މިހާރަކަށް އައިސް ކައިވެނިތައް ރޫޅުމާއި، ދެމަފިރިންގެ ދެމެދުގައި ޝައްކާއި ވަހުމް އުފެދުމުގެ އެންމެ ބޮޑު އެއް އަސްލަކީ "ސްމާޓް ފޯނު" އެވެ. ގިނަ އަނބިންނަށް (އަދި ފިރިންނަށްވެސް)، ބައިވެރިޔާ ނުފެންނަ ހިސާބުގައި ފޯނު ބާއްވާފައި އޮންނައިރު، އެ ފޯނު ނަގައި "ޗެކްކޮށްލުމުގެ" ޝައުގުވެރިކަން ވަރަށް ބޮޑަށް އުފެދެއެވެ.

ނަމަވެސް، މިއީ އިސްލާމީ ނަޒަރަކުން ބަލާއިރު ކޮންކަހަލަ ކަމެއް ހެއްޔެވެ؟

ޝެއިޚް އާސިމް އަލް-ޙަކީމްގެ ފަތުވާ

މި ސުވާލަށް ޖަވާބު ދެއްވަމުން، ސައުދީ އަރަބިއްޔާގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް އާސިމް އަލް-ޙަކީމް ވިދާޅުވެފައިވަނީ، ޝަރުޢީ މަޤްބޫލު އުޒުރެއް ނެތި ފިރިމިހާ ނުވަތަ އަނބިމީހާގެ ފޯނު ޗެކްކުރުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމް ކަމެއް ކަމަށެވެ.

 

"ތިބާގެ ފިރިމިހާގެ ފޯނު ޗެކްކުރުމުގެ ހައްގެއް ތިބާއަކަށް ލިބިގެން ނުވެއެވެ. އަދި ހަމައެފަދައިން ފިރިމިހާއަށްވެސް އަނބިމީހާގެ ފޯނު ޗެކްކުރުމުގެ ހައްގެއް ނެތެވެ. މިއީ ﷲ ތަޢާލާ މަނާކުރައްވާފައިވާ 'ތަޖައްސުސް' (ޖާސޫސްކުރުން) ގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެކަކު އަނެކަކަށް ޖާސޫސްކުރުމަކީ ބޮޑުވެގެންވާ ފާފައެކެވެ." -ޝެއިޚް އާސިމް އަލް-ޙަކީމް -


މަނާކުރައްވާ ސަބަބު: އިތުބާރާއި އަމާނާތް

ޝެއިޚް އިތުރަށް ތަފްސީލުކޮށްދެއްވަމުން ވިދާޅުވީ، ކައިވެންޏެއް ބިނާވެފައި އޮންނަންވާނީ "އިތުބާރު" ގެ މައްޗަށް ކަމަށެވެ.

ޝައްކުގެ ބަލި: ޝައްކެއް އުފެދިއްޖެނަމަ، ފޯނު ޗެކްކޮށްގެން އެކަން ހައްލެއް ނުވާނެއެވެ. އޭގެ ބަދަލުގައި ޝައިޠާނާ އެކަމުގެ ތެރެއަށް ވަދެ، ކުުުުދިކުދި ކަންކަން ބޮޑުކޮށް، އާއިލާ ރޫޅާލުމަށް މަގުފަހިކުރެއެވެ.


ޕްރައިވެސީ: ކޮންމެ އިންސާނެއްގެވެސް އަމިއްލަ ސިއްރުތަކެއް ހުރެދާނެއެވެ (މިސާލަކަށް ރަހުމަތްތެރިންނާ ދައްކާފައި ހުންނަ ވާހަކަ ނުވަތަ އާއިލީ ވާހަކަ). އެއީ އަނބިމީހާއަށް ނުވަތަ ފިރިމިހާއަށްވެސް އެނގުން ލާޒިމު ކަންކަމެއް ނޫނެވެ.


ޤުރުއާނުގެ ދަލީލު

ޝެއިޚްގެ މި ވާހަކަފުޅު ބިނާކުރައްވާފައިވަނީ ކީރިތި ޤުރުއާނުގެ ޙުޖުރާތު ސޫރަތުގެ 12 ވަނަ އާޔަތުގެ މައްޗަށެވެ.

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެ ތެރެއިން ގިނަ ކަންތައްތަކާ ދުރުހެލިވާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް (ސިއްރު ކަންތައްތައް ހޯދަން) ތަޖައްސުސް ނުކުރާށެވެ!"


ޗެކްކުރުން ހުއްދަވަނީ ކޮން އިރަކު؟

ޝެއިޚް އާސިމް ފާހަގަކުރައްވާ ގޮތުގައި މިކަން ހުއްދަވާނީ ހަމައެކަނި "ވަރުގަދަ ޤަރީނާ" އެއް ނުވަތަ ޔަގީންކަމާ ގާތްކުރާ ހެއްކެއް ފެންނަން ހުރި ހާލަތުގައެވެ.

މިސާލަކަށް؛

ގެއަށް ޑްރަގްސް ވައްދާތަން ފެނުން.
ހިލޭ އަންހެނަކާ އެކު އުޅޭތަން ލޮލަށް ފެނުން.


މިފަދަ ހާލަތެއްގައި "މުންކަރާތް މަނާކުރުމުގެ" ގޮތުން ނުވަތަ ދަރިންނާއި އާއިލާގެ ރައްކާތެރިކަމަށްޓަކައި ބެލިދާނެއެވެ. ނަމަވެސް ހަމައެކަނި "ހިތަށް އަރާ ޝައްކަކަށް" ފޯނު ހާވައިގެން ނުވާނެއެވެ.

އެހެންކަމުން، ފިރިމިހާ ފާހާނާއަށް ވަންނަ ގަޑީގައި ނުވަތަ ނިދާފައި އޮންނަ ގަޑީގައި ސިއްރުން ފޯނު ހުޅުވުމަކީ "ސްމާޓް" އަނބިމީހާ ކުރާނެ ކަމެއް ނޫނެވެ. އެއީ ފާފައެކެވެ. އުފާވެރި ހަޔާތެއް ބޭނުންނަމަ، ޝައްކު ކުރުން ހުއްޓާލައި، އިތުބާރު ކުރާށެވެ. ޝައްކުވާނަމަ ކުރިމަތީގައި ސުވާލުކުރާށެވެ.