ކ. ގުޅީފަޅު ކައިރިން ދަތުރުކުރަމުންދަނިކޮށް ލޯންޗެއް ބަންޑުން ޖަހާލައި، އޭގެން ދަތުރުކުރި 9 ފަތުރުވެރިންނާއެކު ޖުމްލަ 12 މީހަކު ސަލާމަތްކޮށްފިއެވެ.
އެމްއެންޑީއެފްއިން މައުލޫމާތު ދިން ގޮތުގައި، "ބުލެޓް ސްޕީޑް" ނަމަކަށް ކިޔާ މި ލޯންޗު ބަންޑުން ޖަހާލިއިރު އޭގައި ތިބީ 9 ފަތުރުވެރިންނާއި، 2 ފަޅުވެރިންގެ އިތުރުން ލޯންޗުގެ ކެޕްޓަނެވެ.
ސަލާމަތްކުރި ގޮތް މި ހާދިސާގައި ލޯންޗު ބަންޑުން ޖަހާލުމުން ކަނޑުވެފައި ތިއްބައި، އެމީހުން ފުރަތަމަ ނަގާފައިވަނީ އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ "ބީޗް ސްޓޯން" ނަމަކަށް ކިޔާ ލޯންޗަކަށެވެ.
އެއަށްފަހު އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓަށް އެ މީހުން ބަދަލުކޮށް، މިއަދު ހެނދުނު 09:40 ހާއިރު ވަނީ ސަލާމަތްތެރިކަމާ އެކު މާލެ ގެނެސްދީފައެވެ.
މި ހާދިސާގައި ކަނޑުވި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
