ދީނާއި ސިޔާސަތަކީ ވަކި ދެ އެއްޗެއް ކަމަށް ދެކޭ "ސެކިއުލާ" ފިކުރުގެ މީހުން ނުރުހުނު ނަމަވެސް، ދިވެހި ދައުލަތް ހިންގުމުގައި އިސްކުރައްވާނީ އިސްލާމްދީން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން މިއަދު އިއްވެވި ރިޔާސީ ބަޔާނުގައެވެ.
ރައީސް ވިދާޅުވީ ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވީހިނދު، ދައުލަތް ހިންގުމުގެ ކަންކަން ބައްޓަންކުރަން ޖެހޭނީ އިސްލާމްދީނުގައިވާ ގޮތުގެ މަތިން ކަމަށެވެ. އަދި މާތް ﷲ ވަނީ މުސްލިމުން އުޅެންވީ ގޮތް ފުރިހަމައަށް ބަޔާންކޮށްދެއްވާފައި ކަމަށާއި، ސަރުކާރުގެ ސިޔާސަތަކީ އެ އުސޫލުތަކާ އެއްގޮތަށް ކަންކަން ތަރައްގީ ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދީނާއި ސިޔާސަތު ވަކިކުރުމަށް ވަކާލާތުކުރާ ފަރާތްތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، އިސްލާމީ ދައުލަތެއްގެ ވެރިޔާގެ ހައިސިއްޔަތުން ދީނާ އެއްގޮތަށް ސިޔާސަތުތައް ބައްޓަން ކުރުމަކީ ލާޒިމް ކަމެއް ކަމަށެވެ.
"ދީނާއި ސިޔާސަތު ވަކިކުރުމުގެ ފިކުރިއްޔާތުގެ އަހުލުވެރީން އެހެން ގޮތަކަށް މިކަން ދުށުމަކުން އަޅުގަނޑުގެ ކުޑަވެސް ފަރުވާލެއް ނެތް،" ވަރަށް ސާބިތުކަމާއެކު ރައީސް ވިދާޅުވިއެވެ.
މިއަދުގެ ރިޔާސީ ބަޔާން ރައީސް ފެއްޓެވީވެސް، ފާއިތުވި އަހަރު ދީނީ ގޮތުން ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާއި މި އަހަރަށް ރާވާފައިވާ ދީނީ ކަންކަމުގެ ތަފްސީލުންކަން ފާހަގަކޮށްލެވެއެވެ.
