ކައިވެންޏަކީ އިސްލާމްދީނުގައި ވަރަށް މަތިވެރި ގަދަރެއް ދެވިފައިވާ، މުގައްދަސް ގުޅުމެކެވެ. ޑރ. މުޙައްމަދު ޞާލިޙް 2025 ވަނަ އަހަރު "އިސްލާމްއޮންވެބް" ގައި ޝާއިޢުކުރައްވާފައިވާ "އިސްލާމިކް މެރިޓަލް އެތިކްސް އިން ޗޭންޖިން ވޯރލްޑް: ބެލެންސިން ކޮންޕެޝަން، ރެސްޕޮންސިބިލިޓީ އެންޑް އެޑަޕްޓަބިލިޓީ" މި މަޒުމޫނުގައި ފާހަގަކުރައްވާފައިވާ ފަދައިން، މިއަދުގެ ބަދަލުވަމުންދާ ދުނިޔޭގައި ކުރިމަތިވާ މާލީ ދަތިތަކާއި، އިޖުތިމާޢީ ދައުރުތަކަށް އަންނަ ބަދަލުތަކާއި، ޓެކްނޮލޮޖީގެ ފިއްތުންތަކުން ސަލާމަތްވުމަށް އޮތް އެންމެ ވަރުގަދަ ބާރަކީ ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުން ފެންނަން ހުރި މަތިވެރި އުޞޫލުތަކެވެ.
"ދަ ޑެއިލީ ރިމައިންޑާރ" އިން ތައްޔާރުކޮށްފައިވާ "ދިސް ވިލް ސޭވް ޔުއަރ މެރިއޭޖް!" މި ވީޑިއޯގައި ބަޔާންކޮށްފައިވާ ގޮތުގައި، ކައިވެންޏަކީ ހަމައެކަނި އިޖުތިމާޢީ އެއްބަސްވުމެއް ނޫނެވެ. އެއީ އޯގާތެރިކަމާއި، ކެތްތެރިކަމާއި، އިޙްތިރާމް ބޭނުންވާ ރޫޙާނީ ބައިވެރިވުމެކެވެ. ކައިވެނީގެ ގުޅުން ބަދަހިކުރުމުގެ އެންމެ މުހިންމު ތަނބަކީ މުވާޞަލާތު ކުރުމެވެ. ދެމަފިރިން އެކަކު އަނެކަކުގެ ވާހަކަތައް ރަނގަޅަށް އަޑުއެހުމާއި، ހަރުކަށި ބަސްތަކުން ދުރުހެލިވެ، އެކަކު އަނެކަކަށް ޝުކުރުވެރިވުން އިސްކުރަންޖެހެއެވެ.
މީގެ އިތުރުން، އެކަކު އަނެކަކަށް ހަމްދަރުދީވުމާއި މާފުކުރުމަކީ ކައިވެނި ބަދަހިކޮށްދޭނެ ކަމެކެވެ. ބައިވެރިޔާގެ އިޙްސާސްތައް ދެނެގަނެ، ކުށް ހޯދުމުގެ ބަދަލުގައި މައްސަލަތަކަށް ޙައްލު ހޯދުމަށް އިސްކަންދޭންވާނެއެވެ. ނަމާދުކުރުމާއި، ދީނީ ކަންކަމުގައި އެކަކު އަނެކަކަށް އެހީތެރިވުމަކީ ދެމަފިރިންގެ މެދުގައި އޮންނަ ލޯބި އިތުރުކޮށްދޭނެ ކަމެކެވެ.
ކައިވެނީގެ ދިރިއުޅުމުގައި ހިތްހަމަނުޖެހުންތައް ކުޑަކުރުމަށްޓަކައި ފާޑުކިޔުމާއި ދަށްކޮށްލުމުގެ ބަދަލުގައި ހިތްވަރުދިނުން އިސްކުރަންޖެހެއެވެ. ދެމަފިރިން އެކުގައި ވަގުތު ހޭދަކުރުމަކީ އެކަކު އަނެކަކާ އޮންނަ ގާތްކަން އިތުރުވާނެ ކަމެކެވެ. ކޮންމެ މީހަކީވެސް ތަފާތު މިޒާޖެއްގެ މީހަކަށްވާއިރު، އެ ތަފާތުތަކަށް އިޙްތިރާމްކޮށް ދޫދޭން ދަސްކުރަންޖެހެއެވެ. އަދި އަމިއްލައަށް ޙައްލުނުކުރެވޭ ވަރުގެ ބޮޑެތި މައްސަލަތަކުގައި ދީނީ ޢިލްމުވެރިންނާއި ކައުންސިލަރުންގެ އެހީތެރިކަން ހޯދުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫނެވެ.
މިއަދުގެ މުޖުތަމަޢުގައި ކައިވެނިތައް ރޫޅުން އިތުރުވަމުންދާއިރު، މިފަދަ ނަސޭހަތްތަކުގެ ބޭނުންތެރިކަން ނުހަނު ބޮޑެވެ. މާލީ ދަތިތަކާއި ނަފްސާނީ ބަލިމަޑުކަން އިތުރުވެފައިވާ މި ދުވަސްވަރު، އިސްލާމީ އުޞޫލުތަކުގައި ހިފެހެއްޓުމަކީ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ މަގެކެވެ.
ކައިވެނި ބަދަހިވަނީ ވަގުތީ ޙައްލުތަކަކުން ނޫނެވެ. އެއީ ދެމަފިރިން އެކަކު އަނެކަކަށްޓަކައިވާ ލޯތްބާއި، އިޙްތިރާމާއި، އޯގާތެރިކަމުގެ މައްޗަށް ބިނާވާ ދާއިމީ އާދަތަކެއްގެ ސަބަބުންނެވެ. ކައިވެނީގެ ގުޅުން ދެމެހެއްޓުމަށްޓަކައި ކޮންމެ ދުވަހަކުވެސް ކުދިކުދި ހެޔޮ އަމަލުތައް ކުރުމަކީ އުފާވެރި އާއިލާއެއް ބިނާކުރުމުގެ އަސާސެވެ.
ކައިވެންޏަކަށް ހުށަހެޅިގެން އަންނަ އިރު، ތިބާގެ އުންމީދުތައް މެދުމިނުގައި ހިފަހައްޓާށެވެ. އިސްލާމް ދީނަކީ މެދުމިނުގެ ދީނެވެ. އުންމީދުތައް އިންތިހާއަށް ބޮޑުކޮށް އުންމީދުކޮށްގެން އައުމަކީ އަބަދުވެސް މާޔޫސްކަމާއި މޮޅިވެރިކަން ކުރިމަތިވާނެ ކަމެކެވެ. އެހެނީ ތިބާ އާއި ތިބާގެ ބައިވެރިޔާ އަކީވެސް އިންސާނެއް ކަމުގައި ވުމެވެ. އަބަދުވެސް މެދުނިމެއްގެ އުންމީދަކައިގެން ކައިވެންޏެއް ކުރާނަމަ، ދިރިއުޅުމުގައި ދިމައިވާ ކުދިކުދި ކަންކަމުންވެސް އަގުނުކުރެވޭފަދަ ބޮޑެތި ހިތްހަމަޖެހުންތަކާ އިންސާނާ ކުރިމަތިލާނެއެވެ. މާޔޫސްކަމާއި މޮޅިވެރިކަމުގެ ބަދަލުގައި ދެމަފިރިން ވަށާލެވިފައިވާނީ ހިނިތުންވުމުގެ ކުދި ކުދި ހަރަކާތްތަކަކުންނެވެ.
މިހުރިހާ ކަމަކީވެސް އިސްލާމީ ރިވެތި އުސޫލުތަކާއި އިރުޝާދު ތަކެވެ. މިއީ ޤުރުއާނާއި ސުންނަތުގެ އަލީގައި އަހަރެމެންގެ ދިރިއުޅުން ބައްޓަން ކުރާން އަންގަވާފައިވާ ރިވެތި ގޮތެވެ. އިސްލާމް ދީނަކީ އާލަމްތަކަށް ރަހުމަތެއް ކަމުގައި ބާވައިލެއްވި އިލާހީ ދަންމަރެވެ. ތިބާގެ ޒަވާޖީ ހަޔާތް ބާއްޖަވެރިކުރަން އެދޭނަމަ ހުޅަނގުގެ ވައްޓަފާޅިތަކަށް ތަބައަވުން ދޫކޮށް، އިސްލާމީ ރިވެތި ހުދޫދުގައި ހިފަހައްޓާށެވެ!
ހަވާލާ: ޑރ. މުޙައްމަދު ޞާލިޙް (2025) - "އިސްލާމިކް މެރިޓަލް އެތިކްސް އިން ޗޭންޖިން ވޯރލްޑް: ބެލެންސިން ކޮންޕެޝަން، ރެސްޕޮންސިބިލިޓީ އެންޑް އެޑަޕްޓަބިލިޓީ"
