިނުމަށް ނިންމި ފުރަތަމަ ފަހަރެވެ.
މަޝްރޫއުގެ މައިގަނޑު ބޭނުން: ގުދުރަތީ ވަސީލަތްތަކުގެ (ރިސޯޓްތަކުގެ) ހަގީގީ ވެރިންނަކީ ރައްޔިތުން ކަމަށްވާތީ، އޭގެ ނަފާ ސީދާ ރައްޔިތުންނަށް ހޯދައިދިނުން.
10 ރިސޯޓް ތަރައްގީކުރުން: ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް، ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 10 ރިސޯޓް ތަރައްގީކުރުމަށް ވަނީ ނިންމާފައި.
ގާނޫނީ މިލްކުވެރިކަން: މި 10 ރިސޯޓުގެ ހިއްސާދާރުންނަކީ ދިވެހި ހުރިހާ ރައްޔިތުންކަން ގާނޫނަކުން ކަނޑައަޅާނެ.
ފައިސާ ޖަމާވާން ފަށާނެ ތާރީޚް: މި އިންވެސްޓްމަންޓުން ރައްޔިތުންނަށް ފައިސާ ލިބެން ފަށާނީ 2030 ވަނަ އަހަރުން ފެށިގެން ކަމަށް އަންދާޒާކުރެވޭ.
ލިބޭނެ ކަމަށް ލަފާކުރާ އަދަދު: ކޮންމެ ދިވެހި ރައްޔިތެއްގެ އެކައުންޓަށް އަހަރަކު މަދުވެގެން 400 ޑޮލަރު ޖަމާވާނެ (މިސާލަކަށް 5 މެމްބަރުންގެ އާއިލާއަކަށް އަހަރަކު 2000 ޑޮލަރު).
ފައިސާ ދޭނެ ގޮތް: މި ފައިސާއަކީ އަހަރަކު އެއްފަހަރު، ސީދާ ރައްޔިތުންގެ ބޭންކު އެކައުންޓަށް ޑޮލަރުން ޖަމާކޮށްދޭނެ ފައިސާ.
އިތުރު ސަރަހައްދުތަކަށް ޓޫރިޒަމް: ރިސޯޓް ނެތް ސަރަހައްދުތަކުގައި ފަތުރުވެރިކަން ފުޅާކުރުމަށް ރިސޯޓްތައް ތަރައްގީކުރާނެ.
