މިއަހަރުގެ ރޯދަ މަހަކީ ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި މުސްލިމުންނާ ބައްދަލުކުރާ އެންމެ "ތަފާތު" ރޯދަ މަހަށް ވެގެންދާނެ ކަމަށް ފަލަކީ އިލްމުވެރިންނާއި ސައިންސްވެރިން ބުނަން ފަށައިފިއެވެ. މޫސުމީ ގޮތުންނާއި ވަގުތުގެ ގޮތުން މިފަހަރުގެ ރޯދަ މަހު ހައިރާން ކުރުވަނިވި ބަދަލުތަކެއް ފެންނާނެއެވެ.

1. "ވިންޓަރ ރަމަޟާން": 26 އަހަރަށްފަހު އައި ބަދަލެއް

ފަލަކީ ހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ރޯދަ މަސް މި ދިމާވަނީ ފެބްރުއަރީ މަހާއެވެ. މިއީ މީލާދީ ގޮތުން ބަލާއިރު އުތުރު ހެމިސްފިޔާގެ ގައުމުތަކަށް ފިނި މޫސުމެވެ. އަދި ރާއްޖެއަށް ބަލާއިރު މިއީ "އިރުވައި" މޫސުމުގެ އެންމެ ހިތްގައިމު ދުވަސްވަރެވެ.

އިންޓަނޭޝަނަލް އެސްޓްރޮނޮމިކަލް ސެންޓަރު (އައިއޭސީ) ގެ މެންބަރެއް ކަމަށްވާ ޑރ. ޚާލިދު އަލް-ޒަޢާޤް ވިދާޅުވެފައިވީ "ރޯދަ މަހަކީ ކޮންމެ އަހަރަކު 10 ނުވަތަ 11 ދުވަސް އަވަސްވަމުން އަންނަ މަހެއް. މިގޮތުން މޫސުމީ ބުރު (ސީޒަނަލް ސައިކަލް) ފުރިހަމަކުރަން ރޯދަ މަހަށް 33 އަހަރު ނަގާ. އަޅުގަނޑުމެން މިހާރު މިތިބީ ފިނި މޫސުމުގެ ރޯދަތަކުގެ ފެށުމާ ހިސާބުގައި. މިއީ ރޯދަވެރިންނަށް ލިބޭނެ ވަރަށް ބޮޑު ލުއި ފަސޭހައެއް." ކަމަށެވެ. 


2. ދުވާލުގެ ވަގުތު ކުރުވުން: 

މިފަހަރުގެ ރޯދަ މަހުގެ އެންމެ ޚާއްސަ ކަމަކީ ދުވާލުގެ ވަގުތު ކުރުވުމެވެ. ޚާއްސަކޮށް ދުނިޔޭގެ އުތުރު ބިތުގެ ގައުމުތަކަށެވެ. ރާއްޖެއަށް ބަލާއިރުވެސް، ޖޫން/ޖުލައި މަހު ރޯދަ ހިފުމާ އަޅާބަލާއިރު ފެބްރުއަރީ މަހު އިރުއޮއްސޭ ވަގުތު އަވަސްވާނެއެވެ.

ފަލަކީ ދިރާސާތަކުން ދައްކާ ގޮތުގައި، މި ދުވަސްވަރު އިރު ދައުރުކުރާ ފަލަަކު ހުންނަ ގޮތުން، އަވީގެ ހޫނުމިން (ސޯލާ އިންޓެންސިޓީ) ހުންނާނީ ނިސްބަތުން ދަށުގައެވެ.
ނަތީޖާއެއްގެ ގޮތުން ހަށިގަނޑުން ފެން މަދުވުން ނުވަތަ ޑީހައިޑްރޭޝަން ކުޑަވެ، ކަރުހިއްކުން އިހުސާސްވާ މިންވަރު އެހެން އަހަރުތަކާ އަޅާބަލާއިރު ކުޑަވާނެއެވެ.


3. ހަނދު ސާބިތުކުރުން ވެސް ތަފާތު

މިއަހަރުގެ ރޯދަ މަހުގެ ހަނދު ބެލުމުގައިވެސް ފަލަކީ ގޮތުން ޝައުގުވެރި ކަންތައްތަކެއް އެބަހުއްޓެވެ. ފަލަކީ އިލްމުވެރިން ލަފާކުރައްވާ ގޮތުގައި މިފަހަރުގެ ހަނދު ފެނުމުގެ ފުރުސަތު ބޮޑީ ދުނިޔޭގެ ހުޅަނގުގެ ގައުމުތަކަށެވެ.

އަރަބި ޔުނިއަން ފޯ އެސްޓްރޮނޮމީ އެންޑް ސްޕޭސް ސައިންސަސްގެ ރައީސް އިބްރާހިމް އަލް-ޖަރްވާން ވިދާޅުވެފައިވަނީ "މިއަހަރު ފަލަކީ ގޮތުން ހަނދު އުފަންވާނީ ފެބްރުއަރީ 17 ވަނަ ދުވަހު. ނަމަވެސް އިސްލާމީ ގިނަ ގައުމުތަކަށް އެރޭ ހަނދު ފެނުމުގެ ފުރުސަތު ކުޑަ. އެހެންކަމުން ޝަޢުބާން މަސް 30 ދުވަހަށް ދެމިގެންދިއުމަކީ އެންމެ ގާތް ގޮތް." ކަމަށް އޭނާ ވިދާޅުވެއެވެ. 

މިފަހަރުގެ ރޯދަ މަހަކީ، މޫސުމީ ގޮތުންނާއި ފަލަކީ ގޮތުން ބެލިކަމުގައި ވިޔަސް، މުސްލިމުންނަށް "ރަހުމަތުގެ" ރޯދަ މަހަކަށް ވެގެންދާނެއެވެ. ފިނި މޫސުމުގެ ރޯދަތަކަކީ ޒަމާނުއްސުރެ އިލްމުވެރިން ސިފަކުރައްވާ ގޮތުގައި "އަޅުކަންވެރިންނަށް ލިބޭ ފަސޭހަ ކަމެކެވެ.