ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ފުރިހަމަ އޮންލައިން ޕޭމަންޓް ނިޒާމެއް ރާއްޖޭގައި ގާއިމުވެފައި ނެތުން ކަމަށެވެ.
ވިޔަފާރިތަކަށް ގެންނަ މުހިންމު ބަދަލުތައް:
ޕޭޕަލް: މި ޚިދުމަތް ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފެށިގެންދާނެކަމުގެ އުފާވެރި ޚަބަރު ރައީސް ދެއްވިއެވެ.
ޑިޖިޓަލް ވޮލެޓް: ރާއްޖެއާއި ރާއްޖެއިން ބޭރުގައި ފައިސާގެ މުއާމަލާތްތައް ކުރެވޭ ދިވެހި މަލްޓި-ކަރަންސީ ޑިޖިޓަލް ވޮލެޓް "ސްވައިޕް" މިހާރު ތައާރަފު ކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
އަލީ ބާބާ: ދުނިޔޭގެ އެންމެ ބޮޑު އީ-ކޮމާސް ޕްލެޓްފޯމް ކަމަށްވާ އަލީ ބާބާއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، ވަރަށް އަވަހަށް އެ ޕްލެޓްފޯމުގައި ދިވެހި އުފެއްދުންތައް ވިއްކުމުގެ ފުރުސަތު 400 ވެންޑަރުންނަށް ފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ކުދި ވިޔަފާރިތަކަށް ލުޔެއް ދިނުމުގެ ގޮތުން، 20 އަށްވުރެ މަދުން ބިދޭސީން ގެންގުޅޭ ކުންފުނިތަކުން، މިއަހަރުގެ މާޗު މަހުން ފެށިގެން އަހަރީ ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
