މި ޒަމާނުގައި ސޯޝަލް މީޑިއާއާއި އޮފީސް މާހައުލުގައި ހިލޭ އަންހެނުންނާއި ފިރިހެނުން ވާހަކަ ދެއްކުމަކީ ވަރަށް "އާދައިގެ" ކަމެއް ކަމުގައި ވެއްޖެއެވެ. "ހަމައެކަނި ފްރެންޑްސް"، "ކޮލީގްސް" ނުވަތަ "ބްރަދަރ/ސިސްޓަރ" ގެ ނަން ބޭނުންކޮށްގެން ފަށާ މި ގުޅުންތަކަކީ ޝައިޠާނާގެ އެންމެ ނުރައްކާތެރި ދަންތުރައެވެ.

މިކަމުގައި އޮތް ބިރުވެރިކަން އަޅުގަނޑުމެންނަށް އިހުސާސް ނުވަނީ ކީއްވެ ހެއްޔެވެ؟

ޤުރުއާނުގެ އިންޒާރު

މާތް ﷲ ވަނީ ހިލޭ ފިރިހެނުންނާ ވާހަކަ ދައްކާއިރު، އަންހެން ކަނބަލުންނަށް ވަރަށް ވަރުގަދަ އަމުރެއް ކުރައްވާފައެވެ. ސޫރަތުލް އަޙްޒާބުގެ 32 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ:

"...ފަހެ، ތިޔަކަނބަލުން (ހިލޭ ފިރިހެނުންނާ ވާހަކަދައްކާއިރު) ވާހަކަ މަޑުމައިތިރި ނުކުރާށެވެ! (އެބަހީ: އަންހެންވަންތަ ރާގަށް ވާހަކަ ނުދައްކާށެވެ!) އޭރުން، އެމީހެއްގެ ހިތުގައި ބަލިމަޑުކަމެއް (އެބަހީ: ނުބައި އެދުންވެރިކަމެއް) ހުންނަ މީހާ، ދަހިވެތިވެދާނެއެވެ."


މިއަދު އަޅުގަނޑުމެންގެ ފޯނުތަކުން ފޮނުވާ "ލޯބި އިމޯޖީ" ތަކާއި، "ހީލާފައި" ފޮނުވާ ވޮއިސް ނޯޓުތަކަކީ މި އާޔަތުގައި މަނާކުރައްވާފައިވާ "އަޑު މަޑުކުރުމުގެ" ތެރެއަށް ވަންނަ ކަންކަމެވެ.

މުފްތީ މެންކްގެ ނަސޭހަތް: "ޝައިޠާނާގެ ފިޔަވަޅުތައް"

ދުނިޔޭގެ މަޝްހޫރު ޢިލްމުވެރިޔާ މުފްތީ އިސްމާޢީލް މެންކް، ޒުވާނުންނަށް ދެއްވާ ނަސޭހަތެއްގައި މިކަމުގެ ނުރައްކާ ސިފަކޮށްދެއްވާފައިވަނީ ވަރަށް ފުރިހަމަ މިސާލަކުންނެވެ.

ވިދާޅުވެފައިވެއެވެ:

"ޒިނޭއަށް މަގުފަހިވަނީ އެއް ރެއަކުން ނޫނެވެ. އެއީ ފިޔަވަޅަކަށްފަހު ފިޔަވަޅެކެވެ. ފުރަތަމަ ފޮނުވާލަނީ 'ސަލާމް' އެކެވެ. ދެން 'ހާލު ކިހިނެއް؟' އެވެ. ދެން އަންނަނީ 'ސްމައިލީ' އެކެވެ. އޭގެ ފަހުން ޒާތީ ވާހަކަތަކެވެ. ޝައިޠާނާ ކަލޭ ގާތު އެއްފަހަރާ ގޮސް ފާފައެއް ކުރާކަށް ނުބުނާނެއެވެ. އޭނާ ކަލޭ ލައްވާ އެކަން ކުރުވާނީ 'ރަހުމަތްތެރިކަމުގެ' ނަމުގައެވެ. ހަނދާންކުރާށެވެ! ހިލޭ ފިރިހެނަކާއި އަންހެނަކު އެކަހެރިވާނަމަ، (އެއީ ޗެޓް ލޮގުގައި ކަމަށް ވިޔަސް)، ތިންވަނަ ފަރާތަކީ ޝައިޠާނާއެވެ."

 - މުފްތީ މެންކް -


ސައިންސްވެރިންގެ ހޯދުން: އިމޯޝަނަލް އެފެއަރޒް

ނަފްސާނީ އިލްމުވެރިން  ބުނާގޮތުގައި، ޖިސްމާނީ ގުޅުމަކަށް ދިއުމުގެ ކުރިން މީހުން ޝިކާރަވަނީ "އިމޯޝަނަލް އެފެއަރ" ނުވަތަ ޖަޒުބާތީ ގުޅުމެއްގެ ތެރެއަށެވެ. މިއީ ހަމައެކަނި ވާހަކަ ދެއްކުމުން ފެށޭ ކަމެކެވެ.

އޮފީހުގެ ކަމަކު ކަމަށް ބުނެ ފަށާ ވާހަކަ، އަމިއްލަ ދިރިއުޅުމުގެ ޝަކުވާތަކަށް ބަދަލުވެއެވެ.
އަމިއްލަ ފިރިމިހާ ނުވަތަ އަނބިމީހާއަށްވުރެ ބޮޑަށް، އެ "އެކުވެރިޔާ" އަށް އިތުބާރު ކުރެވެން ފަށައެވެ.
މިއީ އިސްލާމްދީން "ސައްދުއް ޛަރާއިޢު" (ނުބައި ކަމަކަށް މަގުފަހިވާ ދޮރު ބަންދުކުރުން) ގެ އުސޫލުން މަނާކުރައްވާފައިވާ ސަބަބެވެ.


ރައްކާތެރިވާނީ ކިހިނެއް؟

ޒަރޫރަތަށްވުރެ އިތުރަށް ވާހަކަ ނުދެއްކުން: މަސައްކަތުގެ މާހައުލުގައިވެސް ހަމައެކަނި ބޭނުންވާ ވަރަށް ވާހަކަ ދައްކާށެވެ.
ޕްރައިވެޓް ޗެޓް ނުކުރުން: ގްރޫޕްތަކުގައި ވާހަކަ ދެއްކިދާނެއެވެ. އެކަމަކު ވަކިން ޑީއެމް (DM) ކުރުމަކީ ފިތުނައިގެ ފެށުމެވެ.
ހިތް ސާފުކަމަށް ދައުވާ ނުކުރުން: ތިމާގެ ހިތް ކިތަންމެ ސާފުވިޔަސް، އަނެކާގެ ހިތުގައި އޮތް އެއްޗެއް ނޭނގޭނެއެވެ. ﷲ ގެ ވަޙީ ބަސްފުޅަށް ބޯލަނބާށެވެ.

ކުޑަކުޑަ މެސެޖަކުން ފެށިގެން، އުފާވެރި އާއިލާތައް ރޫޅިފައި އެބަހުއްޓެވެ. "ބިރުވެރިކަން" އޮތީ މިހިސާބުގައެވެ. ﷲ ހަރާމް ކުރެއްވި ކަމެއްގައި "ބަރަކާތެއް" އަދި "ހަމަޖެހުމެއް" ނޯންނާނެއެވެ.