ރާއްޖެއިން ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށްޓަކައި ޚާއްސަކޮށްފައިވާ ސޮވްރިން ޑިވްލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް 275 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، މިއަހަރުގެ އޭޕްރީލް މަހު ދައްކަން ޖެހޭ ބޮޑު ދަރަނި ދެއްކުމަށްޓަކައި އެސްޑީއެފް އަށް މިހާރު 275 މިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއް ޖަމާކުރެވިފައިވާ ކަމަށެވެ.

މާލީ ހާލަތާ ގުޅޭގޮތުން ރައީސް ފާހަގަކުރެއްވި އިތުރު ކަންކަން:

ޖުމްލަ ރިޒާވް: މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ރިޒާވް ވަނީ 1.3 ބިލިއަން ޑޮލަރަށް އިތުރުކުރެވިފައެވެ.
ދަރަނި ދެއްކުން: އޭޕްރީލް މަހު ދައްކަން ޖެހޭ ބޮޑު ދަރަނި ދެއްކުމުގެ ގާބިލުކަން ސަރުކާރުގައި ހުރިކަން ހާމަކުރައްވައި، ރައީސް ވަނީ އެސްޑީއެފް ފަންޑުގައި އެކަމަށް ބޭނުންވާ ފައިސާ ހުރިކަމުގެ ޔަގީންކަން ދެއްވާފައެވެ.


ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތު އިތުރަށް ހަރުދަނާކޮށް، ދަރަނި ބެލެހެއްޓުން މިހާރަށްވުރެ ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުން ކަމަށެވެ.